ކ. މާލެ
|
25 ޑިސެންބަރ 2017 | ހޯމަ 08:50
އެލެކްސީ ނަވަލްނީ- ރަޝިއާގެ އިދިކޮޅު ލީޑަރު
އެލެކްސީ ނަވަލްނީ- ރަޝިއާގެ އިދިކޮޅު ލީޑަރު
ގެޓީ އިމޭޖަސް
ރަޝިއާގެ ރިޔާސީ އިންތިހާބު
ޕޫޓިންއާ ވާދަކުރެއްވުމުގެ މަސައްކަތް ނަވަލްނީ ފައްޓަވައިފި
ނަވަލްނީއަކީ އަބަދުވެސް ޕޫޓިންގެ ސަރުކާރަށް ފާޑު ވިދާޅުވާ ބޭފުޅެއް
އޭނާއަށް އިންތިހާބުގައި ވާދަކުރެވޭނެ ކަމުގެ ފުރުސަތު ވަރަށް ކުޑަ

އަންނަ އަހަރު ރަޝިއާގައި އޮންނަ ރިޔާސީ އިންތިހާބުގައި އެ ގައުމުގެ ރައީސް ވްލަޑްމިއޭ ޕޫޓިންއާ ވާދަކުރުމުގެ މަސައްކަތް އެ ގައުމުގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ފައްޓަވައިފިއެވެ.

ނަވަލްނީއަށް ތާއިދުކޮށް އޭނާގެ ސަޕޯޓަރުންވަނީ ރަޝިއާގެ 20 ސިޓީއެއްގައި އެއްވުންތަކެއް ބާއްވާފައެވެ. މި އެއްވުންތަކުގެ ތެރެއިން އޭނާގެ ސަޕޯޓަރުން ވަނީ ރަތް ކުލައިގެ ވޯޓު ކަރުދާސްތަކެއް އުފުލާލާފައެވެ. މިއީ އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުން ނަވަލްނީ އިންތިހާބުގައި ވާދަކުރުމަށް އެންޑޯޒްކުރުމުގެ ގޮތުން އޭނާގެ ސަޕޯޓަރުން ކުރި ކަމެއް ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

މޮސްކޯގެ ރަށްބޭރުގައި އޮންނަ ބީޗެއްގައި އޭނާއަށް ތާއިދުކުރާ 750 މީހުން މިގޮތަށް ރަތް ކުލައިގެ ވޯޓު ކަރުދާސް އުފުލައިލިއިރު ރަޝިއާގެ ރިޔާސީ އިންތިހާބުގައި މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރެވެނީ 500 މީހުންގެ ތާއިދު ހުށަހެޅުމުންނެވެ. މި އެއްވުމުގައި ނަވަލްނީ ވަނީ ޕޫޓިންއަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވާފައެވެ.

އޭނާ ވިދާޅުވީ ޕޫޓިން ރަޝިއާ ބޭނުން ކުރައްވަނީ އަމިއްލަ ފައިދާތަކެއް ހާސިލް ކުރަން ކަމަށާއި އޭނާއަކީ ރައީސްކަމަށް ކުފޫ ހަމަނުވާ ބޭފުޅެއް ކަމަށެ. ޕޫޓިންއަށް ގައުމު ހިންގަން ނޭނގޭ ކަމަށާއި އަންނަ އަހަރު އޮންނަ އިންތިހާބުގައި އޭނާ ބަލިކުރާނެ ކަމަށް ވެސް ނަވަލްނީ ވިދާޅުވިއެވެ.

އުމުރުން 41 އަހަރުގެ ނަވަލްނީ އިންތިހާބުގައި ވާދަކުރެއްވުމުގެ މަސައްކަތް ފައްޓަވާފައިވާއިރު އޭނާއަށް އިންތިހާބުގައި ވާދަކުރެވޭނެ ކަމުގެ ފުރުސަތު ވަރަށް ކުޑައެވެ. އެއީ އޭނާއަށް 2013 ވަނަ އަހަރު ރަޝިއާގެ ކޯޓަކުން މަކަރު ހެދިކަމުގެ ކުށް ސާބިތުވެ އެކަމަށް ހުކުމް ކޮށްފައިވާތީއެވެ. ނަވަލްނީ ތުހުމަތު ކުރައްވާ ގޮތުގައި މިއީ ޕޫޓިންގެ ނުފޫޒުގެ ސަބަބުން އޭނާގެ މައްޗަށް ކުރި ހުކުމެކެވެ.

ނަވަލްނީއަކީ އަބަދުވެސް ޕޫޓިންގެ ސަރުކާރަށް ފާޑު ވިދާޅުވާ ބޭފުޅެކެވެ. އެގޮތުން 2011 ވަނަ އަހަރާއި 2012 ވަނަ އަހަރު ޕޫޓިންއާ ދެކޮޅަށް ރަޝިއާގައި ކުރި މުޒާހަރާތަކުގެ މޭސްތިރިއަކީ ނަވަލްނީއެވެ.

ނަވަލްނީގެ މަސައްކަތް ފެއްޓެވިއިރު ޕޫޓިން ވެސް ވަނީ މި މަހުގެ ކުރީކޮޅު އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ. އުމުރުން 65 އަހަރުގެ ޕޫޓިން ވަނީ 1999 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރުގެ ނިޔަލަށް ރަޝިއާގެ ރައީސްކަން ކުރެއްވުމަށްފަހު އެ އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ ނިޔަލަށް އެ ގައުމުގެ ބޮޑު ވަޒީރުކަން ވެސް ކުރައްވާފައެވެ. އަދި އެ މަގާމު އަދާކުރެއްވުމަށްފަހު އޭނާވަނީ އަނެއްކާވެސް ރައީސްކަމުގެ މަގާމު ހޯއްދަވާފައެވެ.

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް