މިއަންނަ އަހަރުގެ މެއި މަހު ކައިވެނި ބައްލަވައިގަންނަވަން އުޅުއްވާ އިނގިރޭސި ޕްރިންސް ހެރީ އާއި ހޮލީވުޑްގެ ތަރި މޭގަން މާކެލް ކައިވެނި ބައްލަވައި ގަންނަވާނީ އަންނަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހުއެވެ.
ހެރީ އާއި މޭގަން އެންގޭޖް ކުރައްވާފައި ވަނީ ކެންޒިންގޓަން ޕެލެސްގައި ދިރިއުޅޭ ކޮޓެޖްގައި ނޮވެމްބަރު 27 ގައެވެ. ހެރީ އާއި މޭގަން އެންގޭޖް ކުރެއްވި އޮފިޝަލް ފޮޓޯތައް މިހާރު ވަނީ އާންމުކޮށްފައެވެ. އާންމުކޮށްފައި ވަނީ ތިން ފޮޓޯއެވެ. އޭގެ ތެރޭގައި މޭގަންގެ އެންގޭޖްމަންޓް ރިންގް ފެންނަ ދެ ފޮޓޯ ހިމެނެއެވެ.
ހެރީ އާއި މޭގަންގެ ކައިވެނީގެ ޕާޓީގެ ޚަރަދަށް 1.5 މިލިއަން ރުފިޔާ އަރާނެ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އެ ޚަރަދު ކުރާނީ މޭގަންގެ ބައްޕަ ޓޮމްއެވެ. އިނގިރޭސި ވިލާތުގެ ވެޑިން ޕްލޭނާ ހަމީޝް ޝެފާޑް ވަނީ ހެރީ އާއި މޭގަންގެ ކައިވެނީގެ ޚަރަދު އިނގިރޭސިވިލާތުގައި ކުރާ އެހެން ކައިވެނިތަކަށް ވުރެ ސަތޭކަ ގުނަ ބޮޑުވާނެ ކަމަށް ބުނެފައެވެ.
ހެރީ އާއި މޭގެންގެ ކައިވެންޏަށް ދައުވަތު އަރުވާނީ 800 މީހުންނަށެވެ. އަދި މެންދުރުގެ ކެއުމުގެ ރިސެޕްޝަނަށް ދައުވަތު އަރުވާނީ 300 މީހުންނަށެވެ. އޭގެ ތެރޭގައި ހިމެނެނީ ހެރީ އާއި މޭގަންގެ ގާތް ރައްޓެހިންނާއި އާއިލާގެ ބޭފުޅުންނެވެ.
ހެރީ އާއި މޭގަން ލޯބީގެ ގޮތުން ގުޅިފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
އުމުރުން 33 އަހަރުގެ ހެރީ އާއި 36 އަހަރުގެ މޭގަން އެންގޭޖް ކޮށްފައި ވަނީ މިވަނީ 16 މަސް އެކުގައި ހޭދަކުރެއްވުމަށް ފަހުގައެވެ.
މި ކައިވެންޏަކީ ހެރީގެ އަލަތު ކައިވެންޏެވެ. އެހެން ނަމަވެސް މިއީ މޭގަންގެ އަލަތު ކައިވެންޏަށް ނުވާއިރު އޭނާ 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފިލްމް ޕްރޮޑިއުސަރެއް ކަމަށްވާ ޓްރިވަރ އެންގްލްސަންއާ ކުރި ކައިވެނި، ދެ އަހަރަށް ފަހު ވަނީ ރޫޅިފައެވެ.