ކ. މާލެ
|
26 ޑިސެންބަރ 2017 | އަންގާރަ 18:02
ދެ ބައިވެރިން ވާހަކައެއް ހިއްސާކުރަނީ
ދެ ބައިވެރިން ވާހަކައެއް ހިއްސާކުރަނީ
ޓްވިޓަރ
އަންހެނުން
ބުނަން ބޭނުން ވިޔަސް، އަންހެނުން ނުބުނާ ބައެއް ކަންކަން!
ފިރިހެނުންނަކީ ޖަޒުބާތުތައް ފޮރުވާ ބައެއް
އަންހެނުންގެ ކިބައިގަވެސް މިފަދަ ސިފަތައް ހުންނާނެކަން ބައިވެރިޔާ ދެނެގެތަމަކީ ވަރަށް މުހިންމު ކަމެއް
ކޮންމެ މީހަކީ ވެސް އަމިއްލަ ނަފްސަށް ވަގުތު ދޭން ބޭނުންވާނެ މީހެއް

އަންހެނުންނަކީ އުފެދޭ ޖަޒުބާތުތަކާއި އިހުސާސުތައް ފިރިހެނުންނަށް ވުރެ މާ ރަނގަޅަށް ފާޅުކުރަން އެނގޭ ބައެކެވެ. މިއީ އެންމެންނަށް ވެސް އެނގޭ ހަގީގަތެކެވެ. ފިރިހެނުންނަކީ ޖަޒުބާތުތައް ފޮރުވާ ބައެކެވެ. ނަމަވެސް އަންހެނުން ވެސް ފާޅުކުރަން ބޭނުންނުވާ ބައެއް ކަންކަން ހުރެއެވެ. ހާއްސަކޮށް ބައިވެރިޔާގެ ފަރާތުން އެދޭ، އެކަމަކު ބުނަން ނުކުރޭ ނުވަތަ އެ ވާހަކައެއް ނުދައްކާ ބައެއް ވާހަކަތައް އެބަ ހުއްޓެވެ.

ހަޔާތުގެ ބައިވެރިޔެއްގެ ގޮތުން އޭނާ އިޚްތިޔާރު ކުރެވުމަކީ ފަޚުރުވެރި ކަމެއްގެ ގޮތުގައި ބައިވެރިޔާ ބަލައިގަތުމަކީ އަންހެނުން ވަރަށް އެދޭ ކަމެކެވެ. ބައިވެރިޔާއަކީ ހަޔާތުގެ ގުޅުމުގައި މުހިންމު މީހެއް ކަމާއި ދެމީހުންގެ މެދުގައި އޮންނަ ގުޅުން ދެމެހެއްޓުމަށް ކުރާ މަސައްކަތް ފަޚުރުވެރިކަމާއެކު ބަލައިގަތުމަކީ އަންހެނުން ވަރަށް ދެކެން ބޭނުންވާ މަންޒަރެކެވެ. އަޑުހަރުކޮށް މި ވާހަކަ ނުދެއްކި ކަމުގައި ވިޔަސް ބައިވެރިޔެއްގެ ގޮތުގައި އޭނާ އިޚްތިޔާރު ކުރެވުނީތީ ފަޚުރުވެރިވުމަކީ އަންހެނުނުން ރުއްސުމަށް ފިރިހެނުން ކުރަން ޖެހޭ ކަމެކެވެ.

ބައިވެރިޔާގެ ފަރާތުން އޭނާއަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ވެސް އަންހެނުން ވަރަށް އެދޭ ކަމެކެވެ. މާލީ ނުވަތަ ޖިސްމާނީ ރައްކާތެރިކަމެއް ނޫނެވެ. އަންހެނުން ބޮޑަށް ބޭނުންވަނީ ބައިވެރިޔާގެ ފަރާތުން ޖަޒުބާތީ ސަލާމަތާއި ރައްކާތެރިކަމެވެ. ހިތުގައި އަޅާ ވޭނާއި އުދާސްތަކާއި ކެކުޅުން އެންމެ ފުރަތަމަ އަޑު އިވެން ޖެހޭނީ ބައިވެރިޔާއަށް ކަމަށް އަންހެނުން ގަބޫލު ކުރެއެވެ. ހަމައެހެންމެ ކުރިމަތިވާ ދަތި އުނދަގޫ ދަނޑިވަޅުތަކުގައި އަތުގައި ހިފައިގެން ކުރިޔަށްދާނެ މީހެއްގެ ގޮތުގައި އަންހެނުން ބަލައިގަންނަނީ އެމީހުންގެ ބައިވެރިންނެވެ.

ފިރިހެނުން އަދި އަންހެނުންނަކީ ވެސް ސަމާލު ކަމަށް އިންތިހާއަށް އެދޭ ބަޔެކެވެ. ދެ މީހުންގެ މެދުގައި އުފެދޭ ލޯބީގެ ގުޅުން ދެމި އޮންނަނީ ދެ މީހުންގެ ވެސް މަސައްކަތާއެކުއެވެ. އެހެނީ އެކަކަށް އަޅާލުމާއި ސަމާލުކަން ނުދޭނަމަ ލޯބީގެ ގޮތުން ގުޅިގެން އުޅުމުގެ ބޭނުމެއް އެބައޮތްތޯ؟ އެހެން ނަމަވެސް ދިރާސާތަކުން ދައްކާ ގޮތުގައި ރިލޭޝަންޝިޕެއްގައި ބައިވެރިޔާގެ އަޅާލުމާއި ސަމާލު ކަމަށް އެންމެ ބޮޑަށް އެދެނީ އަންހެނުންނެވެ.

ދެ މީހުންގެ މެދުގައި އުފެދޭ ލޯބީގެ ގުޅުމަކަށް އެންމެ މުހިންމު ވަސީލަތަކީ އެކަކު އަނެކަކަށް ވާހަކަ ދެއްކުމެވެ. ޒަމާން ބަދަލުވެ ފޯނު ބޫތު ކައިރީ ކިއު ހަދާލައިގެން ތިބެން މިހާރަކު ނުޖެހެއެވެ. ޖީބުގައި އޮންނަ ފޯނުން ބޭނުންއިރަކު ބޭނުން ވަގުތަކު ގުޅާލައިގެން ވާހަކަ ދައްކާލަންވީއެވެ. ނުފެނި ގިނަ ދުވަސްވާނަމަ ވީޑޯއޯ ކޯލެއް ކޮށްލަންވީއެވެ. މިކަހަލަ ވާހަކަ އަބަދު ބައިވެރިޔާ ނުބުންޏަސް، ފިރިހެނުންނަށް އެނގެންޖެހޭނެ އެވެ.

އެއްވެސް އިންސާނަކު ދުނިޔެއަށް ފޮނުއްވީ އެހެން އިންސާނެއްގެ ބޭނުމަށް ނުޖެހޭނެ ކަމަކަށް ނޫނެވެ. ފިރިހެނުން ވެސް އަދި އަންހެނުން ވެސް އެހެން މީހުންގެ ބޭނުމަށް ޖެހެއެވެ. ހަޔާތުގެ ބައިވެރިޔެއްގެ ފަރާތުން އަންހެނުން އެންމެ ބޮޑަށް ބޭނުންވާ ކަމަކީ އެކި ކަންކަމުގައި އެހީތެރިކަން ފޯރު ކޮށްދިނުމެވެ. އެއީ ފިހާރައަކުން އެއްޗެއް ގަނެދިނުން ކަމުގައި ވިޔަސް ނުވަތަ ގޭގައި ނުހުންނަ ވަގުތު ކުޑަދަރިފުޅު ބަލައިދިނުން ކަމުގައި ވިޔަސް، ބައިވެރިޔާގެ ފަރާތުން އެހީތެރިކަމުގެ އަތެއް ފޯރުކޮށްލާ މަންޒަރު ފެނުމަކީ އަންހެނުން އިންތިހާއަށް އުފާވާ ކަމެކެވެ. މިފަދަ އެހީތެރިކަމަކަށް އެދެން ބައެއް އަންހެނުން ލަދުވެތިވާނެ އެވެ. ނަމަވެސް އުފާވެރި ދިރިއުޅުމަކަށް އެދޭނަމަ، ބައިވެރިޔާ ބުނުމުގެ ކުރިން، އަމިއްލަ އަށް ފެނިގެން އެހީތެރިކަން ފޯރުކޮށްދޭށެވެ. އޮފީހުގައި އުޅެފައި ގޮސް، ބައިވެރިޔާ ކައްކާ ވަގުތު ތަރުކާރީ ކޮށައިދީ، ނުވަތަ ރޮށި ފިހެދެވިދާނެ އެވެ.

 

ކޮންމެ މީހަކީ ވެސް އަމިއްލަ ނަފްސަށް ވަގުތު ދޭން ބޭނުންވާނެ މީހެކެވެ. ކުޑަ ދުވަސްކޮޅަކަށް ނަމަވެސް އެކަނި ވަގުތުކޮޅެއް ހޭދަކޮށްލަން ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. އެހެނީ މިފަދަ ވަގުތުތަކަކީ ކަންކަމާއި މެދު ވިސްނާ ރަނގަޅު ނިންމުންތައް ނިންމުމަށް ފުރުސަތު ލިބޭ ވަގުތުތަކެކެވެ. މިއީ އެއްވެސް ހާލެއްގައި ބައިވެރިޔާއާ މެދު ފޫހިވެ އޭނާ ދޫކޮށްލުމުގެ ހުއްޖަތެއްގެ ގޮތުގައި އަންހެނުން ކުރާނެ ކަމެއް ނޫނެވެ. މިފަދަ ވަގުތުކޮޅެއް ބޭނުންވާ ވާހަކަ އަންހެނުން ނުބުނި ކަމުގައި ވިޔަސް އެ ކަންކަން ދެނެގަތުމަކީ ފިރިހެނުންގެ ޒިންމާއެކެވެ. މިފަދަ ވަގުތު އަންހެނުންނަށް ދެވިއްޖެނަމަ ދެމީހުންގެ މެދުގައި އޮންނަ ގުޅުމަށް ކުރާނީ ފައިދާއެވެ.

އެކާވީސްވަނަ ގަރުނަކީ ޖިންސީ ހަމަހަމަކަމަށް އިންތިހާއަށް އަހަންމިއްޔަތުކަން ދެމުންދާ ދުވަސްވަރެކެވެ. އަންހެނުންނާއި ފިރިހެނުންގެ މެދުގައި އޮތް ޒަމާންވީ ތަފާތުތައް ނައްތާލުމަށް ގިނަ މަސައްކަތްކަތެއް ކުރެވެއެވެ. އެގޮތަށް ދެމީހުންގެ މެދުގައި އޮންނަ ގުޅުމުގައި ވެސް އެ ތަފާތުތައް ނައްތާލުމަށް އަންހެނުން އެދެއެވެ. އާއިލާއެއްގެ އެންމެ އިސް މީހަކީ ފިރިހެނެއްގެ ގޮތުގައި ކަނޑައެޅިފައި ވިޔަސް އަންހެނުން ދެކެން ބޭނުންވާ އެއް މަންޒަރަކީ ފިރިހެނުންނާ އެއްވަރަށް އާއިލާގެ ކަންކަން ނިންމުމުގައި އެމީހުންގެ ހިއްސާ އޮންނަތަން ފެނިގެން ދިޔުމެވެ. މިފަދަ ނިންމުންތައް ނިންމުމުގެ ފުރުސަތު ދިނުމަކީ ވެސް ފިރިހެނުން ކުރަން ޖެހޭ ކަމެކެވެ.

ދެމީހުންގެ މެދުގައި އޮންނަ ގުޅުމުގައި އެކުވެރިކަން އޮތުމަކީ އަންހެނުން ވަރަށް ބޭނުންވާ ކަމެކެވެ. ބައިވެރިޔާގެ އެންމެ ގާތް އެކުވެރިޔާއަށް އޭނާވުމަކީ އަންހެނުންނަށް ވަރަށް ގަޔާވާ ސިފައެކެވެ. މިފަދަ ގޮތަކަށް ރިލޭޝަންޝިޕް ބިނާ ކުރުމަށް އަންހެނުން ނުސީދާ ގޮތަށް ސިގްނަލްދޭ ކަމަށް ރިސާޗްތަކުން ދައްކައެވެ. އެންމެ ގާތް އެކުވެރިޔާގެ ހައިސިއްޔަތުން ބޭނުންވާ އަޅާލުމާއި އެއްބާރުލުން ދިނުމަކީ އަންހެނުން އެ މަންޒަރު ދެކެން ވަރަށް ބޭނުންވާ މަންޒަރުތަކެކެވެ. ބައިވެރިޔާއަކީ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ދެކޭ ރިލޭޝަންޝިޕްތަކަކީ އެންމެ ކާމިޔާބު ރިލޭޝަންޝިޕްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

އޭނާ ބޭނުންވާ ކަމެއް ބޭނުންވުމުގެ ކުރިން ބައިވެރިޔާއަށް އެނގުމަކީ އަންހެނުން ވަރަށް 'ކެޓޭ' ކަމެކެވެ. މިއީ ކުރަން ކިތަންމެ އުނދަގޫ ކަމަކަށް ވިޔަސް މިފަދަ ކަންކަންކުރާނަމަ އަންހެނުންގެ ހިތް އެމީހެއްގެ ބައިވެރިޔަކަށް ޖެހޭ ކަމަށްވެއެވެ. އޭނާ ބޭނުންވަނީ ކޮންކަމެއްތޯ ނުވަތަ ބޭނުންނުވާ ކަންކަމާއި އޭނާ ގަޔާވާ ކަންކަމާއި ގަޔާވާ ކަންކަން ބައިވެރިޔާއަށް އެނގުމަކީ ކޮންމެހެން ލާޒިމްކަމެއްގެ ގޮތުގައި ގިނަ އަންހެނުން ދެކެއެވެ. އެހެންކަމުން އަންހެނުންގެ ބޭނުންތައް ފުއްދައިދިނުމަށް އަބަދުވެސް އެލާޓުގައި ތިބުމަކީ ފިރިހެނުންނަށް ބުއްދިވެރިކަމެކެވެ.

އެއްވެސް މީހަކީ 'ޕާފެކްޓް' މީހެއް ނޫނެވެ. ކޮންމެ މީހަކީ ވެސް ގޯސް ސިފަތަކެއް އެމީހެއްގެ ކިބައިގައި ހުންނާނެ މީހެކެވެ. ބޭރަށް ފެންނަ ސިފަތަކާއި ބޭރަށް ނުފެންނަ ސިފަތަކެވެ. އަންހެނުންގެ ކިބައިގަވެސް މިފަދަ ސިފަތައް ހުންނާނެކަން ބައިވެރިޔާ ދެނެގެތަމަކީ ވަރަށް މުހިންމު ކަމެކެވެ. މިފަދަ ސިފަތަކާއެކު ވެސް އޭނާއަކީ ހަޔާތުގެ ބައިވެރިޔާގެ ގޮތުގައި ގަބޫލުކުރުމަކީ ފިރިހެނުންނަށް އަންހެނުންގެ މެދުގައި އޮންނަ އިތުބާރު ވަރަށް ބޮޑަށް އިތުރު ވެގެންދާ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް