ނަޕޯލީއަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު މުގުރާލުމާއެކު އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މެރަޑޯނާ އެ ރެކޯޑު މުގުރާލި ސްލޮވާކިއާގެ މިޑްފީލްޑަރު މަރެކް ހަމްސިކްއަށް މަރުހަބާ ކިޔައިފިއެވެ.
ހަމްސިކް މި ރެކޯޑު މުގުރާލީ އިޓާލިއަން ސެރީއޭގައި ސަމްޕްދޯރިއާ އަތުން 3-2 ގެ ނަތީޖާއަކުން ނަޕޯލީ މޮޅުވި މެޗުގައި ލަނޑު ޖަހައިގެންނެވެ. މިއީ އޭނާ ނަޕޯލީއަށް ޖަހައިދިން 116 ވަނަ ލަނޑެވެ. ހަމްސިކް ވަނީ މިހާތަނަށް ނަޕޯލީއަށް 275 މެޗު ކުޅެދީފައެވެ.
މީގެކުރިން މި ރެކޯޑު އޮތީ 1984 އިން ފެށިގެން 1991 ވަނަ އަހަރާ ހަމަޔަށް އެ ޓީމަށް ކުޅުނު އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މެރަޑޯނާ އަތުގައެވެ. ނަޕޯލީގައި ހޭދަ ކުރި ހަތް އަހަރު މެރަޑޯނާ އެ ޓީމަށް ކުޅުނު 259 މެޗުގައި 115 ލަނޑު ޖަހާފައިވެއެވެ.
މެރަޑޯނާގެ މި ރެކޯޑު 26 އަހަރަށް ފަހު ހަމްސިކް މުގުރާލުމާ ގުޅިގެން އޭނާ ބުނެފައިވަނީ ނަޕޯލީގެ ތާރީހުގައި ހަމްސިކްގެ ނަން ރަން އަކުރުން ލިޔެވުމާއެކު ވަރަށް އުފާވެފައި ހުރި ކަމަށެވެ. އަދި ހަމްސިކްއަށް އެ ރެކޯޑު މުގުރާލުން ހައްގު ކަމަށާއި އޭނާއަކީ ނަޕޯލީގެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ކަމަށެވެ.
ހަމްސިކް މި ރެކޯޑު މުގުރާލުމާއެކު ނަޕޯލީގެ ސަޕޯޓަރުން އޭނާއަށް ކުރާ ގަދަރާއި ދެމުންދާ ލޯބި އިންތިހާއަށް އިތުރުވެގެންދާނެ ކަމަށާއި ނަޕޯލީގެ ތާރީހުގެ އެންމެ މުހިންމު ކުޅުންތެރިންގެ ލިސްޓުގައި ހަމްސިކްގެ ނަން ގުނާލެވޭނެ ކަމަށް މެރަޑޯނާ ބުނެފައިވެއެވެ.
ހަމައެހެންމެ މެރަޑޯނާ ބުނެފައި ވަނީ މި ސީޒަނުގައި ނަޕޯލީގެ ފަރާތުން ފެންނަމުން ދަނީ މުޅިން ތަފާތު ކުޅުމެއް ކަމަށާއި މި ސީޒަނަކީ ނަޕޯލީއިން ތަށި ހޯދާނެ ސީޒަން ކަމުގައި ގަބޫލުކުރާ ކަމަށެވެ. އެގޮތުން މި ސީޒަނުގައި ފެންނަމުންދާ އެންމެ ވަރުގަދަ ޓީމަކީ ނަޕޯލީ ކަމަށާއި ނަޕޯލީގެ ފަހަތުން ދެން އެންމަ ވަރުގަދަކޮށް ފެންނަނީ އިންޓަ މިލާން އާއި ޔުވެންޓަސް ކަމަށްވެސް މެރަޑޯނާ ބުނެފައިވެއެވެ. މެރަޑޯނާގެ ރެކޯޑު ހަމްސިކް މުގުރާލީ އޭނާ މި ސީޒަނުގައި ޖެހި ތިންވަނަ ލަނޑާއެކުއެވެ.
އުމުރުން 30 އަހަރުގެ ހަމްސިކް ނަޕޯލީއާ ގުޅުނީ 2007 ވަނަ ބްރެސިއާއިންނެވެ. ނަޕޯލީގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު މިހާރު އޮންނަ ހަމްސިކް ވަނީ އެ ޓީމާއެކު ދެފަހަރެއްގެ މަތިން ކޮޕާ އިޓާލިއާ އަދި އެއްފަހަރު އިޓާލިއަން ސުޕަކޯޕާ ކާމިޔާބު ކޮށްފައެވެ. އޭނާވަނީ ހަ ފަހަރެއްގެ މަތިން ސްލޮވާކިއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.
ބާސެލޯނާ ދޫކޮށް 1984 ވަނަ އަހަރު ނަޕޯލީއާ ގުޅުމަށް ފަހު މެރަޑޯނާވަނީ އެ ޓީމުގައި ކާމިޔާބު ހަތް އަހަރު ވޭތުކޮށްފައެވެ. އޭނާގެ ކެޕްޓަން ކަމުގެ ދަށުން ނަޕޯލީއިން ދެ އިޓާލީއަން ސެރީއޭ އާއި ޔުއެފާ ކަޕްގެ އިތުރުން ކޮޕާ އިޓާލިއާއެއް ކާމިޔާބުކުރިއެވެ. ނަޕޯލީގެ ސަޕޯޓަރުން ދެކޭގޮތުގައި އޭނާއަކީ އެ ކްލަބުގެ ތާރީހު ބަދަލު ކޮށްލި ކުޅުންތެރިޔެކެވެ.