ކ. މާލެ
|
26 ޑިސެންބަރ 2017 | އަންގާރަ 23:29
ކުރީގެ ރައީސް ފުޖިމޯރީ
ކުރީގެ ރައީސް ފުޖިމޯރީ
އީޕީއޭ
ޕެރޫ
މައާފު ލިބިފައިވާ ޕެރޫގެ ކުރީގެ ރައީސް އެކަމާ ގުޅިގެން މިހާރުގެ ރައީސް އަށް ޝުކުރު ދަންނަވައިފި
އިންސާނީ ހައްގުތަކަށް އަރައިގަތުމާ ކޮރަޕްޝަނުގެ މައްސަލައިގައި ފުޖިމޯރީ ގެންދެވީ 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން

ޖަލަށްލާފައިވާ ޕެރޫގެ ކުރީގެ ރައީސް އަލްބަރޓޯ ފުޖިމޯރީއަށް އެގައުމުގެ ރައީސް ޕެޑްރޯ ޕަބްލޯ ކުޒިންސްކީ މައާފުދެއްވުމާ ގުޅިގެން، ރައީސް ކުޒިންސްކީ އަށް ފުޖިމޯރީ ޝުކުރު ދަންނަވައިފިއެވެ.

ހޮސްޕިޓަލުގައި އެދުމަތިކޮށްފައިވާ ފުޖިމޯރީ ވިދާޅުވީ ރައީސް ކުޒިންސްކީ ދެއްވި މައާފަށް "ނުހަނު ޝުކުރުވެރިވާ ކަމަށެވެ." ފޭސްބުކްގައި ޕަބްލިޝްކޮށްފައިވާ ވީޑިއޯއެއްގައި ފުޖިމޯރީ ވިދާޅުވީ އޭނާއަށް މައާފު ލިބުމުގެ ޚަބަރު ލިބުމުން ވަރަށް ބޮޑަށް އެކަމުން އަސަރު ކުރި ކަމަށާއި، ވަރަށް އުފާވެރިކަން އިހުސާސްވި ކަމަށާއި އަދި ހަމަ އެހާމެ ހިތާމަވެރިކަން ވެސް އިހުސާސްވި ކަމަށެވެ. ފުޖިމޯރީ ވަނީ އޭނާގެ ވެރިކަމުގައި ހިތްހަމަނުޖެހުނު ފަރާތްތަކުގެ ކިބައިން މައާފަށް ވެސް އެދިވަޑައިގެންފައެވެ.

ރައީސް ކުޒިންސްކީ ފުޒިމޯރީ އަށް މައާފުދެއްވުމާ ގުޅިގެން، ރައީސް ގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އުމުރުފުޅުން 79 އަހަރުގެ ފުޖިމޯރީއަށް މައާފްދެއްވީ ސިއްހީ ހާލަތަށް ބެލުމަށް ފަހު ކަމަށެވެ.

1990 އިން 2000 ވަނަ އަހަރާ ހަމައަށް ވެރިކަން ކުރެއްވި ފުޖިމޯރީ ވަނީ ލޭގެ ޕްރެޝަރު ދަށްވުމާއި ހިތްޕުޅުގެ ވިންދު ބަދަލުވުމާ ގުޅިގެން ދާދިފަހުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ވެސް ދީފައެވެ.

އިންސާނީ ހައްގުތަކަށް އަރައިގަތުމާ ކޮރަޕްޝަނުގެ މައްސަލައިގައި ފުޖިމޯރީ ގެންދެވީ 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އޭނާއަށް ތާއީދުކުރާ ފަރާތްތަކުން، މާއޮއިސްޓުންނާ ހަނގުރާމަ ކުރެއްވުމުން އޭނާއަށް ތާއީދުކުރާއިރު ފާޑުކިޔާ ފަރާތްތަކުން ސިފަކުރާ ގޮތުގައި އޭނާއަކީ ކޮރަޕްޓް ޑިކްޓޭޓަރެކެވެ.

ފުޖިމޯރީއަށް މައާފް ދެއްވާފައި މިވަނީ ކޮރަޕްޝަނުގެ ތުހުމަތުގައި ރައީސް ކުޒިންސްކީގެ މައްޗަށް ގާނޫނު ހަދާ މަޖިލީހުގައި ނެގުނު އިތުބާރު ނެތްކަމުގެ ވޯޓުން އޭނާ ސަލާމަތް ކުރުމަށް ފުޖިމޯރީއަށް ތާއީދުކުރާ ފަރާތްތަކުން އެހީތެރިވެދީފައި ވަނިކޮށެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ރައީސް ވަނީ ފުޖިމޯރީއަށް ތާއީދުކުރާ ފަރާތްތަކުން މަޖިލީހުގައި ދެއްވި އެއްބާރުލެއްވުމުގެ ބަދަލުގައި އޭނާ މިނިވަން ކުރެއްވުމަށް ކުޒިންސްކީ ވަނީ ވައުދުވެ ވަޑައިގެންފައެވެ. ނަމަވެސް އެ ވާހަކަތައް ކުޒިންސްކީ ދޮގުކުރައްވައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް