ކ. މާލެ
|
25 ޑިސެންބަރ 2017 | ހޯމަ 20:11
އަލީ އަޝްފާގު (ދަގަނޑޭ) (ވ) އަދި ނިއުގެ ޗެއާމަން ޒިޔާދު (ކ)
އަލީ އަޝްފާގު (ދަގަނޑޭ) (ވ) އަދި ނިއުގެ ޗެއާމަން ޒިޔާދު (ކ)
އިމޭޖަސް.އެމްވީ
އަލީ އަޝްފާގު (ދަގަނޑޭ)
އަންނަ އަހަރުވެސް ނިއު އަށް ކުޅެން ދަގަނޑޭ އެއްބަސްވެއްޖެ
ދަގަނޑޭ ނިއު އަށް ސޮއިކުރީ އަންނަ އަހަރުގެ ނިޔަލަށް

އަންނަ އަހަރުވެސް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅެން އަލީ އަޝްފާގު (ދަގަނޑޭ) އެއްބަސްވެއްޖެކަމަށް ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިއްޖެއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިވަގުތު ސްރީލަންކާގައި ހުރި ދަގަނޑޭ ނިއު އަށް ކުޅެން އެއްބަސްވެފައިވަނީ ކުރިޔަށް އޮތް ސީޒަނުގެ ނިޔަލަށެވެ. އެގޮތުން އޭނާ ވަރަށް އަވަހަށް ރާއްޖެ އައިސް އެއްބަސްވުމުގައި ސޮއިކުރާނެކަންވެސް ރާއްޖެއެމްވީ އަށް ވަނީ އެނގިފައެވެ.

ލިބުނު އަނިޔާއަކަށް ފަރުވާ ހޯދުމަށް ދިގު މުއްދަތެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށްފަހު ދަގަނޑޭ ނިއު އަށް ސޮއިކުރީ މި އަހަރު މެއި މަހެވެ. އެހެންނަމަވެސް އޭނާ އެއްކޮށް ފިޓްވެ ކުޅެން ފެށީ އޯގަސްޓް މަހުއެވެ.

އެގޮތުން ދަގަނޑޭ ވަނީ އުރީދޫ ދިވެހި ޕްރިމިއާ ލީގާއި، އެފްއޭކަޕް އަދި ޕްރެޒިޑެންޓްސް ކަޕްގައި މޮޅު ކުޅުމެއް ދައްކާ ނިއު އަށް ލަނޑުތަކެއްވެސް ކާމިޔާބުކޮށްފައެވެ. ދަގަނޑޭ ނިއުއާއެކު ކުޅުނު ތިން މުބާރާތްވެސް މި ސީޒަނުގައި ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ މި މުބާރާތްތައް އެ ކްލަބަށް ކާމިޔާބުކޮށްދިނުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ.

ދަގަނޑޭ ފުރަތަމަ ނިއުއާ ފުރަތަމަ ގުޅުނީ 2006 ވަނަ އަހަރުއެވެ. އެއަހަރު އޭނާގެ މޮޅު ކުޅުމާއެކު ނިއުއިން ވަނީ އެފްއޭކަޕާއި ދިވެހި ޕުރިމިއާ ލީގު ކާމިޔާބުކޮށްފައެވެ. އަދި ޖެހިގެން އައި އަހަރު ޕްރެސިޑެންޓްސް ކަޕާއި އެފްއޭކަޕް ނިއުއަށް ކާމިޔާބުކޮށްދިނުމުގައި އޭނާގެ ދައުރު ވަރަށް ބޮޑެވެ.

ދަގަނޑޭއަކީ ނިއުގެ އެންމެ ކާމިޔާބު ސީޒަންތަކުގައި އެޓީމުގައި ހިމެނުނު މުހިންމު ކުޅުންތެރިއެކެވެ. އެގޮތުން އޭނާގެ ކެޕްޓަން ކަމުގެ ދަށުން އެ ކްލަބު ވަނީ 2012 ވަނަ އަހަރު އެއްވެސް މެޗަކުން ބަލިނުވެ ލީގު ކާމިޔާބުކޮށްފައެވެ.

ޖެހިގެން އައި 2013 ވަނަ އަހަރުގެ ސީޒަންގެ ހުރިހާ ތައްޓެއް 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑަކާއެކު ނިއުއިން ކާމިޔާބުކުރުމުގައި ދަގަނޑޭ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެ އަހަރުގެ އޭއެފްސީ ކަޕްގައި ވެސް ދަގަނޑޭ ކާމިޔާބުކޮށްދިން ގިނަ ގޯލްތަކާއެކު ނިއު ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.

2014 ވަނަ އަހަރު ދަގަނޑޭ ވަނީ މެލޭޝިއާގެ ޕްރެމިއަ ލީގުގައި ކުޅެ އެ ސީޒަންގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

މެލޭޝިޔާގައި ކާމިޔާބު ދެސީޒަނެއް ހޭދަކުރުމަށްފަހު ދަގަނޑޭ ރާއްޖެ އައީ މިދިޔަ އަހަރުގެ މެދުތެރެއިންނެވެ. މިދިޔަ ސީޒަންގެ ފަހުބައިގައި އޭނާ ކުޅުނީ މާޒިޔާ އަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް