ކ. މާލެ
|
28 ޑިސެންބަރ 2017 | ބުރާސްފަތި 12:20
މިޔަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންތަކެއް
މިޔަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންތަކެއް
ރޮއިޓަރސް
ރޮއިޓަރސްގެ ނޫސްވެރިން
މިޔަންމާގައި ހައްޔަރުކުރި ނޫސްވެރިންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
މިޔަންމާގައި ހައްޔަރު ކޮށްފައިވަނީ ރޮއިޓަރސްގެ ދެ ނޫސްވެރިން
އެމީހުންގެ މައްޗަށް ވަނީ ގާނޫނާ ޚިލާފަށް މަޢުލޫމާތު ހޯދުމުގެ ތުހުމަތުކޮށްފަ
އެމީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ 14 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވޭ

މިޔަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް އެގައުމުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ކަވަރު ކުރުމަށް ހަރަކާތްތެރިވަމުން ދަނިކޮށް ހައްޔަރުކުރި ރޮއިޓަރސްގެ ދެ ނޫސްވެރިންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ރޮއިޓަރސްގެ ދެ ނޫސްވެރިން ކަމަށްވާ ލޯން އަދި ކިޔޯ ސޮއޭ އޫ ހައްޔަރު ކޮށްފައިވަނީ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ފުލުހުންގެ އޮފިސަރުންތަކަކާއި ބައްދަލުކޮށް މަޢުލޫމާތު ދިނުމަށް ހުށަހެޅުމާއި ގުޅިގެންނެވެ.

އެ ދެ ނޫސްވެރިންގެ މައްޗަށް ގާނޫނާ ޚިލާފަށް މަޢުލޫމާތު ހޯދުމުގެ ތުހުމަތު ކުރެވިފައި ވާއިރު، ރޮއިޓަރސް އިން ވަނީ އެމީހުން ހައްޔަރު ކޮށްފައިވަނީ ނޫސްވެރިކަމުގެ ޒިންމާ އަދާ ކުރަމުން ދަނިކޮށް ކަމަށް ބުނެ އެމީހުން މިނިވަން ކުރުމަށް ގޮވާލާފައެވެ.

އެހެން ނަމަވެސް، މިޔަންމާގެ ކޯޓުން ވަނީ ދެ ނޫސްވެރިންގެ ބަންދުގެ މުއްދަތު ދެ ހަފްތާ އަށް އިތުރު ކޮށްފައެވެ. އެމީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމާއެކު، އެމީހުން ވަނީ މިޔަންމާގެ ވެރިރަށް ޔަންގޮން (ކުރީގެ ރަންގޫން) ގެ އިންސެއިން ޖަލަށް ބަދަލު ކޮށްފައެވެ.

އެއްތިރީސް އަހަރުގެ ވާ ލޯން އަދި 27 އަހަރުގެ ކިޔޯ ސޮއޭ އޫ، މީގެ ކުރިން ބަންދުގައި ބަހައްޓާފައި ވަނީ ފުލުހުންގެ މަރުކަޒެއްގައެވެ.

އެ ދެ ނޫސްވެރިންގެ މައްޗަށް ދައުވާ ކުރަނީ އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި ބަރުމާ (ކުރީގެ މިޔަންމާ) އޮތްއިރު އަމަލު ކުރަންފެށި ރަސްމީ ސިއްރުތަކާ ބޭހޭ ގާނޫނުގެ ދަށުންނެވެ. އެ މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ ގިނަވެގެން 14 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މިޔަންމާގެ ސަރުކާރުން ވަނީ، ބޭރުގެ މީޑިއާއަކާއި ހިއްސާކުރުމުގެ ނިޔަތުގައި އެ ދެ މީހުން ގާނޫނާއި ޚިލާފަށް މަޢުލޫމާތު ހޯދާފައިވާ ކަމަށް ބުނެފައެވެ. ދެ ނޫސްވެރިން ހައްޔަރު ކޮށްފައިވަނީ ފުލުހުންގެ އޮފިސަރުންތަކަކާއެކު ރޭގަނޑުގެ ކެއުމަކަށް ދައުވަތު ދިނުމަށް ފަހު ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދެ ނޫސްވެރިންނަށް ވަނީ ފުރަތަމަ ފަހަރަށް އާއިލާގެ މެމްބަރުންނާއި، ގާނޫނީ ވަކީލާ ބައްދަލުކުރުމުގެ ފުރުޞަތު ދީފައެވެ.

- ކޮމެންޓް