އިންޓަ މިލާން ބަލިކޮށް ކޮޕާ އިޓާލިއާގެ ފައިނަލުން އޭސީ މިލާން ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލުގައި އިންޓަ މިލާންއާ ދެކޮޅަށް ކުޅުނު މެޗުން އޭސީ މިލާން މޮޅުވެފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ.
މި މެޗުގައި އޭސީ މިލާންގެ ކީޕަރު ޖިއަންލުއީޖީ ޑޮނަރޫމާއަށް އަނިޔާގެ ސަބަބުން ކުޅެވިފައި ނުވާއިރު އެ ޓީމުގެ ގޯލު މި މެޗުގައި ބެލެހެއްޓީ އޭނާގެ ބޭބެ ކަމަށްވާ އެންޓޯނިއޯ ޑޮނަރޫމާއެވެ. މި މެޗުގެ 25 ވަނަ މިނެޓުގައި އިންޓަގެ އިވާން ޕެރިސިޗް އެ ޓީމަށް ލަނޑެއް ޖަހައިދިން ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީއާ ވާހަކަ ދެއްކުމަށް ފަހު މެޗުގެ ހެޑް ރެފްރީ ނިންމާފައިވަނީ އެއީ ބަލައިގަނެވޭނެ ލަނޑެއް ނޫން ކަމަށެވެ.
ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ދެވަނަ ހާފުގައި ވާދަވެރި ކުޅުމެއް ދައްކާފައެވެ. މި ހާފުގައި އިންޓަގެ ޖޯ މަރިއޯ އާއި ޕެރިސިޗް ފޮނުވާލި ހަމަލާތައް ޑޮނަރޫމާ ދިފާއު ކޮށްފައިވެއެވެ. މި ހާފުގައި އޭސީ މިލާންގެ ސޫސޯ ފޮނުވާލި ހަމަލާއެއް އިންޓަގެ ގޯލުގެ ދަނޑިއަށް އަމާޒުވެފައިވާއިރު އޭނާވަނީ އެހެން ނުރައްކާތެރި ހަމަލާއެއް ވެސް ފޮނުވާލާފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ވެސް ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހުމުން މެޗުގެ ނަތީޖާ ނެރުމަށް ދެން ކުޅެފައިވަނީ އިތުރު ވަގުތުގެ ދެ ހާފެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި އޭސީ މިލާންއަށް ލީޑު ނަގައިދިނީ އެ ޓީމަށް ކުޅެމުން އަންނަ އިޓަލީގެ ޒުވާން ފޯވާޑް ޕެޓްރިކް ކަޓްރޯންއެވެ. އޭނާ މި ލަނޑު ޖަހައިދިނީ 104 ވަނަ މިނެޓުގައެވެ. އިތުރު ވަގުތުގެ ދެވަނަ ހާފުގައި އިންޓައިން ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު އެ ޓީމަށް މި މަސައްކަތްތައް ކާމިޔާބުކުރޭ ގޮތް ވެފައެއް ނުވެއެވެ.
މިލާނުން މި މުބާރާތުގެ ސެމީގެ ޖާގައެއް ހޯދާފައިވާއިރު އެ ޓީމުން ވަނީ ޖުމްލަ ފަސް ފަހަރެއްގެމަތިން މި މުބާރާތް ކާމިޔާބު ކޮށްފައެވެ.