ޖަރުމަނުގެ ބަޔާން މިއުނިކްއާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ކޮލޮމްބިއާގެ ހުނަރުވެރި މިޑްފީލްޑަރު ޖޭމްސް ރޮޑްރިގޭޒް ބުނެފިއެވެ.
މިދިޔަ ހޫނު މޫސުމުގް ޓްރާންސްފާ މާކެޓުގައި ސްޕެއިންގެ ރެއާލް މެޑްރިޑް ދޫކޮށް ލޯން އެއްބަސްވުމެއްގެ ދަށުން ބަޔާންއަށް ބަދަލުވެ ޖޭމްސް އަންނަނީ އެ ޓީމުގެ ފުރަތަމަ އެގާރާގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. ޖޭމްސް ރެއާލް ދޫކޮށްލީ އެ ޓީމުގެ ފުރަތަމަ އެގާރައިން ގަވާއިދުން ފުރުސަތު ނުލިބުމުގެ ސަބަބުންނެވެ. ބަޔާންއާ އެކު ޖޭމްސް ސޮއިކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ.
އުމުރުން 26 އަހަރުގެ މިޑްފީލްޑަރުދިން އިންޓަވިއުއެއްގައި އޭނާ ބުނެފައި ވަނީ ބަޔާންގައި ހޭދަކުރި ފުރަތަމަ ހަ މަސް ދުވަހާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި ސީޒަނުގެ ކުރީކޮޅު ދަތިތަކަކާއި ކުރިމަތިވި ކަމަށެވެ. އާ ގައުމަކަށް ބަދަލުވާން ޖެހުމުން އެކަމުގެ ދަތިތައް ދިމާވި ކަމަށާއި އެހެން ނަމަވެސް މިހާރު ޖަރުމަނުގެ ފުޓްބޯޅައަށް ހޭނިފައިވާ ކަމަށް ޖޭމްސް ބުނެފައި ވެއެވެ.
ސީޒަން ބްރޭކަށް ބަޔާންދާއިރު އެ ޓީމު މިވަގުތު އޮތީ ޖަރުމަނު ބުންޑެސްލީގާގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ޝާލްކޭއާއި އެ ޓީމާ ދެމެދު 11 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ހަމައެހެންމެ އެ ޓީމުން ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ވެސް ޖާގަ ހޯދާފައެވެ.
ސީޒަނުގެ ކުރީކޮޅު ބަޔާންގެ ފަރާތުން ދަށް ނަތީޖާތަކެއް ފެނުނު ނަމަވެސް އެ ޓީމު ކޯޗުކަމާ އަލުން ހަވާލުވި ޖުޕް ހެއިންކޭސްގެ އިރުޝާދުގެ ދަށުން އެ ޓީމުން އަންނަނީ ރަނގަޅު ނަތީޖާތައް ހޯދަމުންނެވެ. މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޖޭމްސް ބުނީ ބްރޭކަށް ދިޔުމުގެ ކުރިން ބޮޑު ލީޑެއް ލިބިފައިވުމަކީ ހިތްހަމަޖެހޭ ކަމެއް ކަމަށާއި އަންނަ އަހަރަކީ ވެސް ކާމިޔާބު އަހަރަކަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަމާޒަކީ މި ސީޒަނުގައި ވެސް ކާމިޔާބުކުރެވެން ހުރި ހުރިހާ މުބާރާތެއް ކާމިޔާބުކުރުންކަން ފާހަގަކުރަމުން ޖޭމްސް ބުނީ ބަޔާންއަކީ ވެސް ރެއާލްއާ އެއްފަންތީގެއް ކްލަބެއް ކަމަށެވެ. މިއީ އާ ތަޖުރިބާއެއް ކަމަށާއި އެހެން ނަމަވެސް ބަޔާންގައި ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށް މި އިންޓަވިއުގައި ޖޭމްސް ބުނެފައިވެއެވެ. ޖޭމްސްގެ ކުޅުން ރަނގަޅުވުމުގެ ސަބަބުން އޭނާ އަލުން އަނބުރާ ރެއާލްއާ ގުޅެން އުޅޭ ކަމުގެ ވާހަކަތައް އޭނާ ވަނީ ދޮގުކޮށްފައެވެ.
ރެއާލްގައި ތިން ސީޒަން ހޭދަކުރުމަށް ފަހު ބަޔާންއަށް ބަދަލުވެ ޖޭމްސް ވަނީ މިހާތަނަށް މި ސީޒަނުގައި އެ ޓީމަށް 20 މެޗު ކުޅެދީ ދެ ލަނޑު ޖަހައިދީފައެވެ.