ގަބޫލުކުރިއަސް ނުކުރިއަސް ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޮޕްޅާއަކީ ދުނިޔޭގެ އެއްވަނަ ކަމަށް ރާއްޖޭގައި ހުރި އޭނާގެ އެންމެ ބޮޑު ފޭން، ސުނީތާ އަލީ ބުނެފިއެވެ.
ސުނީތާ މިހެން ބުނެފައި މި ވަނީ ނިއު ދިއްލީގައި ޕްރިޔަންކާއާ ބައްދަލުކުރުމަށް ފަހުގައެވެ.
ޕްރިޔަންކާގެ ދައުވަތަކަށް ހޯމަ ދުވަހު ދިއްލީއަށް ގޮސް ޕްރިޔަންކާއާ ބައްދަލުވުމަށް ފަހު އޭނާއާ އެކީގައި ނަގާފައިވާ ފޮޓޯއެއް ސުނީތާ ވަނީ ޓްވީޓްކޮށްފައެވެ. ސުނީތާ ކޮށްފައިވާ ޓްވީޓްގައި ހިންދީ ބަހުން ބުނެފައި ވަނީ ގަބޫލު ކުރިއަސް ނުކުރިއަސް ޕްރިޔަންކާއަކީ ދުނިޔޭގެ އެއްވަނަ ކަމަށެވެ. އަދި ފޭނަކުން ރައްޓެއްސަކަށް ބަދަލުވެއްޖެ ކަމަށް ސުނީތާ ކުރި އެޓްވީޓްގައި ވަނީ ބުނެފައެވެ.
"ފޭނަކުން މިހާރު ރައްޓެއްސަކަށް ބަދަލު ވެއްޖެ. ކީކޭ ބުނާނީ. މީހަކު ގަބޫލު ކުރިޔަސް ނުކުރިޔަސް ޕްރިޔަންކާ ޗޯޕްޅާއަކީ މުޅި ދުނިޔޭގެ އެއް ވަނަ." ޕްރިޔަންކާއާ ބައްދަލުކުރުމަށް ފަހު ސުނީތާ އަންގާރަދުވަހުގެ ރޭ ކުރި ޓްވީޓްގައި ބުންޏެވެ.
Aap fan se dost bangai , ⁰Kihaa kahoon..⁰Koi maane na maane @priyankachopra you are the best in the world ♥️♥️♥️ thank you so much @TeamPriyanka pic.twitter.com/6wIB8hVPE7
— SUNEETHA ALI (@sunee7777) December 26, 2017
މި ބައްދަލުވުމަށް ފަހު ފޭނުންނާ އެކު ބޭއްވި ބައްދަލުވުމަށް ސުނީތާ އަށް ދައުވަތު ލިބުނީ ވެސް ޕްރިޔަންކާގެ ހާއްސަ މެހެމާނެއްގެ ގޮތުގައެވެ.
ސުނީތާ އާއި ޕްރިޔަންކާ ބައްދަލުކޮށްފައި ވަނީ ނިއު ދިއްލީގައި ހުންނަ ތާޖް މަހަލް ހޮޓެލްގައެވެ.
މި ބައްދަލު ކުރުމުގައި ސުނީތާ ވަނީ ދިވެހި ސަޕޯޓަރުންގެ ފަރާތުން ޕްރިޔަންކާއަށް ދީފައިވާ ހަދިޔާތައް އޭނާއާ ހަވާލުކޮށްފައެވެ. އެތަކެތި ހަވާލުކުރާ ވީޑިއޯއެއް ވެސް ޓްވިޓާގައި ވަނީ އާންމުވެފައެވެ.
މިއީ ސުނީތާ އާއި ޕްރިޔަންކާ ބައްދަލުކޮށްފައިވާ ތިން ވަނަ ފަހަރެވެ. ސުނީތާ އާއި ޕްރިޔަންކާ އެންމެ ފުރަތަމަ ދިމާވެފައި ވަނީ އޭނާ މުމްބާއީ އަށް ދިޔަ ދަތުރެއްގައި މީގެ ތިން އަހަރު ކުރިންނެވެ. އެއަށް ފަހު 2015 ވަނަ އަހަރު، އާއަހަރު ފާހަގަކުރުމަށް ރާއްޖޭގައި ބޭއްވި ޝޯގެ ތެރެއިން ވެސް އެ ދެ މީހުން ވަނީ ބައްދަލުވެފައެވެ.
ސުނީތާ ވަނީ ޕްރިޔަންކާއަށް ކުރާ އިހުތިރާމް ދައްކާލުމަށް ޓްރިބިއުޓް ވެސް އެކިފަހަރު މަތިން ދީފައެވެ. މީގެ އިތުރުން ޕްރިޔަންކާގެ އުފަންދުވަހާ ދިމާކޮށް މިފަހަކަށް އައިސް އޭނާ ޕްރިޔަންކާއަށް ޚާއްސަ ކޮށްގެން ލަވައެއް ތައްޔާރު ކުރެއެވެ. އަދި ސުނީގެ މި ކަންކަމަށް ހިތްވަރުދީ ތައުރީފްކޮށް ޕްރިޔަންކާ ޓްވީޓްކުރެއެވެ.