އަންނަ އަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕްގެ އޯގަނައިޒިން ކޮމިޓީގެ ޗެއާމަން ވިޓާލީ މުޓްކޯ އިސްތިއުފާ ދެއްވަފިއެވެ.
އޭނާ މި މަގާމުން އިސްތިއުފާ ދެއްވާފައިވަނީ ސަރުކާރުގެ މަސައްކަތްތަކަށް އިސްކަންދެއްވުމުގެ ގޮތުން ކަމަށް އޭނާ ހާމަކޮށްފައިވެއެވެ. އޭނާއަކީ ރަޝިއާގެ ބޮޑުވަޒީރުގެ ނައިބުކަމުގެ މަގާމު އަދާކުރައްވަމުން އަންނަ ބޭފުޅެކެވެ.
މުޓްކޯ މި މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ވަނީ އޭނާއަށް އޮލިމްޕިކްސްގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭ ގޮތަށް އުމުރު ދުވަހަށް ސަސްޕެންޑް ކޮށްފައެވެ.
އައިއޯސީއިން އޭނާ ސަސްޕެންޑް ކޮށްފައިވަނީ ރަޝިއާގެ ކުޅިވަރު މިނިސްޓަރުގެ ގޮތުގައި އޭނާ ހުރި ދުވަސްވަރު ރަޝިއާގެ އެތްލީޓުން މަނާ ބޭސް ބޭނުންކުރުމަށް ހިތްވަރުދީ އެކަމަށް މަގުފަހި ކޮށްދިނުމުގެ ތުހުމަތުގައެވެ. މި ހުރިހާ ތުހުމަތުތަކެއް ވެސް އޭނާ ވަނީ ދޮގުކޮށްފައެވެ. މި މައްސަލައިގައި އަންނަ އަހަރު އޮންނަ ފިނި މޫސުމުގެ އޮލިމްޕިކްސްއިން ރަޝިއާ ވަނީ ސަސްޕެންޑްކޮށްފައެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށްފަހު މުޓްކޯ ވިދާޅުވީ ވޯލްޑް ކަޕްއަށް ތައްޔާރުވުމަށް ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި އޭނާ އެ މަގާމުގައި ނެތަސް އެކަންކަން ވަގުތަށް ނިމޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. ފީފާއިން ވަނީ މުޓްކޯގެ އިސްތިއުފާ ގަބޫލުކޮށް އޭނާ މިހާތަނަށް ކުރި މަސައްކަތްތަކަށް ޝުކުރު އަދާކޮށްފައެވެ.
ރަޝިއާގައި ބާއްވާ ވޯލްޑް ކަޕް އޯގަނައިޒިން ކޮމިޓީއިން ނެރުނު ބަޔާނެއްގައި ވަނީ އޭނާ އިސްތިއުފާ ދެއްވުމަކީ ވަރަށް ދެރަ ކަމެއް ކަމަށާއި އޭނާ އެ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ވޯލްޑް ކަޕްއަށް ވަމުންދާ ތައްޔާރީތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.
މިދިޔަ މަހުގެ ތެރޭގައި ބީބީސީ ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ އަންނަ އަހަރު އޮންނަ ވޯލްޑް ކަޕާއި ދިމާކޮށް މަނާ ބޭސް ބޭނުންކުރުމުގެ ތުހުމަތުތައް އިތުރުވަމުންދާތީ އެކަމާއި ކަންބޮޑުވާ ކަމަށެވެ. އަދި އެފަދަ ކަމަކަށް ފުރުސަތު ނުދޭނެ ކަމަށްވެސް އޭނާ މި އިންޓަވިއުގައި ބުނެފައިވެއެވެ.
އޭނާ ވޯލްޑް ކަޕް އޯގަނައިޒިން ކޮމިޓީގެ ރައީސްގެ މަގާމުން އިސްތިއުފާ ދީފައިވާއިރު އޭނާ ވަނީ ރަޝިއާގެ ފުޓްބޯޅަ ޔުނިއަންގެ ރައީސްކަމުން ވެސް އިސްތިއުފާ ދެއްވާފައެވެ. އޭނާ މި މަގާމުން އިސްތިއުފާދެއްވީ އޭނާއާ ދެކޮޅަށް އައިސޯއިން އަޅާފައިވާ ފިޔަވަޅުތަކާއި ދެކޮޅަށް ވަކާލާތު ކުރުމުގެ ފުރުސަތު ހޯދުމުގެ ގޮތުންނެވެ.
މުޓްކޯގެ ބަދަލުގައި މި މަގާމާއި ހަވާލުވާނީ ރަޝިއާގެ ސިޔާސީ މައިދާނުގައި ހަރާކާތްތެރިވާ ނުފޫޒުގަދަ ފަރާތެއް ކަމަށްވާ އެލެކްސީ ސޮރޯކިންއެވެ.
އޯގަނައިޒިން ކޮމިޓީގެ ޗެއާމަން ކަމުގެ މަގާމުން މުޓްކޯ އިސްތިއުފާ ދެއްވާފައިވަނީ ވޯލްޑް ކަޕްގެ ސަލާމަތީ ކަންކަމާއި އެ މުބާރާތުގެ ކަންކަން ރޭވިފައިވާ ގޮތާއިމެދު ދުނިޔޭގެ ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނަ ދަނޑިވަޅެއްގައެވެ.
އަންނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު ފަށާ ފީފާ ވޯލްޑްކަޕް ވެގެންދާނީ މި މުބާރާތް ބާއްވާ 21 ވަނަ ފަހަރަށެވެ. ދުނިޔޭގެ ހަ ބައްރުން ޖުމްލަ 32 ޓީމު ވާދަކުރާއިރު މި ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު ވާލްޑް ކަޕްގެ ގުރު ނެގުމުގެ ރަސްމިއްޔާތު މޮސްކޯގައި ވަނީ ބާއްވާފައެވެ.