ކ. މާލެ
|
29 ޑިސެންބަރ 2017 | ހުކުރު 10:59
 ކޯރޭ ލޮވެންޑޯސްކީ
ކޯރޭ ލޮވެންޑޯސްކީ
ގެޓީ އިމޭޖަސް
ލަވަކިޔުންތެރިޔާ ޖޮއި ވިލާ
ޓްރަމްޕްގެ ކުރީގެ ކެމްޕޭން މެނޭޖަރު ޖިންސީ ގޯނާ ކުރި ކަމަށް ލަވަކިޔުންތެރިޔާ ޖޮއި ވިލާ ބުނެފި
މިހާރު މި މައްސަލަ ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކުރީގެ ކެމްޕޭން މެނޭޖަރ ކޯރޭ ލޮވެންޑޯސްކީގެ ފަރާތުން ޖިންސީ ގޯނާއާ ކުރިމަތިލާން ޖެހުނު ކަމަށް އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖޮއި ވިލާ ބުނެފިއެވެ.

ޖޮއި ވިލާ ބުނީ މިދިޔަ މަހުގެ ތެރޭގައި ޓްރަމްގެ ވެރިކަމަށް އެއް އަހަރު ފުރުން ފާހަގަކުރަން ވޮޝިންގްޓަންގައި ބޭއްވި ހަފްލާގެ ތެރޭގައި އޭނާގެ ފޫކޮޅުގައި އަތްލައި އޭނާގެ ފޫކޮޅުގައި ދެފަހަރެއްގެ މަތިން ކޯރޭ އަތުން ޖަހާފައިވާ ކަމަށެވެ. އެކަން ނުކުރުމަށް ކޯރޭގެ ކިބައިން އޭނާ އެދުނު ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި އެކަމާ އޭނާ ހުރީ ލަދުން ކަމަށާއި އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމަށް އޭނާ އަށް ހިތްވަރުދިނީ އޭނާގެ ރައްޓެހިން ކަމަށް ވަނީ ބުނެފައެވެ.

ކޯރޭ ޖެހިތަން އޭނާގެ ރައްޓެއްސަކަށް ފެނިގެން އެތަނުގައި އެވާހަކަ ދައްކާފައިވާ ކަމަށް ޖޮއި ވިލާ ވަނީ ބުނެފައެވެ. ޖޮއި ވިލާ ބުނީ އޭނާ ފުލުހަށް މައްސަލަ ހުށައެޅުމަކީ ގޯހެއް ކަމަށް ނުދެކޭ ކަމަށާއި އެކަން ކުރީ އޭނާގެ ކިބައިން ކޯރޭ މައާފަށް ނޭދުމުން ކަމަށެވެ.

އޭނާ ވަނީ ކޯރޭ ޖެހުމުގެ ސިކުންތެއް ކުރިން ކަމަށް ބުނެ ނަގާފައިވާ ފޮޓޯއެއް ޓްވިޓާގައި ވެސް އާންމުކޮށްފައެވެ.

ޖޮއި ވިލާއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ. އަދި 2016 ވަނަ އަހަރު ޓްރަމްޕްގެ ކެންޕެއިން ސްލޯގަން ކަމަށްވާ "މޭކް އެމެރިކާ ގްރޭޓް އަގެއިން" ބޭނުންކޮށްގެން، މިއަހަރުގެ ގްރޭމީ އެވޯޑްގައި އޭނާ ވަނީ ލަވައެއް ވެސް ހުށަޙަޅައިދީފައެވެ.

އެމެރިކާގެ ކޮންގްރެސްގައި ވާދަކުރާނެ ކަމަށް މީގެ ކުރިން ޖޮއި ވިލާ ވަނީ ޓްވީޓް ވެސް ކޮށްފައެވެ. ޑޮނަލްޑް ޓްރަމްޕް ވަނީ އެޓްވީޓަށް ސަޕޯޓް ވެސް ކުރައްވާފައެވެ.

 ޓްރަމްޕްގެ ކެންޕެއިން މެނޭޖަރުކަމުން ކޯރޭ ވަކިކުރީ މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.

ޓްރަމްޕްގެ ކެންޕެއިން ތެރޭގައި އަންހެން ރިޕޯޓަރަކު އަތުގައި ހިފައި ގަދަކަމުން ދުރުކުރި މައްސަލައެއް ވެސް މި އަހަރުގެ ކުރީކޮޅު ކޯރޭގެ މައްޗަށް ސާބިތުވެފައިވެއެވެ. 

ޖޮއި ވިލާ މި މައްސަލަ ފުލުހަށް ހުށައަޅާފައި ވީ ނަމަވެސް އަދި ކޯރޭ މިކަމާ މެދު އެއްޗެއް ބުނެފައެއް ނުވެއެވެ.

ފަހަކަށް އައިސް ހޮލީވޫޑާއި އެމެރިކާގެ މިއުޒިކް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަންނާނުން ގެންދަނީ ޖިންސީ ފުރައްސާރައާ ދެކޮޅަށް ވަރަށް ބޮޑަށް އަޑުއުފުލަމުންނެވެ. އެގޮތުން ބައެއް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނާއި އެކުގައި މަސައްކަތްކުރާ ފިރިހެން ތަރިންގެ ފަރާތުން ކުރިމަތިވެފައިވާ އަދި ކުރިމަތިވަމުންދާ ޖިންސީ ފުރައްސާރަ އާއި ގޯނާތަކާ ބެހޭ ގޮތުން މަޝްހޫރު އެތައް ތަރިންނެއް ވަނީ އަޑު އުފުލާފައެވެ. އަދި ފިލްމް އުފައްދާ ފަރާތްތަކުން ފިލްމްތައް ހޯދައިދިނުމަށް އަންހެން ދަރިން "ޖިންސީ އަޅުން"ގެ ގޮތުގައި ބޭނުންކުރާ މައްސަލަތައް ވެސް ވަނީ ފެންމަތިވެފައެވެ. އޭގެ ތެރޭގައި މަޝްހޫރު އެތައް އަންހެން ފަންނާނުންނެއް ވަނީ ކާމިޔާބު ތަރިންނަށް ވުމަށްޓަކައި އެ މީހުން ކުރި އުނދަގޫ ދަތުރާއި އެ ފަރާތްތަކަށް ދިމާވި އެކި ހާދިސާތައް މީޑިއާތަކަށް ތިލަކޮށްފައެވެ. ކަމާ ބެހޭ ފަރާތްތަކުން ގެންދަނީ މިފަދަ ބައެއް މައްސަލަތައް ތަހުގީގު ވެސް ކުރަމުންނެވެ. 

- ކޮމެންޓް