ލައިބީރިއާގެ ރިޔާސީ އިންތިޚާބު، އެގައުމުގެ ކުރީގެ ފުޓްބޯޅަ ތަރި ޖޯޖް ވިއާ ކާމިޔާބުކުރި ކަމަށް ވަގުތީ ނަތީޖާތަކުން ދައްކައިފި އެވެ.
އަންގާރަ ދުވަހު ބޭއްވި ލައިބީރިއާގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ބެހެއްޓި ވޯޓު ފޮށީގެ ތެރެއިން ބޮޑު އިންސައްތައެއްގެ ވޯޓު ގުނާ ނިމިފައިވާއިރު، ޖޯޖް ވިއާ ވަނީ ބޮޑު އަގުލަބިއްޔަތަކުން ކުރި ހޯއްދަވާފައެވެ.
ލައިބީރިއާގެ އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިންތިޚާބުގައި ބެހެއްޓި ވޯޓު ފޮށިތަކުގެ 98 އިންސައްތަ ގުނާ ނިމިފައިވާއިރު، ކޮންގްރެސް ފޯ ޑިމޮކްރެޓިކް ޗޭންޖް ޕާޓީގެ ޖޯޖް ވިއާ ވަނީ 61.5 އިންސައްތަ ވޯޓު ހޯއްދަވާފައެވެ. މި އިންތިޚާބުގައި ޖޯޖް ވިއާ އާ ވާދަކުރި އެގައުމުގެ މިހާރުގެ ނައިބު ރައީސް އަދި ވެރިކަން ކުރާ ޔުނިޓީ ޕާޓީގެ ކެންޑިޑޭޓް ޖޯސެފް ބޯކާއީ އަށް ލިބިވަޑައިގެންނެވީ 38.5 އިންސައްތަ ވޯޓެވެ.
އިންތިޚާބުގެ ވަގުތީ ނަތީޖާ އަށްފަހު ޖޯޖް ވިއާގެ ސަޕޯޓަރުން ވަނީ ވެރިރަށް މޮންރޯވިއާގެ މަގުތަކަށް ނިކުމެ އުފާ ފާޅު ކުރަން ފަށާފައެވެ.
މި އިންތިޚާބުގެ ވަގުތީ ނަތީޖާ ހުކުރު ދުވަހުގެ ވަގުތެއްގައި އިޢުލާން ކުރާނެ ކަމަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
ލައިބީރިއާގެ މިހާރުގެ ރައީސާ އެލެން ޖޯންސަން ސިރްލީފްގެ ހަ އަހަރުގެ ދެވަނަ ދައުރު ނިމުމާއެކު، ލައިބީރިއާގެ ރިޔާސަތާއި ޖޯޖް ވިއާ ހަވާލުވުން ވެގެންދާނީ 1944 ވަނަ އަހަރުގެ ފަހުން އެގައުމުގައި ޑިމޮކްރެޓިކް އުސޫލުން ވެރިކަން ބަދަލުވާ ފުރަތަމަ ފަހަރަށެވެ.
ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ލައިބީރިއާގެ ފުރަތަމަ އަންހެން ރައީސާ ސިރްލީފް، ރިޔާސީ ދެވަނަ ދައުރަކަށް 2005 ވަނަ އަހަރު އިންތިޚާބުވީ، އެ އިންތިޚާބުގެ ދެވަނަ ބުރުގައި ޖޯޖް ވިއާގެ މައްޗަށް ކުރި ހޯއްދެވުމަށްފަހު އެވެ. ލައިބީރިއާގެ ގާނޫނު އަސާސީ ބުނާ ގޮތުން، އެއް ބޭފުޅަކަށް ދެ ދައުރަށްވުރެ އިތުރަށް ވެރިކަމުގައި ހުންނެވޭނެ ފުރުޞަތު ނެތުމާއެކު، މި އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ސިރްލީފް އަށް ވަނީ ބަންދުވެފައެވެ.
އޮކްޓޯބަރު މަހު ބޭއްވި ލައިބީރިއާގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 51 އަހަރުގެ ވިއާ އަށް ލިބިފައިވަނީ 38.4 އިންސައްތަ ވޯޓެވެ. ފުރަތަމަ ބުރުން ދެވަނަ ހޯއްދެވި 73 އަހަރުގެ ބޯކާއީ އަށް ލިބިވަޑައިގެންނެވީ 28.8 އިންސައްތަ ވޯޓެވެ.
މި ދެ ކެންޑިޑޭޓުންގެ މެދުގައި އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށް ފުރަތަމަ ތާވަލް ކުރީ މިދިޔަ ނޮވެމްބަރު މަހުގެ އަށްވަނަ ދުވަހަށެވެ. އެހެންނަމަވެސް އިންތިޚާބާ ގުޅޭ ގޮތުން ހުށަހެޅުނު ޝަކުވާތަކާމެދު ގޮތެއް ނިންމުމަށް ވަގުތު ދިނުމަށް އެގައުމުގެ ސުޕްރީމް ކޯޓުން ނެރުނު އަމުރަކާއި ގުޅިގެން އިންތިޚާބު ޑިސެމްބަރު މަހަށް ފަސްކުރީ އެވެ.
ދުނިޔެ ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޖޯޖް ވިއާ އަކީ، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ފީފާ ވޯލްޑް ޕްލޭޔަރ އޮފް ދަ އިޔަރ އަދި ބެލޮންޑޯ އެވޯޑް ހޯދި އެފްރިކާގެ ފުރަތަމަ އަދި ހަމައެކަނި ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. އޭނާގެ ކާމިޔާބު ފުޓްބޯޅަ ކެރިއަރުގައި އިޓަލީގެ އޭސީ މިލާން، އިނގިރޭސިވިލާތުގެ ޗެލްސީ، މެންޗެސްޓަރ ސިޓީ އަދި ފްރާންސްގެ މޮނާކޯ، ޕެރިސް ސެއިންޓް ޖަމައިން ފަދަ ދުނިޔޭގެ ބޮޑެތި ކްލަބްތަކަށް ކުޅެފައިވެއެވެ.
2002 ވަނަ އަހަރު ފުޓްބޯޅައިން ރިޓަޔަރ ކުރެއްވުމަށްފަހު ސިޔާސީ ދާއިރާ އަށް ނިކުންނެވި ޖޯޖް ވިއާ އަކީ ލައިބީރިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެކެވެ.
ސިޔާސީ ދާއިރާ އަށް ވަދެވަޑައިގެންނެވުމަށްފަހު އޭނާ ފުރަތަމަ ވާދަ ކުރެއްވީ 2005 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައެވެ. އެ އިންތިޚާބުގެ ދެވަނަ ބުރުގައި ލިބުނު ނާކާމިޔާބީ އަށްފަހު، 2011 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައިވެސް ވާދަކުރެއްވުމަށް ވިއާ ނިންމެވިއެވެ. އެހެންނަމަވެސް އިންތިޚާބަށް ނުކުންނެވުމަށް އިއްތިޙާދެއް އެކުލަވާނުލެވުމުގެ ސަބަބުން އެއިންތިޚާބަށް އޭނާ ނިކުމެވަޑައިގެންނެވީ ވިންސްޓަން ޓަބްމަންގެ ރަނިންގމޭޓްގެ ގޮތުގައެވެ.
ރިޔާސީ 2 އިންތިޚާބެއްގެ ނާކާމިޔާބީ އަށްފަހު، 2014 ވަނަ އަހަރު ވިއާ ވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގޮނޑި އެއް ކާމިޔާބު ކުރައްވާފައެވެ. ޤާނޫނު ހަދާ މަޖިލީހުގެ މޮންޓްސެރާޓޯ ކައުންޓީގެ ގޮނޑި ވިއާ ކާމިޔާބު ކުރެއްވީ ރައީސާ ސިރްލޯފްގެ ދަރިކަލުން ރޮބަޓް ސިރްލޯފްގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ. އެ އިންތިޚާބުގައި ވިއާ އަށް 78 އިންސައްތައިގެ ބޮޑު އަގުބަލިއްޔަތެއް ލިބިގެންދިޔައިރު، ރޮބަޓް ސިރްލޯފަށް ލިބިވަޑައިގެންނެވީ 11 އިންސައްތަ ވޯޓެވެ.