ޤުދުސް އަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އެމެރިކާއިން ބަލައިގަތުމާ ގުޅިގެން އދ.އިން އިސްރާއީލާ ދެކޮޅަށް ނެރުނު ޤަރާރާ އެއްކޮޅަށް ލަންކާއިން މަސައްކަތްކުރި ފަދައިން، ލަންކާގެ ދާޚިލީ ހަނގުރާމައިގައި އެޤައުމުގެ ސިފައިން ޖަރީމާތައް ހިންގިކަމަށް ބުނާ އދގެ ޤަރާރާއި ގުޅިގެން ލަންކާއަށް މަސައްކަތް ނުކުރެވެންވީ ސަބަބެއް ނެތްކަމަށް އަސްކަރިއްޔާގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ ސަރަތު ވީރަސެކާރަ ވިދާޅުވެއްޖެއެވެ.
ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައިވާ ވީރަސެކާރަ ވިދާޅުވީ ލަންކާގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެޤައުމުގެ އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަންތަކުގައި އިންސާނިއްޔަތާއި ޚިލާފް ޖަރީމާތައް ހިންގި ކަމަށް ބުނެ، އދ.އަށް ހުށަހެޅި ޤަރާރަކީ ދޮގު އެއްޗެއްކަމަށެވެ. އެހެން ނަމަވެސް އެޤަރާރުގެ މައްސަލައިގައި ވާހަކަ ނުދައްކައި، ލަންކާ ސަރުކާރުން ޤުދުސްގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައިވާތީ، އެކަމަށް ވީރަސެކާރަ ފާޑުވިދާޅުވިއެވެ. އޭނާ ވިދާޅުވީ ލަންކާގެ އަސްކަރިއްޔާއިން އިންސާނިއްޔަތާއި ޚިލާފު އަމަލުތައް ހިންގި ކަމަށް އދ.ގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލުން ބުނަމުންދިޔައިރު، އެ މައްސަލައިގެ ދިފާޢުގައި ވާހަކަ ދެއްކުމަށް ލަންކާގެ ވަފުދެއް އދ.އަށް ނުފޮނުވެންވީ ސަބަބެއް ނެތްކަމަށެވެ.
ލަންކާގެ 30 އަހަރަށް ވުރެ ގިނަ ދުވަސްވީ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު ހިންގި ބޮޑު އޮޕަރޭޝަނާއި، އަދި އޭގެ ކުރިންވެސް 2002ވަނަ އަހަރުން ފެށިގެން ލަންކާގެ އިރުމައްޗާއި އުތުރުގައި ހިންގި އޮޕަރޭޝަންތަކުގައި ލަންކާ ސިފައިން ތަމަޅައިންނާމެދު އަމަލުކޮށްފައި ވަނީ އިންސާނިއްޔަތާއި ޚިލާފަށްކަމަށް ހުޅަނގުގެ ޤައުމުތަކުން ދަނީ ބުނަމުންނެވެ. އަދި މިމައްސަލަ އދ.ގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލަށް ހުށަހެޅުމުން، ލަންކާގެ ދިފާޢުގައި ބައެއް ޤައުމުތައް ނިކުތް ނަމަވެސް، ހުޅަނގުގެ ޤައުމުތަކުގެ ފަރާތުން ލަންކާއަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިކުރިއެވެ.
ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި ހަނގުރާމަ ނިމުމަކަށް ގެނައިއިރު، ލަންކާގެ ދާޚިލީ ހަނގުރާމައިގައި އެތައް ހާސް އާއްމުންނެއް ވަނީ މަރުވެފައެވެ. ލަންކާގެ އުތުރާއި އިރުމަތީގައި އީލާމްގެ ނަމުގައި ވަކި ދައުލަތެއް އުފެއްދުމަށް ތަމަޅަ ޓައިގަރުން ކުރި މަސައްކަތް ނާކާމިޔާބު ކޮށްލުމަށްފަހު، ޓައިގަރުންގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތައް ތަރައްޤީކުރުމުގެ މަސައްކަތް ލަންކާގެ ސަރުކާރުން ދަނީ ކުރަމުންނެވެ.