ސައުދީ އަރަބިއްޔާއާ ގުޅިފައިވާ އަސްކަރީ ފައުޖުން ޔަމަނަށް ދެމުން ގެންދާ ވައިގެ ހަމަލާތަކުގައި ފާއިތުވެދިޔަ 10 ދުވަހު އާންމުންގެ 109 މީހުން މަރުވެފައިވާ ކަމަށް ޔަމަނުގައި ހަރަކާތްތެރިވާ އދ. ގެ އެންމެ އިސް އޮފިޝަލު ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ.
ޔަމަނުގައި ހަރަކާތްތެރިވާ އދ. ގެ އެންމެ އިސް އޮފިޝަލް ކަމަށްވާ އދ. ގެ ރެޒިޑަންޓް ކޯޑިނޭޓަރު ޖެމީ މެކްގޯލްޑްރިކް، ޔަމަނުގައި ހިނގަމުންދާ ހަމަނުޖެހުން ސިފަކުރެއްވީ ބޭކާރު މޮޔަކަމެއްގެ ގޮތުގައެވެ. ޔަމަނުގެ ހޫޘީ ހަނގުރާމަވެރިންނާ ދެކޮޅަށް ސައުދީ އަރަބިއްޔާ އާއި ގުޅިފައިވާ އަސްކަރީ ފައުޖުން ހަމަލާދެމުންދާއިރު އެމެރިކާ އާއި އިގިރޭސިވިލާތް ފަދަ ބާރުގަދަ ގައުމުތަކުން ސައުދީ ގުޅިފައިވާ އަސްކަރީ ފައުޖަށް ދަނީ ވާގިވެރިވަމުންނެވެ.
ރެޒިޑެންޓް ކޯޑިނޭޓަރު ޖެމީ މެކްގޯލްޑްރިކް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސައުދީ ކޯލިޝަނުން މާރުކޭޓަކަށް ދިން ހަމަލާއެއްގައި އަންގާރަ ދުވަހު އެކަނިވެސް 54 މީހަކު މަރުވެ 32 މީހަކު ޒަޚަމްވި ކަމަށެވެ. އަދި މިހަމަލާގައި ޒަޚަމްވި އަދި މަރުވި ފަރާތްތަކުގެ ތެރޭގައި ކުޑަކުދިން ހިމެނޭ ކަމަށް ވެސް ބަޔާނުގައިވެއެވެ.
ޖެމީ މެކްގޯލްޑްރިކް ވިދާޅުވީ ޔަމަނުގައި ހިގަމުންދާ ހަނގުރާމައިން ދޭހަވެގެން ދަނީ ހަނގުރާމައިގައި ޝާމިލުވާ އެއްވެސް ފަރާތަކުން އިންސާނުންގެ ފުރާނައަށް ނުބަލާކަން ކަމަށާއި ގައުމު ދަނީ ހަލާކުގެ ތެރެއަށް ވެއްޓެމުން ކަމަށެވެ.
ޔަނަނުގައި ހިނގަމުންދާ ހަނގުރާމައާ ގުޅޭ ގޮތުން އދ. އިން ބުނެފައި ވަނީ ޔަމަނުގައި ހިނގަމުން ދަނީ އެންމެ ގޯސް އިންސާނީ ކާރިސާކަމުގައެވެ.
ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހްގެ ސަރުކާރާ ދެކޮޅަށް 2011 ވަނަ އަހަރު ޔަމަނުގައި ފެށުނު މުޒާހަރާތަކުގައި ނުކުތް ހޫޘީން، ސާލިހްގެ ޕާޓީއާއެކު ކޯލިޝަން ހަދައިގެން، އެގައުމުގައި އޮތް ބައިނަލްއަގްވާމީ މުޖުތަމައު ގަބޫލުކުރާ ރައީސް އަބްދު ރައްބޫ މަންސޫރު ހާދީގެ ސަރުކާރާ ދެކޮޅަށް ނުކުމެފައި ވަނީ 2014 ވަނަ އަހަރުއެވެ.
މި އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު ސާލިހް އަވަހާރަކޮށްލާފައިވީ ނަމަވެސް ސަންއާގެ ކޮންޓްރޯލް އަދިވެސް އޮތީ ހޫޘީންގެ އަތުގައެވެ.