ކ. މާލެ
|
24 ޑިސެންބަރ 2017 | އާދީއްތަ 16:55
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުން، އެގައުމުގެ އަސްކަރިއްޔާގެ ޔުނިޓެއް އިފްތިތާހް ކޮށްދެއްވަނީ
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުން، އެގައުމުގެ އަސްކަރިއްޔާގެ ޔުނިޓެއް އިފްތިތާހް ކޮށްދެއްވަނީ
އޭއެފްޕީ
އުތުރު ކޮރެއާ މައްސަަލަ
އދ. ގެ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ހަނގުރާމައިގެ އަމަލެއް: އުތުރު ކޮރެއާ
އެގައުމާއި ދެކޮޅަށް ދަތިކުރުމުގެ އައު ފިޔަވަޅުތަކެއް އެޅުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ނިންމާފައިވަނީ މިދިޔަ ހުކުރު ދުވަހު
އެމެރިކާ އިން އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު ފާސްވެފައިވަނީ ސަލާމަތީ މަޖިލީހުގެ މެމްބަރު 15 ގައުމުގެ އިއްތިފާގުން

އުތުރު ކޮރެއާ އާއި ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ނިންމި ނިންމުމަކީ ހަނގުރާމައިގެ އަމަލެއްގެ ގޮތުގައި އުތުރު ކޮރެއާ އިން ސިފަކޮށްފި އެވެ.

އުތުރު ކޮރެއާގެ ޚާރިޖީ ވުޒާރާ އިން ނެރުނު ބަޔާނަކާއި ހަވާލާދީ އެގައުމުގެ ކޭސީއެންއޭ ނިއުސް އޭޖެންސީ އިން ބުނީ، އެގައުމާއި ދެކޮޅަށް އެޅުމަށް ނިންމި ދަތިކުރުމުގެ އައު ފިޔަވަޅުތަކަކީ އެގައުމުގެ އިޤްތިޞާދު އެކުގައި ބަންދުކޮށް ހުއްޓުވާލުމާއި އެއްފަދަ ފިޔަވަޅުތަކެއް ކަމަށެވެ.

އުތުރު ކޮރެއާގެ ބެލިސްޓިކް މިސައިލް ޓެސްޓުތަކާއި ގުޅިގެން އެގައުމާއި ދެކޮޅަށް ދަތިކުރުމުގެ އައު ފިޔަވަޅުތަކެއް އެޅުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ނިންމާފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

އެމެރިކާ އިން އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު ފާސްވެފައި ވަނީ ސަލާމަތީ މަޖިލީހުގެ މެމްބަރު 15 ގައުމުގެ އިއްތިފާގުންނެވެ.

އެގަރާރުގައިވާ ގޮތުން އުތުރު ކޮރެއާއަށް އެތެރެކުރާ ޕެޓްރޯލްގެ މިންވަރު 90 އިންސައްތަ ދަށް ކުރުމަށް ހިމަނައިފައިވެއެވެ.

އުތުރު ކޮރެއާގެ ވިޔަފާރީގެ އެންމެ ގާތް ބައިވެރިޔާ، ޗައިނާ އިން ވެސް އދ.ގެ ސަލާމަތީ މަޖިލީހުގައި މިގަރާރަށް ވޯޓު ދީފައިވެއެވެ. ޗައިނާއަކީ އދ.ގެ ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ، އެމަޖިލީހުގެ ދާއިމީ މެމްބަރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

އެމެރިކާ އިން ދަނީ 2008 ވަނަ އަހަރުން ފެށިގެން އުތުރު ކޮރެއާ އަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އެމެރިކާއިން އުތުރު ކޮރެއާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅުން ހުރި ވަކި ފަރުދުންނާއި ކުންފުނިތަކުގެ ރައުސުލްމާލު ފްރީޒް ކުރުމާއި، އެމެރިކާއިން އުތުރު ކޮރެއާއަށް މުދާ އެކްސްޕޯޓް ކުރުން މަނާ ކުރުމާއި، އުތުރު ކޮރެއާ އަށް އެނޫން ވެސް ޚިދުމަތްތައް ދިނުން ހުއްޓާލުން ހިމެނެއެވެ.

ދުނިޔޭގެ ބާރުގަދަ ގައުމުތަކުގެ ޕްރެޝަރަށް ބެލުމެއް ނެތި އުތުރު ކޮރެއާގެ ނިއުކްލިއަރ އަދި މިސައިލް ޕްރޮގްރާމްތައް ކުރިއަށް ގެންގޮސް، މިއަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލް އެގައުމުގައި ޓެސްޓު ކޮށްފައިވެއެވެ.

މިމައްސަލާގައި އުތުރު ކޮރެއާ އަދި އެމެރިކާގެ ވެރިންނާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ބަދަލު ކުރެވުނުއިރު، ދެ ގައުމުގެ ދެމެދުގައި އަސްކަރީ ކުރިމަތިލުމެއް ހިނގާފާނެ ކަމަށް ވެސް ބެލެވުނެވެ.

އެހެން ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، މިމައްސަލާގައި ޚާރިޖީ ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ. އުތުރު ކޮރެއާއަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އެމެރިކާ އިން އދ.ގެ ސަލާމަތީ މަޖިލީހަށް ގަރާރެއް ހުށަހަޅާފައިވަނީ ޓްރަމްޕް މިމޭރުމުން ވާހަކަފުޅު ދެއްކެވި ފަހުންނެވެ.

މިގަރާރުގައި ހުށަހަޅާފައިވާ އެހެން ފިޔަވަޅުތަކުގެ ތެރޭގައި އުތުރު ކޮރެއާގެ މުދާ އެކްސްޕޯޓް ކުރުން މަނާ ކުރުން ހިމެނެއެވެ.

މީގެ އިތުރުން އެހެން ގައުމުތަކުގައި މަސައްކަތް ކުރާ އުތުރު ކޮރެއާގެ ރައްޔިތުން، ގަރާރަށް އަމަލު ކުރަން ފެށުމަށް ފަހު 12 މަސް ދުވަހުގެ ތެރޭގައި އެނބުރި ގައުމަށް ފޮނުވާލުމަށް މިގަރާރުގައި ހިމަނާފައިވެއެވެ.

އެހެން ނަމަވެސް އުތުރު ކޮރެއާއިން މިގަރާރަށް ދީފައިވަނީ ފިނި ރައްދެކެވެ. އުތުރު ކޮރެއާ އިން ވަނީ، މިފަދަ ފިޔަވަޅުތަކުގެ ސަބަބުން އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ކުރިއެރުވުމަށް އިތުރު ފުރުޞަތު ލިބިގެންދާނެ ކަމަށް ބުނެފައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް