ރެއާލް މެޑްރިޑަށް ބަދަލުވާން ލިވަޕޫލް އަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހް ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ "ޑޮން ބެލޮން" އިން ބުނީ ލިވަޕޫލް ދޫކޮށްލުމަށް ފަހު، ސަލާހް ރެއާލް އަށް ބަދަލުވާން ބޭނުންވާ ކަމަށާއި، އެއީ ކުރެވޭނެ ކަމެއްތޯ ބަލަމުން އަންނަ ކަމަށެވެ.
އެހެން ނަމަވެސް ލިވަޕޫލްގެ ރަސްމީ ވެބްސައިޓާ ވާހަކަ ދައްކަމުން ސަލާހް ބުނީ ލިވަޕޫލްއަކީ އޭނާގެ ޓީމެއް ކަމަށް ގަބޫލް ކުރެވޭ ކަމަށާއި ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރުމަށް ލިވަޕޫލްގައި ހުރެގެން މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ. މުސްތަގުބަލު އޮތީ ލިވަޕޫލްގައި ކަން ފާހަގަ ކުރަމުން ސަލާހް ބުނީ އަދިވެސް އޭނާގެ ފަރާތުން ފެންނަ ކުޅުން މޮޅުވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
މި އިންޓަވިއުގައި ސަލާހް ބުނީ މީގެކުރިން ޗެލްސީއަށް ކުޅުނު ދުވަސްވަރު ޕްރިމިއާ ލީގު ކާމިޔާބު ކުރެވުނު ކަމަށާއި ލިވަޕޫލާއާއެކު ޕްރިމިއާ ލީގު ހޯދުމަކީ ވެސް ދެކޭ ހުވަފެނެއް ކަމަށެވެ. ޓީމުގައި ތިބީ މޮޅެތި ކުޅުންތެރިން ކަމަށާއި ކޯޗަކީ ވެސް ފާހަގަ ކޮށްލެވޭ މޮޅު ކޯޗަކަށް ވުމާއެކު ލިވަޕޫލްގައި ހުރެގެން ތަށި ހޯދުމަކީ ނުވާނެ ކަމެއް ނޫން ކަމަށް ސަލާހް ހާމަކުރިއެވެ.
އިޓަލީގެ ރޯމާގައި މިދިޔަ ސީޒަނު މޮޅު ކުޅުމެއް ދެއްކުމަށް ފަހު 38 މިލިއަން ޕައުންޑުގެ ފީއަކަށް ސަލާހް ލިވަޕޫލްއަށް ބަދަލުވެފައި ވަނީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައެވެ. ލިވަޕޫލްއަށް ބަދަލުވުމަށް ފަހު އޭނާ ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން ސްޕެއިންގެ ރެއާލް މެޑްރިޑުން ވަނީ އޭނާ ގެންދިޔުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
އެގޮތުން ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން މީގެކުރިން ދިން އިންޓަވިއުއެއްގައި ބުނީ ސަލާހްއަކީ މޮޅު ކުޅުންތެރިޔެއްކަން އޭނާ މިހާތަނަށް ކުޅުނު ހުރިހާ ޓީމެއްގައި ވެސް ދައްކާފައިވާ ކަމަށާއި އޭނާއަކީ އަދިވެސް ކުޅުން ރަނގަޅު ކުރުމަށް ވަގުތު އޮތް ކުޅުންތެރިޔެއް ކަމަށެވެ. ޒިދާން މިގޮތަށް ވާހަކަ ދެއްކުމާއެކު މީޑިއާތަކުން ވަނީ ރެއާލްއަށް ސަލާހް ބަދަލުވާން އުޅޭ ކަމުގެ ރިޕޯޓުތައް ކޮށްފައެވެ.
މީގެކުރިން ޗެލްސީއަށް ވެސް ކުޅުނު ސަލާހް ބުނީ އޭނާ ޗެލްސީގެ ކުޅުންތެރިޔެއްގެ ގޮތުގައި ހުރެ ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗުގައި ލިވަޕޫލްއަށް ކުޅުމުގެ ޝައުގު އުފެދުނު ކަމަށާއި 'އެންފީލްޑް' އަކީ އެފަދަ ދެވަނައެއް ނުވާ ސްޓޭޑިއަމެއް ކަމަށެވެ. އޭނާ ބުނީ ލިވަޕޫލްއަށް ބަދަލުވި މައިގަނޑު އެއް ސަބަބަކީ އެ ޓީމުގެ ސްޓޭޑިއަމްގައި ކުޅުމަކީ އޭނާ ވަރަށް އުއްމީދު ކުރި ކަމަކަށްވާތީ ކަމަށެވެ.. މީގެކުރިން ލިވަޕޫލްއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ވެސް ސްޓޭޑިއަމްގެ އަޑު އިވުމަށް ފަހު އުފާވި ކަމަށާއި އެހެނަސް އެ ޓީމަށް ކުޅުމަކީ ލިބޭ ފަހުރެއް ކަމަށް ސަލާހް ބުނެފައިވެއެވެ.
ސަލާހް އަންނަނީ މި ސީޒަނުގައި އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ޕްރިމިއާ ލީގުގެ ލަނޑު ލިސްޓުގެ ކުރީގައި އޭނާ އޮތްއިރު މި ސީޒަނުގެ މިހާތަނަށް ކުޅުނު 26 މެޗުގައި އޭނާ ވަނީ ލިވަޕޫލްއަށް 20 ލަނޑު ޖަހައިދީފައެވެ.