"ހައްޔަރު ކުރުމުގެ ކުރިން" ގެ ނަމުގައި 2014 ވަނަ އަހަރު ދިން ޝޯއާ އެކު މަޝްހޫރު ލަވަކިޔުންތެރިޔާ ހަސަން މުހައްމަދު (މޭނާ ހައްސާން) އޭނާގެ ލަވަކިޔުމުގެ ހަޔާތް އެއްކޮށް ނިންމާލީ ކަމަށް އިއުލާން ކުރިއެވެ. އެ ޝޯ ޕްރޮމޯޓްކުރީ ވެސް އޭނާގެ ވަދާއީ ޝޯގެ ގޮތުގައެވެ. އޭގެ ފަހުން އޭނާގެ އާ ލަވައެއް އިވިފައެއް ނުވެއެވެ. އޭގެ ޝޯއަކުން ވެސް ފެނިގެން ގޮސްފައެއް ނުވެއެވެ.
މިހާރު އަވައްޓެރި ސްރީލަންކާގައި ދިރިއުޅެމުންގެންދާ މޭނާ ހައްސާން މިވަނީ މިފަހަރު ބާއްވާ އާ އަހަރުގެ ޝޯގައި ލަވަކިޔާނެކަން އިއުލާންކޮށްފައެވެ.
އޭނާގެ ފޭސްބުކް ޕޭޖުގައި ބުނެފައި ވަނީ އާ އަހަރުގެ ފެށުން ފާހަގަ ކުރުމަށް ހުޅުމާލޭގައި ބާއްވާ ހާއްސަ ޝޯގައި ހަބޭސް ބޮޑުބެރު ގްރޫޕާ އެކު ލަވަ ކިޔާނެ ކަމަށެވެ.
ހަވާ އެރުވުމާއި ލައިވް ބާބަކިއުއަކާ އެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި އެ ޝޯ އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުގެ ރޭ 10:00 އިން ފެށިގެންނެވެ.
ހައްސާނު ވަނީ މަޝްހޫރު އެތައް ލަވައެއް ކިޔާފައެވެ. އޭގެ ތެރޭގައި "މިލަ މިލަ ހަނދުވަރު" އާއި "ފަނުދުންމާރި"، "ކުއްޅަވަފަލު ރަނިކަމަނާ"، "ވެހޭ ވާރޭ ތެރޭ" "މާމުއި ހަނދުވަރު މޫސުމް"، "ވަގުތު ނެތޭ"، "ކަނބިއްޔާ" އަދި "ރައިވަރެއް ހެދީމާ" ފަދަ މަޝްހޫރު އެތައް ލަވައެއް އޭނާގެ އަޑުން ހުށަހަޅައިދީފައި ވެއެވެ.
މީގެ ކުރިން ވެސް ލަވަ ދެން ނުކިޔާނެ ކަމަށް ބުނުމަށް ފަހު މޭނާ ހައްސާނު އެނބުރި އައިސް ޝޯތައް ހުށަހަޅައިދީފައި ވެއެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި އޭނާ ހައްޔަރުކުރަން ފުލުހުންގެ މައްޗަށް ކޯޓު އަމުރެއް ވެސް ނެރުނެވެ.
މިފަހަރުގެ އާއަހަރާ ދިމާކޮށް ދެ ޝޯ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން އެއް ޝޯ ހުޅުމާލޭގައި ބާއްވާއިރު އަނެއް ޝޯ ބާއްވާނީ މާލޭގެ ކާނިވާ ސަރަހައްދުގައެވެ. ކާނިވާ ސަރަހައްދުގައި އޮންނަ ޝޯގައި ފާކިސްތާނުގެ ލަވަކިޔުންތެރިޔާ ރާހަތު ފަތޭހް އަލީ ހާން އާއި އިންޑިއާގެ ލަވަކިޔުންތެރިޔާ މީކާ ސިންގް ޕާފޯމްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ބޮލީވޫޑްގެ މަޝްހޫރު ފަންނާނެއް ވެސް އެ ޝޯއިން ފެނިގެންދާނެ ކަމަށް ޝޯ އިންތިޒާމްކުރާ ސަރުކާރުގެ ޕޯއާރު ކޯޕަރޭޝަނުން ބުނެފައިވެއެވެ.