ކ. މާލެ
|
27 ޑިސެންބަރ 2017 | ބުދަ 08:48
ޖަޕާނުގެ ފޮރިން މިނިސްޓަރ ޓާރޯ ކޯނޯ
ޖަޕާނުގެ ފޮރިން މިނިސްޓަރ ޓާރޯ ކޯނޯ
ރޮއިޓަރސް
ގުދުސްގެ މައްސަލަ
ޖަޕާނުގެ އެމްބަސީ ގުދުސްއަށް ބަދަލެއް ނުކުރާނަން: ފޮރިން މިނިސްޓަރ
ގުދުސްގެ މައްސަލައިގައި އެމެރިކާއާ އެެއްކޮޅަށް ވޯޓްދިނީ އަށް ގައުމުން

ގުދުސްގެ މުސްތަގުބަލު ކަނޑައެޅެންވާނީ ވާހަކަދެކެވިގެން ކަމަށް ޖަޕާނުގެ ފޮރިން މިނިސްޓަރ ޓާރޯ ކޯނޯ އުރުދުންގެ ޚާރިޖީވަޒީރު ނާސިރް ޖޫދާގެ އަރިހުގައި ވިދާޅުވެއްޖެއެވެ.

"ގުދުސް އޮންނަންވީ ގޮތެއް ކަނޑައެޅެންވާނީ ސީދާ ވާހަކަތަކުން އަދި ގުޅުންހުރި ބައިނަލްއަޤްވާމީ ގަރާރުތަކާ އެއްގޮތަށް،" ކަމަށް ޓާރޯ ވިދާޅުވި ކަމަށް އުރުދުންގެ ދައުލަތުގެ މީޑިއާ، ޕެޓްރާ ނިއުސް އޭޖެންސީން ބުނެފައިވެއެވެ.

ގުދުސްއަކީ އިސްރާއީލުގެ ވެރިރަށްކަމަށް ބަލައިގަނެ ތެލް އަވީވްގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލުކުރެއްވުމަށް ނިންމަވާފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހު އިއުލާނުކުރައްވާފައެވެ.

އެ ނިންމުމާއެކު ފަލަސްތީނުގައި އިސްރާއިލާ ދެކޮޅަށް މުޒާހަރާތައް ފަށާފައިވާއިރު ތުރުކީއާ ޔަމަނުން އިސްނަގައިގެން ރައީސް ޓްރަމްޕްގެ ނިންމެވުމާ ދެކޮޅަށް އދ.ގެ އާއްމު މަޖިލީހަށް ހުށަހެޅި ގަރާރުވަނީ 128 ގައުމުގެ ތާއީދާއެކު ފާސްކޮށްފައެވެ.

އަމަލުކުރުން ލާޒިމް ނުކުރެވޭނެ މި ގަރާރަށް އެމެރިކާގެ ބިރުދެއްކުމާއެކުވެސް އެ ގައުމާ އެއްކޮޅަށް އަރާފައިވަނީ އަށް ގައުމެކެވެ. އޭގެ ތެރޭގައި އެގައުމެއްގެ އެމްބަސީ ގުދުސްއަށް ބަދަލުކުރާނެކަމަށް މިދިޔަ އާދީއްތަ ދުވަހު އިއުލާނުކުރި ގުއަޓަމާލާ ހިމެނެއެވެ.

އައްމާންގައި އަންގާރަ ދުވަހު ވާހަކަދައްކަވަމުން ކޯނޯ ވިދާޅުވީ އެމެރިކާގެ ޒަމާންވީ އެކުވެރިއެއްކަމަށްވާ ޖަޕާނުން އެ ގައުމުގެ އެމްބަސީ ގުދުސްއަށް ބަދަލު ނުކުރާނެކަމަށެވެ.

އިސްރާއީލުން އިރުމަތީ ގުދުސް ހިފާފައިވަނީ 1967 ގައި ކުރެވުނު ހަ ދުވަހުގެ ހަނގުރާމައިގައި ކަމަށް ވާއިރު އޭގެ ފަހުން އިތުރުކޮށްފައިވާ އެގައުމުގެ ސަރަހައްދުތައްކަމަށް ބުނާ ސަރަހައްދުތަކަކީ އިސްރާއިލުގެ ބައެއް ކަމަށް ބައިނަލްއަގްވާމީ މުޖުތަމައުން ގަބޫލެއް ނުކުރެއެވެ.

އިސްރާއީލުން ދެކޭ ގޮތުގައި މުޅި ސިޓީއަކީ އެ ގައުމުގެ ވެރިރަށެވެ. ނަމަވެސް ފަލަސްތީނުން ގަބޫލުކުރާ ގޮތުގައި ގުދުސްއަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރެވޭ ދުވަހަކުން އެ ދައުލަތުގެ ވެރިރަށެވެ.

އިސްރާއީލާ އުރުދުންއާ ދެމެދު 1994 ވަނަ އަހަރު އެކުލަވާލެވުނު ސުލްހައިގެ އެއްބަސްވުމުގެ ދަށުން މުސްލިމުންގެ މުގައްދަސް ތަނެއްކަމަށްވާ ގުދުސްގެ ބެލެނިވެރިފަރާތަކީ އުރުދުންއެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް