ރެއާލް މެޑްރިޑުން އެ ކްލަބަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ ވިއްކާލަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މަޝްހޫރު ކުޅިވަރު މަޖައްލާއެއް ކަމަށްވާ "ޑޮން ބެލޮން" އިން ބުނީ ރެއާލްގައި ރަނގަޅު ކުޅުމެއް ބެންޒެމާ އަށް ނުދެއްކޭ ކަމަށާއި، އޭނާ ކްލަބުން ދޫކޮށްލަން ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެފައިވާ ކަމަށެވެ.
މި ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ ރަނގަޅު ކުޅުމެއް ނުދައްކާނަމަ ކުރިޔަށް އޮތް ޓްރާންސްފާގައި ބެންޒެމާ އެހެން ކްލަބަކަށް ވިއްކާލާނެ ކަމަށް ބެންޒެމާ ކައިރީ ޕެރޭޒް ވިދާޅުވެފައިވާ ކަމަށެވެ. އެގޮތުން ބެންޒެމާގެ ރިޕްލޭސްމެންޓަކަށް އިންޓަ މިލާނަށް ކުޅެމުން އަންނަ އިކާޑީ ގެންނަން ރެއާލް އިން މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ބުނެފައިވެއެވެ.
ދާދިފަހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ބެންޒެމާ ބުނީ، ރެއާލްގައި ހުރީ އުފަލުން ކަމަށާއި އަދި ރެއާލް އަށް ކާމިޔާބު ހޯދަދައިދޭން މިއަހަރު ވެސް ކުރެވުނުހާ ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. އަދި ރެއާލްގެ ސަޕޯޓަރުން ދުވަހަކު ވެސް ހިތުން ނުފިލާނެ ކަމަށާއި "ސަޕޯޓަރުންނާ އަހަރެންނާ ޖައްސަން ބަޔަކު މަސައްކަތް ކުރިއަސް އެކަން ކާމިޔާބު ނުވާނެ" ކަމަށް ބެންޒެމާ ބުންޏެވެ.
ރެއާލް އިން ބެންޒެމާ ވިއްކާލަން އުޅޭކަމުގެ އަޑުތައް މީޑިއާގައި ފެތުރިފައިވާއިރު، އޭނާ ހޯދުމަށް އާސެނަލްއިން ދަނީ މަސައްކަތް ކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން އަންނަ ޖެނުއަރީ ޓްރާންސްފަރގައި ބެންޒެމާއަށް ބިޑުކުރުމަށް އާސެނަލްއިން ތައްޔާރު ވަމުން އަންނަކަމަށް ވެސް މީޑިއާގައި ދަނީ އަޑުފެތުރެމުންނެވެ.
ލިޔޯން އިން ކެރިޔަރު ފެށި އުމުރުން 30 އަހަރުގެ ބެންޒެމާ ވަނީ އެ ކްލަބާއެކު ކާމިޔާބީތަކެއް ހޯދާފައެވެ. އޭނާ ވަނީ އެ ކްލަބަށް ކުޅުނު 148 މެޗުގައި 66 ލަނޑު ކާމިޔާބުކޮށް، އެ ކްލަބާއެކު ފްރެންޗް ލީގު ހަތަރު ފަހަރު ކާމިޔާބު ކޮށްފައެވެ.
ލިޔޯން ދޫކޮށްލުމަށް ފަހު ބެންޒެމާ ރެއާލް އަށް ބަދަލުވީ 2009 ވަނަ އަހަރެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 385 މެޗުގައި 185 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު ލަލީގާ ދެފަހަރު، ކޮޕާޑެލްރޭ ދެފަހަރު، ސްޕެނިޝް ސުޕާކަޕް ދެފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު ދެފަހަރު، ޔުއެފާ ސުޕާކަޕް ތިން ފަހަރު އަދި ކްލަބް ވޯލްޑްކަޕް ތިންފަހަރު ކާމިޔާބު ކޮށްފައެވެ.