ބޮލީވުޑްގެ ތަރި ކާޖޮލްގެ ފިރިމީހާ އަޖޭ ދޭވްގަން ޕްރޮޑިއުސްކުރާ ފިމްލުން ކާޖޮލް ފެނިގެންދާނީ ލަވަކިޔުންތެރިއެއްގެ ރޯލުންކަމަށް އެ ފިލްމުގެ ޓީމުން ބުނެފިއެވެ.
އަޖޭ އުފައްދާ ފިލްމުގެ ނަމަކީ "އެލާ"އެވެ. ކާޖޮލް "އެލާ"އިން ލަވަ ކިޔުންތެރިއެއްގެ ރޯލުން ފެނިގެން ދާއިރު މި ފިލްމަކީ އެކަނިވެރި މައެއްގެ ދިރިއުޅުން ދައްކުވައިދޭ ފިލްމެކެވެ.
މަޖުބޫރުން ކުރާ ކައިވެންޏަށް ދަރިއަކު ލިބި އެކައިވެނި ރޫޅެއެވެ. އަދި އެކަނިވެރި މައެއްގެ ގޮތުގައި ދަރިފުޅު ބޮޑުކުރުމަށް އޭނާ މަސައްކަތް ފަށައެވެ. އަދި އޭނާ ކުރާ އޭނާއަށް ލިބިފައިވާ ލަވަކިޔުމުގެ ހުނަރު ތަރައްގީކޮށް ހުވަފެން ކާމިޔާބު ކުރުމަށް މަސައްކަތް ކުރެއެވެ.
މި ފިލްމުގެ ނަމާއި ލީޑް އެކްޓަރ ހާމަކޮށްފައިވާއިރު ކާޖޮލްގެ ދަރިއެއްގެ ރޯލު އަދާ ކުރާނެ ކުއްޖަކު ނެގުމަށް މިހާރު މަސައްކަތް ފަށާފައިވާކަމަށް އެ ޓީމުން ބުނެއެވެ.
އެލާ އަކީ ގުޖްރާތީ ފިލްމެއް ކަމަށްވާ "ބެޓާ ކާޑްގޯ" އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ.
އެލާ ޑައިރެކްޓްކުރާނީ ޕްރަދީޕް ސަރްކާރްއެވެ.
މިފިލްމުގައި ކާޖޮލްއާއެކު އެކްޓްކުރާނީ ކޮން ފިރިހެން ތަރިއެއްކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި މި ފިލްމުގެ ކާސްޓުން ހަމަކޮށް ޝޫޓިން ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ފިލްމު ސިނަމާތަކަށް އަންނާނެ ދުވަހެއް އަދި ފައިނަލް ނުވާކަމަށްވެސް ޚަބަރުތައް ބުނެއެވެ.
ކާޖޮލް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ވީއައިޕީ2" އިންނެވެ.