ކ. މާލެ
|
27 ޑިސެންބަރ 2017 | ބުދަ 18:36
ރައީސް ޔާމީންއަކީ އޯގާތެރި ރައީސް އެއް ކަމަށް އެމަނިކުފާނު ވިދާޅުވޭ
ރައީސް ޔާމީންއަކީ އޯގާތެރި ރައީސް އެއް ކަމަށް އެމަނިކުފާނު ވިދާޅުވޭ
ރައީސް އޮފީސް
މަގޭ ރިޕޯޓް
ރައީސް ޔާމީނު އަނިޔާވެރިއެއް ނުވާނެ. ޖަލުގައި ތިބި މީހުންނާއި އެމަނިކުފާނާއި ވާ ކޮން ކަމެއް؟
ޝުމްބާގޮންގް 'އުފުރާލީ' ޑިޕްލޮމެޓިކް އުސޫލުތައް މުގުރާފައި
އަދީބަށް 'ހިމާޔަތްދިނީ' އެއާޕޯޓް ރަންވޭމަތިން
ފާރިސްއަށް 'ވާނުވާ ޖެހީ' މަޖިލިސް ޗެމްބަރގައި އުޅޭ ސިފައިން ކިބައިން ސަލާމަތް ކުރުމަށް

ދާދިފަހުން ބ އަތޮޅު ކެންދޫއަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަރަށް ބޮޑު ތެދުފުޅެއް ވިދާޅުވިއެވެ. ރައީސް ޔާމީންގެ ސަރުކާރުން އަނިޔާވެރި ނުވާ ވާހަކައެވެ. މި ސަރުކާރުގައި އަނިޔާވެރިކޮށް ޖަލަށް ލާފައި ތިބި އެއްވެސް މީހަކު ނުތިބޭނެ ވާހަކައެވެ. އަނިޔާވެރިވަނީ މި ސަރުކާރުން ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތެދުފުޅެކެވެ. ރައީސް ޔާމިންގެ ސަރުކާރު ވަރުގެ އޯގާތެރި، ރައްޔިތުންނަށް އަޅާލާ، ހިތްހެޔޮ ސަރުކާރެއް ދިވެހި ތާރީޚު ވެސް ދެކެފައެއް ނުވެއެވެ. މިކަމުގައި ދައްކާނެ އެތައް އެތައް ހެއްކެއް އެބަހުއްޓެވެ.

އިދިކޮޅު ފަރާތްތަކުން އެމަނިކުފާނަށް އެންމެ ބޮޑަށް ކުރިމަތިކުރާ ތުޙުމަތަކީ ސިޔާސީ ވެރިން ހައްޔަރުކުރާ ވާހަކައެވެ. މިއީ ރޯ ބުހުތާނު ދޮގެކެވެ. މިވަގުތު ޖަލުގައި ތިބި ސިޔާސީ ވެރީންނާއި، ޖަލު ޙުކުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރެއިން އެއްވެސް ބޭފުޅަކު ހައްޔަރު ކުރައްވަން ރައީސް ޔާމީން ވަޑައެއް ނުގަންނަވައެވެ. އަދި ކިއެއްތޯއެވެ. މި ސަރުކާރަށް ނިސްބަތްވާ މީހަކު ވެސް ވަޑައެއް ނުގަންނަވައެވެ. އޭން ކޮންމެ ބޭފުޅެއް ވެސް ހައްޔަރުކުރީ ކޯޓު އަމުރު ހޯދައިގެންނެވެ. ކޯޓު އަމުރު ދިނީ ޖުޑީޝަރީންނެވެ. ހައްޔަރު ކުރީ ފުލުހުންނެވެ. ދެން އަޅެ ފަހެ ރައީސް ޔާމީން އަނިޔާވެރި ވެފައި ކޮބާހެއްޔެވެ؟ އަނިޔާވެރިވީ ފުލުހުން ނޫންހެއްޔެވެ؟

ރާއްޖޭގެ ޤާނޫނުތަކާއި ޤަވައިދުތައް ބުނާގޮތުން ފުލުހުންނަކީ މަދަނީ ބައެކެވެ. ސިޔާސީ ނުވަތަ އަސްކަރީ ބާރެއް ނޫނެވެ. ފުލުހުންގެ ޚިދުމަތަކީ ރައްޔިތު މީހާއިން ފެށިގެން، ރައްޔިތު މީހާއަށް ނިމޭ ޚިދުމަތެކެވެ. ފުލުހުންނަކީ "ޕްރޮޓެކްޓް" ކޮށް، "ސަރވް" ކުރަން ތިބޭ ބައެކެވެ. އެކަން އެބަ ވަރަށް ރަނގަޅަށް ކުރޭ ނޫންހެއްޔެވެ؟

ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކުރީ ސަރުކާރަކުން ނޫނެވެ. ޖުޑީޝަރީންނެވެ. ދެން އޭގައި ރައީސް ޔާމީން އަނިޔާވެރި ވެވަޑައިގެންފައި ކޮބައިހެއްޔެވެ؟

ކާނަލް ނާޒިމްގެ ގެއަށް ވަނީ ފުލުހުންނެވެ. ކާނާލް ނާޒިމް ހައްޔަރުކުރީވެސް ފުލުހުންނެވެ. ކާނަލް ނާޒިމްއަށް ޙުކުމްކުރީ ކްރިމިނަލް ކޯޓުންނެވެ. ޖަލުގައި ބަލަހައްޓަނީ ކަރެކްޝަންސް އިންނެވެ. އަނިޔާއެއް ވިއްޔާ ރައީސް ޔާމީނާއި ވާ ކޮން ކަމެއް ހެއްޔެވެ؟

ލަންކާގައި ހުއްޓައި ޝުމްބާގޮންގް އުފުރާލައިގެން ރާއްޖެގެނައީ ޝުމްބާގެ ހިމާޔަތުގައެވެ. ލަންކާގައި ހުއްޓައި ދެރަގޮތެއް ކުރިމަތިވެދާނެތީއެވެ. އެކަން ކުރީވެސް ފުލުހުންނެވެ. ސަރުކާރުން ކޮށްދިންހާ ވެސް ކަމަކީ ލަންކާގައި ހުރި ދިވެހި ރައްޔިތެއްގެ ހިމާޔަތް ޔަޤީން ކޮށްދިނުމަށް ޑިޕްލޮމެޓިކް އުސޫލުތައް ފުނޑާލާފައި ދިވެހި ފުލުހުންނަށް އެހީތެރިވެދިނީއެވެ. އެއަށް އަނިޔާވެރިކަމޭ ކިއިދާނެހެއްޔެވެ؟

ދެން ހުރީ އަދީބެވެ. ރައީސް ޔާމީނަށް ދެވުނު "ޖާންލޭވާ" ހަމަލާއަށް ފަހު ޤައުމުގެ ނައިބު ރައީސްގެ ސަލާމަތާއި ރައްކާތެރިކަމަށް ފުލުހުން ޚާއްސަ ސަމާލުކަމެއް ދިނެވެ. ރައީސް ޔާމީނަށް ދިމާވި ފަދަ ނުރައްކާތެރި ހަމަލާއަކުން އަދީބް ސަލާމަތް ކުރެއްވުމަށް، ސިންގަޕޫރުން ވަޑައިގެން މަތިންދާބޯޓުން ފައިބައިވަޑައިގަތުމާއިއެކު، ސިޑިބުޑުން އެއާޕޯޓުގެ ފޮޅައި ސާފުކުރާ ސާމާނު އުފުލާ ވެހިކަލަކަށް އެމަނިކުފާނު އަރުވައިގެން ގެންގޮސް ހިމާޔަތްދެއްވިއެވެ. އެކަމެއްވެސް ކުރެއްވީ ފުލުހުންނެވެ.

ވިދިގެން އައި ދުވަސްތަކުގައި އަދީބަށް ކުރިމަތިވިއްޔާ ވީހާ ކަމެއް ކުރިމަތިވީ ފުލުހުންނާއި ކޯޓައި، ކަރެކްޝަންސްގެ ފަރާތުންނެވެ. ރައީސް ޔާމީނާއި ވާ ކޮން ކަމެއް ހެއްޔެވެ؟

އަދީބުގެ މައްސަލައިގައި މިހާތަނަށް މުޅިންވެސް ފެނުނީ ސަރުކާރުގެ އޯގާތެރިކަމެވެ. އަދީބަށް ކެންސަރުގެ ބިރުވެރިކަން އޮތްކަން ހާމަވި ހިސާބުން އަދީބަށް ފަރުވާދިނުމަށް އެހެރަގެން އައިޖީއެމްއެޗުގައި 25 ބުރީގެ އައު ހޮސްޕިޓަލެއްވެސް އަޅަނީއެވެ. މި ސަރަޙައްދުގައިވެސް ނެތް ފެންވަރަށް ކެންސަރަށް ޚާއްސަކޮށްގެން އެހެރަގެން އައިޖީއެމްއެޗްގައި ފަރުވާދެވޭނެ ވަސީލަތްތައް ތަރައްޤީ ކުރަނީއެވެ. އަދީބު ބޭނުންފުޅުވާ ޤައުމަކުން ޑޮކްޓަރުންނާއި މެޝިނަރީ ގެނެސްގެން އައިޖީއެމްއެޗްގައި ފަރުވާ ހޯދޭނެ ވާހަކަ ވެސް ސަރުކާރުން އޮތީ ބުނެފައެވެ.

އަދީބުގެ ލޮލަށް މައްސަލަތަކެއް ދިމާވިކަން ހާމަވި ހިސާބުން އަދީބު އެ ޑޮކްޓަރަކަށް ނުދައްކާ ލޮލުގެ ޑޮކްޓަރަކު މި ޤައުމުގައި ނެތެވެ. އަދީބު ތުރުކުރައްވާ އައިނުގެ ނަންބަރު ބަދަލުވެ، އައިނު ބަދަލު ކުރަން ޖެހޭކަން ހާމަވީއްސުރެ ކަމާއިބެހޭ ހުރިހާ އިދާރާއަކުން ތިބީ އަދީބުގެ އައިނު ބަލާގޮސް ކިއުހަދައިގެން އައިނު ހަދައި ނިމޭނެ އިރަކަށް ފާރަލައިގެންނެވެ.

އަދީބަށް ޚާއްސަކޮށްފައިވާ ކުޑަގޮޅީގެ ފެންވަރު ރަނގަޅުކަމުން ޖަލު މަރާމާތު ކުރުމަށް އަހަރަކު ދެކޮޅު ޖަލުގައި ތިބި ސިޔާސީ އެހެން ހުރިހާ ފަރާތްތައް ގެއަށް ބަދަލުކުރާއިރުވެސް އަދީބު ގޭބަންދަށް ބަދަލުކުރާކަށް ވެސް ނުޖެހެއެވެ. އަޅެ ފަހެ މި ފެންނަނީ ރައީސް ޔާމީންގެ ހެޔޮފުޅު ކަމެއް ނޫންހެއްޔެވެ؟ އިދިކޮޅު ފަރާތްތަކުން ތިޔަ ކިޔަނީ ފަހެ ކީކޭހެއްޔެވެ؟

ޝައިޚު އިމްރާނަށް ޖަލުގައި ހުންނަވަން ޖެހުނީ ޓެރަރިޒަމަށް ހިތްހަވރު ލިބޭފަދަ ވާހަކަ ދެއްކެވުމަކުން ނޫންހެއްޔެވެ؟ ލަޓިބުރި ހިފައިގެން ކޮމާންޑް ސެންޓަރުގައި ސަބްމެރީން ކައްޕިއަށް އަދި އަދަބެއް ނުލިބި މިނިސްޓަރުކަން ލިބުނަކަސް އިމްރާނުމެން ފަދަ ނުރައްކާތެރި މީހުންނާއި މެދު އެފަދައިން އަމަލެއް ނުކުރެވޭނެއް ނޫންހެއްޔެވެ؟ ބުނާތީ އަހަމެވެ. ހިޓްލަރާއި، ޓްރަމްޕާއި، ޕޮލްޕޮޓާއި އަން ސަން ސޫޗީ މެން ފަދަ މީހުންނަށް ވެސް ޓެރަރިޒަމަށް ހިތްވަރު ލިބޭފަދަ ވާހަކަ ދައްކައި އެފަދަ އަމަލު ހިންގަން ދަސްކޮށްދިނީ އިމްރާނޯލައެވެ. އެހެންވީމާ ދެން އިމްރާނަށް މި ދިމާވި ގޮތާއިމެދު ރައީސް ޔާމީން ވަކި ކުރައްވާނެ ކަމެއް އެބަ އޮތްހެއްޔެވެ؟

ދެން ހުންނެވީ ފާރިސްއެވެ. ރައްޔިތުންގެ މަޖިލިސް އޮތް ޙާލަތު ތިޔައިން ރައްޔިތަކު ދުށީމުހެއްޔެވެ؟ އެތަނެކޭ ސިފައިންގެ މަރުކަޒެކޭ ތަފާތެއް ނެތެވެ. ފާރިސް އަކީ ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. އެފަދަ ނުރައްކާތެރި ރައްޔިތުންގެ މަޖިލީހަކުން ތިމާގެ ކޮއްކޮ ސަލާމަތްކުރަން ބޭނުން ނުވާނީ ފަހެ ކޮން ބޭބެއެއް ހެއްޔެވެ. ފާރިސް އެ ހުންނެވީ ބަންދަކު ނޫނެވެ. ފާރިސް އެ ހުންނެވީ ރައީސް ޔާމީންގެ ހެޔޮފުޅުކަމުން ހިމާތްދީފައެވެ.

ތާކުންތާކު ނުޖެހޭ މައްސަލައެއްގައި ޙުކުމެއްކޮށް، މަޖިލީހުން ބޭރުކޮށްފައި ވީނަމަވެސް، ޤާސިމް އެ އުޅުއްވަނީ ވަޓް ދަ ފުޑުން ކޭންބައްލަވައިގެން ޖަރުމަނުގައެވެ. އަދިވެސް ރައީސް ޔާމީން ހަމަ އަނިޔާވެރިހެއްޔެވެ؟

މި ހިމަނާލެވުނު ނަންތަކުގެ އިތުރުންވެސް މިވަގުތުވެސް ސިޔާސީ އެތައް ބަޔަކު ޖަލުގައި އެބަތިއްބެވެ. އެތައް ސިޔާސީ މީހުންނެއް ބޭރުގެ ޤައުމުތަކަށް އަރުވާލެވިގެން އެބަތިއްބެވެ.

ޖަލުގައި ތިބި ބަޔަކު ވިއްޔާ އެއީ ފުލުހުންނާއި، ކަރެކްޝަނާއި ކޯޓުތަކުގެ އަނިޔާވެރިކަމެވެ. އަރުވާލެވިގެން ބަޔަކު އުޅެންޏާ އެއީ އެމީހުންގެ އަމިއްލަ ކަމެކެވެ. މިކަމާ ރައީސް ޔާމީނާއި ނުބައްސާށެވެ. މި ސަރުކާރުން ކުރާހާވެސް ކަމަކީ ރައްޔިތުންނަށް ތަރައްޤީ ގެނެސްދިނުމެވެ. އަނިޔާވެރިކަމަކީ މި ސަރުކާރު ދަންނަ ކަމެއް ނޫނެވެ. މިއީ ރައްޔިތުންނަށް އޯގާތެރި، ހިތްހެޔޮ ސަރުކާރެކެވެ. ރައްޔިތުންނާއިމެދު ވިސްނާ ސަރުކާރެކެވެ.

ރައްޔިތުން މީހާ ކަނޑުދަތުރުކޮށްގެން ވަރުބަލިވެދާނެތީ ޖެހިގެން އޮންނަ ތިންހަތަރު ރަށުގައި އެއާޕޯޓް އަޅައިދޭ ސަރުކާރެއް މި ނޫނިއްޔާ ދުށިންހެއްޔެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް