ޓިއުނީޝިއާ އެކު އިގްތިސާދީ ގުޅުން ވަރުގަދަ ކުރުމަށް ނިންމާފައިވާ ކަމަށް ދެ ގައުމުގެ ލީޑަރުން ވިދާޅުވެއްޖެއެވެ.
މިކަން އިއުލާނު ކުރައްވާފައި ވަނީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އޮރްދޮޣާން އުތުރު އެފްރިކާގެ ބައެއް ގައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޓިއުނީޝިއާ އަށް ވަޑައިގެން އެގައުމުގެ ރައީސް ބަޖީ ކާއިދް އަސަބްސީއާ އެކު އެއް ގައުމު އަނެއް ގައުމުން އެއްބާރުލުން ދިނުމަށް އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ފަހުއެވެ.
ތުރުކީގެ ރައީސް އާއި ޓިއުނީޝިއާގެ ރައީސް ބަޖީ ކާއިދް އަސަބްސީ ބައްދަލުކުރައްވާފައި ވަނީ ވެރިރަށް ތޫނިސްގައި ހުންނަ ރިޔާސީ ގަނޑުވަރުގައި ބުދަދުވަހުއެވެ.
ދެ ލީޑަރުން ވަނީ ޑިފެންސް ދާއިރާ އާއި، ތިމާވެށީގެ ދާއިރާ އާއި ވިޔަފާރިއާ ބެހޭ ތަފާތު ހަތަރު އެއްބަސްވުމެއްގައި ސޮއިކުރައްވާފައި ކަމަށް އަނަދޮލޫ ނޫސްއެޖެންސީ ރިޕޯޓްކުރެއެވެ.
އަސަބްސީ އާއި އޮރްދޮޣާން އެކުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އޮރްދޮޣާން ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ދެގައުމުގެ ވިޔަފާރި ހަމަހަމަ ގޮތެއްގައި ކުރިއެރުވުމަށް ކަމަށެވެ.
ތުރުކީ އާއި ޓިއުނީޝިއާއާ ދެމެދު އަސްކަރީ ގޮތުން އެއްބާރުލުން ދިނުމަށް އަލަށް ވެވުނު އެއްބަސްވުމުގެ ދަށުން ޓިއުނީޝިއާގެ ފައުޖުތަކަށް ތުރުކީގައި ތަމްރީންތައް ލިބިގެންދާނެ ކަމަށް ޓިއުނީޝިއާގެ ފޮރިން މިނިސްޓަރ ޚެމައިސް ޖިނައުއީ ވިދާޅުވި ކަމަށް އެ ގައުމުގެ ނޫސް އޭޖެންސީ، އޭޖެންސް ތޫނިސް އަފްރިކޭ ޕްރެސް އިން ބުނެއެވެ.
ޓިއުނީޝިއާގައި ދިގު މުއްދަތެއް ވަންދެން ވެރިކަންކުރެއްވި ޒައިނުލް އާބިދީން ބިން އަލީގެ ވެރިކަން 2011 ވަނަ އަހަރު ވެއްޓުނު ފަހުން ތުރުކީ އިން ގެންދަނީ އެގައުމާ އެކު އޮންނަ ގުޅުން ބަދަހިކުރަމުންނެވެ.
ޓިއުނީޝިއާ އަށް އޮރްދޮޣާން ވަޑައިގެންފައި ވަނީ ޗާޑް އަދި ސޫދާން ހިމެނޭ ގޮތުން ތިން ގައުމަށް ކުރެއްވި ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައެވެ.
ރައީސް އޮރްދޮޣާންގެ ދަތުރުފުޅާ ދިމާކޮށް ނޭޝަނަލް ޔޫނިއަން އޮފް ޓިއުނީޝިއަން ޖާނަލިސްޓުން ވަނީ، ޖަލަށްލާފައިވާ ތުރުކީގެ ނޫސްވެރިންނާ އެކުގައި ތިބިކަން ހާމަކޮށް މުޒާހަރާކޮށްފައެވެ.
ނިއުޔޯކްގައި ގާއިމްކުރެވިފައިވާ ޖަމިއްޔާއެއް ކަމަށްވާ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓް އިން ބުނާ ގޮތުގައި ތުރުކީގައި މިހާރު ވެސް ހަތްދިހަ ތިން ނޫސްވެރިން ހައްޔަރުކޮށްފައި އެބަ ތިއްބެވެ.