ޝޫޓިން ފެށުމަށް ތައްޔާރުވަމުން އަންނަ މަޝްހޫރު ފިލްމު ޑިރެކްޓަރ އަނަންދު އެލް ރާއިގެ ފިލްމުގެ ކުރިން އެހެން ފިލްމެއްގެ މަސައްކަތް ނުކުރަން ނިންމާފައިވާ ކަމަށް ބޮލީވުޑްގެ ތަރި ޝާހު ރުކް ޚާން ބުނެފިއެވެ.
ޝާހު ބުނީ އޭނާ މިހާރު ހުރީ އަނަންދު އެލް ރާއީގެ ފިލްމަށް ހުސްވެގެން ކަމަށަށެވެ. އިތުރު ފިލްމަކަށް ސޮއި ކުރާނީ އަދި އެހެން ފިލްމެއްގެ މަސައްކަތް ވެސް ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުންކަމަށް ވެސް އޭނާ ބުންޏެވެ.
އަނަންދު އެލް ރާއީގެ މި ފިލްމުގެ ފުރަތަމަ ޕޯސްޓަރ މިއަހަރުގެ މެއި މަހު ވަނީ އާންމުކޮށްފަ އެވެ. އެ ޕޯސްޓަރުން ފެނިގެންދަނީ ޝާހުގެ އިތުރުން ކެޓްރީނާ ކައިފް އާއި އަނުޝްކާ ޝަރުމާއެވެ. މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ އެ ތިން ތަރިންނެވެ. ޝާހުއާއި ކެޓްރީނާ އަދި އަނުޝްކާ ވަނީ މީގެ ކުރިންވެސް އެކުގައި ފެނިގެން ގޮސްފައެވެ. އެއީ 2012 ވަނަ އަހަރު ނިކުތް ޖަބް ޓަކް ހޭ ޖާން އިންނެވެ.
މި ފިލްމަކީ ރެޑް ޗިލީސް އެންޓަޓައިންމަންޓާއި ކަލަ ޔެލޯ ޕްރޮޑަކްޝަންސް ގުޅިގެން އުފައްދާ ފިލްމުގެ ޝޫޓިން ލަސްވަމުން ދިޔަ ނަމަވެސް ޝާހް ބުނި ގޮތުގައި އޭނާ ބޭނުންވަނީ ފޭނުންނަށް ކަމުދާ ފިލްމެއް ގެނެސްދިނުމަށެވެ. މި ފިލްމުގެ ޕްރޮޑިއުސަރަކީ ޝާހުގެ އަންހެނުން ގޯރީ ޚާން އާއި އަނަންދް އެލް ރާއިއެވެ. ޑައިރެކްޓަރަކީ ވެސް އަނަންދް އެލް ރާއިއެވެ.
ހިމަންޝޫ ޝަރްމާ ސްކްރީން ޕްލޭ ލިޔެފައިވާ މި ކޮމެޑީ ފިލްމުގެ ނަން އަދި ހާމައެއް ނުކުރެ އެވެ.
މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ގައިކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.