މިމަހުގެ 22 ވަނަ ދުވަހު ސިނަމާތަކަށް އައި ސަލްމާން ޚާން އާއި ކެޓްރީނާ ކައިފްގެ "ޓައިގާ ޒިންދޭ" އަންނަނީ ބޮޑު ކާމިޔާބީއެއް ހޯދަމުންނެވެ. އެ ފިލްމަށް ލިބުނު އާމްދަނީ މިހާރު ވަނީ 150 ކުރޯޑް ރުޕީސް އަށް ވުރެ މައްޗަށް އަރާފައެވެ.
މި ކާމިޔާބީއާ ގުޅިގެން ސަލްމާން ޚާން ވަނީ ކެޓްރީނާ އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ސަލްމާން ބުނެފައި ވަނީ "ޓައިގާ ޒިންދާހޭ"ގައި ކެޓްރީނާ ދެއްކި މޮޅު ހުނަރަށް މަރުހަބާ ކިޔާ ކަމަށާއި އޯޑިއެންސް "ޓައިގާ ޒިންދާހޭ" ބަލައިގެންފައިވާ ކަމަށެވެ.
އެކަމަށްޓަކައި އޭނާއަށް ތާއީދުކުރާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށް ސަލްމާން ބުންޏެވެ. ސަލްމާން ބުނީ "ޓައިގާ ޒިންދާހޭ"އަކީ ވަރަށް ޗެލެންޖިން ފިލްމެއް ކަމަށެވެ. ފިންޏާއި ހޫނަށް ބެލުމެއް ނެތި "ޓައިގާ ޒިންދާހޭ"ގެ ޓީމުން ކުރި މަސައްކަތް ވަރަށް ފުރިހަމަ ކަމަށާއި އޯޑިއެންސް އެ ފިލްމު ބަލައިގަތުމުން ޝުކުރު އަދާކުރާ ކަމަށެވެ.
"ޓައިގާ ޒިންދާހޭ"އަކީ 2012 ގައި ސަލްމާނާއި ކެޓްރީނާ ކުޅުނު ފިލްމް "އޭކް ތަ ޓައިގާ" ގެ ދެވަނަ ބައެވެ. އެ ފިލްމް ޑައިރެކްޓްކޮށްފައި ވަނީ ކަބީރް ޚާނެވެ. އެ ފިލްމަށް ވަނީ 325 ކުރޯޑް އިންޑިއަން ރުޕީސް ލިބިފައެވެ. އެ ފިލްމަށް 75 ކުރޯޑް ރުޕީސް ހަރަދުކޮށްފައި ވެއެވެ.
މި ފިލްމުގައި ސަލްމާން ފެންނަނީ ކުރީގެ ފިލްމުގައި ވެސް ފެނިގެން ދިޔަ އިންޑިއާގެ ޖާސޫސީ އިދާރާ ކަމަށްވާ ރޯގައި މަސައްކަތްކުރާ އެޖެންޓެއްގެ ގޮތުގައެވެ. އަދި ކެޓްރީނާ ފެނިގެން ދާނީ ޕާކިސްތާނުގެ ޖާސޫސީ އިދާރާގައި މަސައްކަތްކުރާ ސްޕައި އެޖެންޓެއްގެ ރޯލުންނެވެ. މި ފިލްމަކީ ޔާޝް ރާޖް ފިލްމް (ވައިއާރްއެފް) އިން އުފައްދާފައިވާ ފިލްމެކެވެ.
މިއީ ވޭތުވެދިޔަ ފަސް އަހަރަށް ފަހު ސަލްމާނާއި ކެޓްރީނާ އެކުގައި ފެނިގެންދިޔަ ފުރަތަމަ ފިލްމެވެ.