އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ޖާނު ގޮއްވާލައިގެން ދިން ހަމަލާއެއްގައި މަދުވެގެން 40 މީހުން މަރުވެ 30 މީހުން ޒަޚަމްވެއްޖެއެވެ.
ހަމަލާ ދީފައި ވަނީ ޝީއީންގެ ސަގާފީ އަދި ދީނީ ޖަމިއްޔާއެއް އަދި މީޑިއާ އޮފީހެއް ކަމަށްވާ އަފްޣާން ވޮއިސް އޭޖެންސީއަށެވެ.
އިންޓީރިއާ މިނިސްޓްރީ އިން ބީބީސީގައި ބުނެފައި ވަނީ އަމިއްލަ ހަށިގަނޑު ގޮއްވާލައިގެން ދިން ހަމަލާގެ ކުރިން އެ ސަރަހައްދުގައި އިތުރު ދެ އެއްޗެއް ވެސް ގޮއްވާލާފައިވާ ކަމަށެވެ.
މި ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އަދި އުފުލާފައެއް ނުވެއެވެ.
ވޭތުވެ ދިޔަ ދުވަސްތަކުގައި ޝީއީންނަށް އަމާޒުކޮށް މިފަދަ ހަމަލާތައް އެ ގައުމުގެ އެކި ކަންކޮޅުތަކުގައި އައިއެސް ޖަމާއަތުން ވަނީ ދީފައެވެ.
ހަމަލާ ދެވުނު ވަގުތު ސެންޓަރުގައި ހިނގަމުންދިޔަ ފޯރަމަކަށް ކިޔަވާ ކުދިން ވެސް ހާޒިރުވެފައިވާއިރު މަރުވި މީހުންގެ ތެރޭގައި ކިޔަވާ ކުދިން ހިމެނެއެވެ.
އަފްޣާނިސްތާނުގެ އިންޓީރިއަރ މިނިސްޓްރީ އިން ބުނީ ޝީއީންގެ ކަލްޗަރަލް ސެންޓަރުގައި އެވަގުތު ހިނގަމުންދިޔައީ ސޯވިއެޓް ޔޫނިއަން އިން އަފްޣާނިސްތާނަށް އަރައިގަތްތާ 38 އަހަރު ފުރުމާ ގުޅިގެން ހިންގި ހަރަކާތްތަކެއް ކަމަށެވެ.