ލުބުނާނުގެ ބޮޑުވަޒީރު ސައުދުލް ހަރީރީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒަށް ވަޑައިގެންނެވީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާއެކު އެއްދުވަސް ހޭދަކުރެއްވުމުގެ އުއްމީދުގައި ކަމަށާއި ނަމަވެސް ސައުދީގެ ސަލާމަތީ ފައުޖުތަކުން އޭނާ ގަދަކަމުން ގެންދިއުމަށްފަހު މަގާމުން އިސްތިއުފާދެއްވަން މަޖުބޫރުކުރުވިކަމަށް ނިއުޔޯކް ޓައިމްސްއިން ބުނެފިއެވެ.
ނަން ހާމަނުކުރާ ލުބުނާނުގެ އޮފިޝަލަކާއި ހުޅަނގުގެ އޮފިޝަލަކާ ހަވާލާދީ ނިއުޔޯކް ޓައިމްސްއިން ބުނީ ލުބުނާނުގެ އިތުރުން ސައުދީގެ ޕާސްޕޯޓްވެސް އޮންނަ ހަރީރީ ދޫކޮށްލީ ބައިނަލްއަގްވާމީ ފަރާތްތަކުން ބާރު އަޅައިގެންކަމަށެވެ.
އެ ރިޕޯޓްގައި ބުނެފައިވާގޮތުގައި ކުރިން ތައްޔާރުކޮށްފައިވާ އިސްތިއުފާގެ ތަގުރީރެއް ގެނައުމުގެކުރިން ހަރީރީގެ ފޯނު އަތުލުމަށްފަހު އެންމެ ބޮޑީގާޑެއް ފިޔަވައި ހުރިހާ ބޮޑީގާޑުންވެސް އެ މަނިކުފާނާ ވަކިކުރިއެވެ.
އީރާނުން ލުބްނާނުގެ ދާޚިލީ ކަންކަމާ ބެހޭ ކަމަށާއި އަދި ފުރާނަފުޅަށް ނުރައްކާއޮތްކަމަށް ވިދާޅުވެ ލުބްނާނުގެ ބޮޑުވަޒީރު ސައުދުލް ހަރީރީ މަޤާމުން އިސްތިއުފާދެއްވިކަމަށް އިއުލާނުކުރެއްވީ ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހުއެވެ.
ހުޅަނގުގެ ޑިޕްލޮމޭޓުންނާއި ލުބުނާނުގެ އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި ސައުދީ އަރަބިއްޔާއިން ވިސްނުމަކަށް ވެފައި އޮތީ ހަރީރީގެ އިސްތިއުފާއާއެކު ހިޒްބުﷲ ޖަމާއަތާ ދެކޮޅަށް މުޒާހަރާތައް ފެށިގެންދިއުން ނަމަވެސް އެކަން ހަގީގަތަކަށް ވެފައި ނުވާކަމަށެވެ.
ލުބުނާނުގެ ރައީސް މިޝޭލް އައޫންވެސް ހިމެނިވަޑައިގަންނަވާގޮތަށް، އިސް އޮފިޝަލުން ވަނީ ހަރީރީގެ އިސްތިއުފާގެ ސަބަބާއިމެދު ވަގުތުން ޝައްކު އުފައްދަވައި ހުޅަނގުގެ ޑިޕްލޮމޭޓުންނަށް އެކަމުގައި ސަމާލުވުމަށް އަންގަވާފައެވެ.
އެންމެ ފަހުން ހަރީރީ ގައުމަށް ވަޑައިގެންފައިވަނީ ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮންގެ އަރިހަށް އެ ގައުމަށް ވަޑައިގަތުމަށްފަހުއެވެ.
ސައުދީގައި ހަރީރީ ހުންނެވީ އެ މަނިކުފާނުގެ ނުރުހުމުގައި ބަންދުގައި ކަމަށް ބުނާ ވާހަކަތަކަށް ހަރީރީ އިންކާރުކުރެއްވި ނަމަވެސް އެ ގައުމުގައި ހުންނެވިއިރު ހިނގާފައިވާ ކަންކަން ހާމަކުރެއްވުމަށް ދެކޮޅުހައްދަވައެވެ.
ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވިކަން އިޢުލާން ކުރެއްވިތާ މަސް ދުވަސް ފަހުން ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު ހަރީރީވަނީ އިސްތިއުފާ އަނބުރާ ގެންދަވާފައެވެ.