ޔުވެންޓަސްއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ހުނަރުވެރި ފޯވާޑް ޕައުލޯ ޑިބާލާއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު މަސިމިލިއާނޯ އަލެގްރީ ބުނެފިއެވެ.
އަލެގްރީ މިހެން ބުނެފައިވާއިރު އެ ޓީމުގެ މެނޭޖްމަންޓާއި ޑިބާލާއާ ދެމެދު މައްސަލަ ޖެހިފައިވާ ކަމަށް އިޓަލީގެ މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އެގޮތުން އެ ޓީމުގެ ނައިބު ރައީސް، ޕަވެލް ނެޑްވެޑް ޑިބާލާގެ ދިރިއުޅުމާއި ބެހޭގޮތުން ދެއްކި ވާހަކަތަކެއްގެ ސަބަބުން އޭނާ އެ ކްލަބް ދޫކޮށްލަން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިދިޔަ ހަފްތާގައި ޖެނޯއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ނަމަވެސް އޭގެ ފަހުން ރޯމާއާ ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުގައި އޭނާ ފެނިފައިވަނީ އެ ޓީމުގެ ބެންޗުންނެވެ. މިއީ އޭނާ ޖެހިޖެހިގެން ބެންޗުން މެޗެއް ފެށި ތިންވަނަ ފަހަރެވެ.
އުމުރުން 24 އަހަރުގެ ފޯވާޑަށް އެ މެޗުގައި އެއްވެސް ވަރަކަށް ކުޅުމުގެ ފުރުސަތުދީފައި ނުވާއިރު އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން އަލެގްރީ ބުނީ އޭނާއާ ޑިބާލާއާ ދެމުދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި މައްސަލައެއް އުޅޭނަމަ ޑިބާލާ ބެންޗުން ވެސް ނުފެންނާނެ ކަމަށެވެ. ޑިބާލާއަކީ ޔުވެންޓަސްއަށް މުހިންމު ކުޅުންތެރިޔެއްކަން ފާހަގަކުރަމުން އަލެގްރީ ބުނީ ސީޒަނަކީ ދިގު ސީޒަނެއްކަން އެންމެން ވެސް ގަބޫލުކުރަން ޖެހޭ ކަމަށާއި މިވަގުތު ފުރަތަމަ އެގާރައިން ފުރުސަތު ދެމުންދަނީ ޓީމަށް އެންމެ ބޭނުންވާ ކުޅުންތެރިންނަށް ކަމަށެވެ.
ޑިބާލާ ހުރީ ހުރިހާ ގޮތަކުން ވެސް ފިޓުކޮށް ކަމަށާއި މިއީ އޭނާއަށް ޓީމުން ފުރުސަތު ނުލިބޭ ދަނޑިވަޅެއް ކަމަށް އަލެގްރީ ބުނެފައިވެއެވެ. އަދި އެއްވެސް މައްސަލައެއްގެ ގޮތުގައި ޑިބާލާ ބަލައި ނުގަންނަ ކަމަށާއި އޭނާގެ ނިންމުންތަކަށް ޑިބާލާ އިހުތިރާމުކުރާ ކަމަށް އަލެގްރީ ބުނެފައިވެއެވެ.
އަލެގްރީ މިބީދައިން ވާހަކަ ދައްކާފައިވާއިރު މިކަމާއި ގުޅިގެން ޑިބާލާގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. މި ސީޒަނުގެ ކުރީކޮޅު ޔުވެންޓަސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ޑިބާލާ ފާހަގަ ކުރެވުނު ނަމަވެސް އަނިޔާވުމުގެ ސަބަބުން އޭނާއަށް ޓީމުން ފުރުސަތު ވެސް ގެއްލުނެވެ.
ޔުވެންޓަސް މިވަގުތު އޮތީ އިޓާލިއަން ސެރީއޭގެ ދެވަނައިގައެވެ. 44 ޕޮއިންޓާއެކު އެ ޓީމު ދެވަނައިގައި އޮތްއިރު އެއްވަނައިގައި 45 ޕޮއިންޓާއެކު އޮތީ ނަޕޯލީއެވެ.
ޔުވެންޓަސްއާ ޑިބާލާއާ ދެމުދެ މައްސަލަ ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު އޭނާ ހޯދުމަށް ޔޫރަޕުގެ އެންމެ ބޮޑެތި ޓީމުތަކުން މީގެކުރިން ވެސް މަސައްކަތް ކޮށްފައިވެއެވެ. އޭގެތެރޭގައި ސްޕެއިންގެ ރެއާލް މެޑްރިޑާއި ބާސެލޯނާގެ އިތުރުން އިނގިރޭސިވިލާތުގެ ޗެލްސީއާއި މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން މެންޗެސްޓާ ސިޓީ ހިމެނެއެވެ.
ޕަލެރާމޯ ދޫކޮށް ޑިބާލާ ޔުވެންޓަސްއަށް ބަދަލުވީ 2015 ވަނަ އަހަރުއެވެ. އޭނާވަނީ މިހާތަނަށް އެ ޓީމަށް ކުޅުނު 82 މެޗުގައި 42 ލަނޑު ޖަހާފައެވެ. ހަމައެހެންމެ މި ސީޒަނުގައި އެ ޓީމަށް ކުޅުނު 26 މެޗުގައި އޭނާވަނީ 15 ލަނޑު ޖަހާފައެވެ. އޭގެތެރެއިން ފަސް މެޗު އޭނާ ފަށާފައިވަނީ ބެންޗުންކަން ފާހަގަކޮށްލެވެއެވެ.