ކ. މާލެ
|
25 ޑިސެންބަރ 2017 | ހޯމަ 11:38
ޔުނައިޓެޑަށް ކުޅެމުން އަންނަ ބެލްޖިއަމްގެ މިޑްފިލްޑަރު މައުރެން ފެލައިނީ
ޔުނައިޓެޑަށް ކުޅެމުން އަންނަ ބެލްޖިއަމްގެ މިޑްފިލްޑަރު މައުރެން ފެލައިނީ
ޓްވިޓަރ
ފެލައިނީ ޔުނައިޓެޑް ދޫކޮށްލަނީ
ޔުނައިޓެޑްގެ އެއްބަސްވުން ފެލައިނީ އާނުކުރާނެ!
ޔުނައިޓެޑާ އެކު ފެލައިނީ ހަދާފައިވާ އެއްބަސްވުން މި ސީޒަނަށް ފަހު ހަމަވާނެ

މެންޗެސްޓާ ޔުނައިޓެޑާ އެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބަށް ކުޅެމުން އަންނަ ބެލްޖިއަމްގެ މިޑްފިލްޑަރު މައުރެން ފެލައިނީ އާނުކުރާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޔޫރޯ ސްޕޯޓް އިން ބުނީ ޔުނައިޓެޑުން ހުށަހެޅި އާ އެއްބަސްވުމުގައި ސޮއިކުރަން ފެލައިނީ ދެކޮޅު ހަދާފައިވާ ކަމަށާއި، އޭނާ ބޭނުން ވަނީ މި ސީޒަނަށް ފަހު އެ ކްލަބް ދޫކޮށްލަން ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ވެސް ފެލައިނީ އެހެން ކްލަބަކަށް ބަދަލުވުމަކީ ވަރަށް ކައިރި ކަމެކެވެ. އޭނާ ހޯދުމަށް ގިނަ ކްލަބްތަކުން ޝައުގުވެރިވާއިރު، އޭގެ ތެރޭގައި ޗައިނާ ކްލަބެއް ވެސް ހިމެނެއެވެ.

އެވަޓަން އިން ވިދާޅުވީ ފެލައިނީ ވަނީ އެ ކްލަބަށް ހަ ސީޒަން ކުޅެފައެވެ. އޭނާ ވަނީ އެ ކްލަބަށް ކުޅުނު 177 މެޗުގައި 33 ލަނޑު ކާމިޔާބުކޮށް، އެވަޓަންގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު އެއްފަހަރު ހޯދާފައެވެ.

އެވަޓަން ދޫކޮށްލުމަށް ފަހު ފެލައިނީ ޔުނައިޓެޑަށް ބަދަލުވެފައި ވަނީ 2013 ވަނަ އަހަރެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 145 މެޗުގައި 19 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ އެ ކްލަބާއެކު އެފްއޭކަޕާއި، ލީގް ކަޕާއި، ޔޫރޮޕާ ލީގުގެ އިތުރުން އެފްއޭ ކޮމިއުނިޓީ ޝިލްޑް ވެސް ކާމިޔާބުކޮށްފައެވެ.

ބެލްޖިއަމް ގައުމީ ޓީމުން ވެސް ބަރާބަރަށް ޖާގަ ހޯދަމުން އަންނަ ފެލައިނީ ވަނީ އެޓީމަށް ކުޅުނު 80 މެޗުގައި 16 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ބެލްޖިއަމްގެ "އެބޮނީ ޝޫ" 2008 ވަނަ އަހަރު ހާސިލްކޮށްފައެވެ.

- ކޮމެންޓް