ކ. މާލެ
|
27 ޑިސެންބަރ 2017 | ބުދަ 17:29
ލިވަޕޫލްއަށް ލަނޑުތައް ޖަހައިދިން ކުޅުންތެރިން
ލިވަޕޫލްއަށް ލަނޑުތައް ޖަހައިދިން ކުޅުންތެރިން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ޔުނައިޓެޑް އެއްވަރުވިއިރު ލިވަޕޫލްއަށް ބޮޑު މޮޅެއް
ލިވަޕޫލް ވަނީ 5-0 ގެ ނަތީޖާއަކުން ސްވަންސީ ސިޓީ ބަލިކޮށްފައި
ބާންލީއާ ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް އެއްވަރުވެފައިވަނީ 2-2 ގެ ނަތީޖާއަކުން
ވޮޓްފޯޑް ވެސް ވަނީ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ލެސްޓާ ސިޓީ ބަލިކޮށްފަ

އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު މެޗުން މެންޗެސްޓާ ޔުނައިޓެޑް އެއްވަރުވިއިރު ލިވަޕޫލް ކުޅުނު މެޗުން އެ ޓީމު ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެއްޖެއެވެ.

ޕްރިމިއާ ލީގުގައި ލިވަޕޫލް ވަނީ އަމިއްލަ ދަނޑުގައި 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ތާވަލުގެ ފުލުގައި އޮތް ސްވަންސީ ސިޓީ ބަލިކޮށްފައެވެ. މެޗުގެ ހަވަނަ މިނެޓުގައި ހިތްގައިމު ލަނޑަކާއެކު ފިލިޕޭ ކުޓީނިއޯ އެ ޓީމަށް ލީޑު ނަގައިދިން އިރު ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

އެހެން ނަމަވެސް ލިވަޕޫލްއިން ވަނީ ދެވަނަ ހާފުގައި ހަތަރު ލަނޑު ޖަހާފައެވެ. ލިވަޕޫލްއިން މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 52 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ބްރެޒިލްގެ ފޯވާޑް ފިރްމީނޯއެވެ. އެ ޓީމުގެ ތިންވަނަ ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި ޒުވާން ޑިފެންޑަރު ޓްރެންޓް އެލެކްޒެންޑާ އާނޯލްޑް ޖަހައިދިންއިރު ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ޖަހައިދިނީ ވެސް ފިރްމީނޯއެވެ. އެ ޓީމުގެ ފަސްވަނަ ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ޖަހައިދިނީ މި ސީޒަނުގައި އެ ޓީމާއި އަލަށް ގުޅުނު މިޑްފީލްޑަރު އެލެކްސް އޮކްސްލޭޑް ޗެމްބަލިންއެވެ.

އަމިއްލަ ދަނޑުގައި ބާންލީއާ ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޔުނައިޓެޑަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ޓީމުގެ ކުޅުންތެރިންނަށް ހިފިފައިނުވާއިރު ބާންލީއިން ވަނީ ކައުންޓާ އެޓޭކުގައި ޔުނައިޓެޑްގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބާންލީއިންނެވެ. މެޗު ފެށިގެން ތިން މިނެޓު ނުވަނީސް ޔުނައިޓެޑްގެ ސަޕޯޓަރުން ސިއްސުވާލުމަށް ފަހު ބާންލީއަށް ލީޑު ނަގައިދިނީ އެ ޓީމުގެ ފޯވާޑް އޭޝްލީ ބާންސްއެވެ. މި ލަނޑު އޭނާ ޖެހީ ކެވިން ލޯންގް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. މި ލަނޑަށް ފަހު ޔުނައިޓެޑުން އެ ޓީމުގެ ކުޅުން ރަނގަޅު ކުރި ނަމަވެސް މެޗުގެ 36 ވަނަ މިނެޓުގައި ސްޓީވެން ޑެފޯ ވަނީ ލަނޑެއް ޖަހައިދީ ބާންލީގެ ލީޑު ފުޅާކޮށްދީފައެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ބާންލީއިން ފުރަތަމަ ހާފު ނިންމާލިއިރު ޔުނައިޓެޑުން ވަނީ ދެވަނަ ހާފުގައި  އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން 53 ވަނަ މިނެޓުގައި ޖެސޭ ލިންގާޑް ވަނީ ލަނޑެއް ޖަހައިދީ ޔުނައިޓެޑަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. މި ލަނޑަށް ފަހު ވެސް ޔުނައިޓެޑުން ވަނީ ބާންލީގެ ގޯލާއި އަމާޒުކޮށް ފުލުފުލުގައި ހަމަލާތައް ފޮނުވާލާފައެވެ. ޔުނައިޓެޑުން މެޗުގެ ނަތީޖާ އެއްވަރު ކުރީ މެޗުގެ އެންމެ ފަހު މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ވެސް ލިންގާޑްއެވެ.

ވޮޓްފޯޑް ވެސް ވަނީ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ލެސްޓާ ސިޓީ ބަލިކޮށްފައެވެ. އެވަޓަންއާއި ވެސްޓް ބްރޮމް ކުޅުނު މެޗު ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 55 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އޮތްއިރު ދެވަނައިގައި 43 ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ޔުނައިޓެޑްއެވެ. ޗެލްސީއަށް 42 ޕޮއިންޓާއެކު ތިންވަނަ ލިބޭއިރު 38 ޕޮއިންޓާއެކު ހަތަރު ވަނަ ލިބެނީ ލިވަޕޫލްއަށެވެ. ހަމައެހެންމެ 37 ޕޮއިންޓާއެކު ފަސްވަނަ ލިބެނީ ޓޮޓެންހަމްއަށެވެ.

- ކޮމެންޓް