ކ. މާލެ
|
28 ޑިސެންބަރ 2017 | ބުރާސްފަތި 11:26
ވެންޑައިކް ލިވަޕޫލްގެ ޖާޒީ ހިފަހައްޓާލައިގެން
ވެންޑައިކް ލިވަޕޫލްގެ ޖާޒީ ހިފަހައްޓާލައިގެން
ޓްވިޓަރ
ވެންޑައިކް ލިވަޕޫލްއަށް
ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި ވެންޑައިކް ލިވަޕޫލްއަށް
އޭނާ ލިވަޕޫލްއަށް ސޮއިކުރީ 75 މިލިއަން ޕައުންޑްއަށް
މި ޓްރާންސްފާއައެކު އޭނާ ވެގެން ގޮސްފައިވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރަށް
އަންނަ ހަފްތާގެ ހޯމަ ދުވަހު ބާންލީއާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެ

ދުނިޔޭގެ އެންމެ އަގު ބޮޑު ޑިފެންޑަރުގެ ގޮތުގައި ސައުތްހެމްޕްޓަންއަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ ޑިފެންޑަރު ވާޖިލް ވެންޑައިކް ލިވަޕޫލްއަށް ސޮއިކުރަން ނިންމައިފިއެވެ.

މިހަފްތާގެ އަންގާރަ ދުވަހު 5-2ގެ ނަތީޖާއަކުން ޓޮޓެންހަމްއަތުން ސައުތްހެމްޕްޓަން ބަލިވި މެޗަށް ނެގި އެ ޓީމުގެ ސްކޮޑުގައި ވެންޑައިކް ހިމަނާފައިނުވެއެވެ. މިކަމާއި ގުޅިގެން އޭނާ އެހެން ޓީމަކަށް ބަދަލުވާން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓުކުރި ނަމަވެސް އޭނާ ބަދަލުވާން އުޅޭ ޓީމެއް އެނގިފައެއް ނުވެއެވެ.

ސައުތްހެމްޕްޓަންއިން ނެރުނު ބަޔާނެއްގައި ވަނީ 75 މިލިއަން ޕައުންޑްގެ އެއްބަސްވުމެއްގެ ދަށުން އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު އޭނާ ލިވަޕޫލްއާ ގުޅޭނެ ކަމަށެވެ. މި ޓްރާންސްފާއާއެކު އޭނާ ވެގެންދާނީ ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރަށެވެ. މީގެކުރިން މި ރެކޯޑު އޮންނަނީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި މެންޗެސްޓާ ސިޓީއާ ގުޅުނު ފްރާންސްގެ ބެންޖަމިން މެންޑީ އަތުގައެވެ. މޮނާކޯ ދޫކޮށް އޭނާ ސިޓީއަށް ބަދަލުވީ 52 މިލިއަން ޕައުންޑްގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ލިވަޕޫލްއިން ވަނީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ވެސް އޭނާގެ ސޮއި ހޯދުމަށް މަސައްކަތްކޮށްފައެވެ. ހަމައެހެންމެ ވެންޑައިކް ވެސް ވަނީ އޭނާ ލިވަޕޫލްއަށް ވިއްކާލަދިނުމަށް ސައުތްހެމްޕްޓަންގެ މެނޭޖްމަންޓުގައި އެދިފައެވެ. އެހެން ނަމަވެސް ސައުތްހެމްޕްޓަންއިން ލިވަޕޫލްއާ ދެކޮޅަށް މައްސަލަ ހުށަހަޅާނެ ކަމަށް ބުނެ އިންޒާރު ދިނުމާއި ގުޅިގެން ލިވަޕޫލްއިން އޭނާގެ ސޮއިހޯދުމުގެ މަސައްކަތް ހުއްޓާލިއެވެ.

ލިވަޕޫލްއަށް ސޮއެކުރަން ވެންޑައިކް ނިންމާފައިވާއިރު އޭނާވަނީ މިދިޔަ އަހަރުގެ ތެރޭގައި ސައުތްހެމްޕްޓަންއާއެކު ހަދާފައިވާ އެއްބަސްވުން ހަ އަހަރަށް އައުކޮށްފައެވެ. ސްކޮޓްލޭންޑުގެ ސެލްޓިކް ދޫކޮށް ސައުތްހެމްޕްޓަންއާ އޭނާ ގުޅިފައިވަނީ 31 މިލިއަން ޕައުންޑްގެ ފީއެއްގެ ދަށުން 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މި ޓްރާންސްފާގެ ސަބަބުން ސެލްޓިކްއަށް ވެސް ފީގެ 10 އިންސައްތަ ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު އޭނާ ލިވަޕޫލްއަށް ސޮއެކުރި ނަމަވެސް އެ ޓީމުގެ ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ރެޖިސްޓްރީ ކުރެވޭނީ ޖެނުއަރީ މަހުގެ ދެވަނަ ދުވަހުއެވެ. އެހެންކަމުން އަންނަ ހަފްތާގެ ހޯމަ ދުވަހު ބާންލީއާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ.

މި ޓްރާންސްފާއާއެކު އޭނާ ވެގެން ގޮސްފައިވަނީ ލިވަޕޫލްގެ ތާރީހުގައި ވެސް އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ. މީގެކުރިން މިރެކޯޑު އޮންނަނީ ޖަރުމަނުގެ އާރްބީ ލީޕްޒީގް ދޫކޮށް އެ ޓީމަށް ބަދަލުވާން ނިންމި ގިނީގެ މިޑްފީލްޑަރު ނަބީ ކެއިޓާ އަތުގައެވެ. އޭނާ ލިވަޕޫލްއަށް ސޮއެކުރަން ހަމަޖެހިފައިވަނީ އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައެވެ. އޭނާ ލިވަޕޫލްއަށް ބަދަލުވަނީ 48 މިލިއަން ޕައުންޑްގެ ފީއަކަށެވެ.

ލިވަޕޫލްއާ ގުޅުމަށްފަހު ނެރުނު ބަޔާނެއްގައި ވެންޑައިކް ބުނެފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ޓީމުތަކުގެ ތެރޭގައި ހިމެނޭ ޓީމަކަށް ކުޅުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށާއި ލިވަޕޫލްއަށް ކުޅުމަށް ކެތްމަދުވެފައި ހުރި ކަމަށެވެ. އޭނާ ވަނީ މި ބަޔާނުގައި ސައުތްހެމްޕްޓަންގެ ކުޅުންތެރިންނާއި ކޯޗުންނާއި އެ ޓީމުގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ.

އުމުރުން 26 އަހަރުގެ ޑިފެންޑަރުގެ ކެރިއަރު ފަށާފައިވަނީ ނެދަލޭންޑްސްގެ ޓީމެއް ކަމަށްވާ ގްރޮނިގެން އިންނެވެ. އޭގެފަހުން އޭނާ ސްކޮޓްލޭންޑުގެ ސެލްޓިކްއަށް ބަދަލުވީ 2013 ވަނަ އަހަރުއެވެ. އެ ޓީމުގައި ކާމިޔާބު ދެ ސީޒަން ހޭދަކުރުމަށްފަހު އޭނާ ސައުތްހެމްޕްޓަންއަށް ބަދަލުވީ 2015 ވަނަ އަހަރުއެވެ. އެ ޓީމަށް 67 މެޗު ކުޅެފައިވާ ވެންޑައިކްއަކީ 2016 ވަނަ އަހަރު ހޮވި އެ ކްލަބުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ.

- ކޮމެންޓް