ކ. މާލެ
|
24 ޑިސެންބަރ 2017 | އާދީއްތަ 02:51
ޗައިނާގެ ސަރުކާރުގެ އޮޑިޓް އޮފީހުގެ ވެރިޔާ ހޫ ޒެޖަން
ޗައިނާގެ ސަރުކާރުގެ އޮޑިޓް އޮފީހުގެ ވެރިޔާ ހޫ ޒެޖަން
ޓްވިޓަރ
ޗައިނާގެ ސެންޓްރަލް ބަޖެޓް
ގާނޫނާއި ޚިލާފަށް ބަޖެޓް ބޭނުންކޮށްގެން 8000 އަށްވުރެ ގިނަ މީހުންނަށް ޗައިނާއިން އަދަބު ދީފި
މީގެ ކުރިން  ވަނީ ޚިޔާނާތުގެ ތުހުމަތުގައި 1.3 މިލިއަން އޮފިޝަލުންނަށް އަދަބު ދީފައި
މިފަހަރު އަދަބު ދީފައިވަނީ މިދިޔަ އަހަރުގެ ބަޖެޓަށް ޚިޔާނާތްތެރިވެގެން

2016 ވަނަ އަހަރަށް ކަނޑައެޅި ޗައިނާގެ މަރުކަޒީ ބަޖެޓުން ގާނޫނާއި ޚިލާފަށް ފައިސާ ބޭނުންކޮށްގެން 8،123 މީހަކަށް އަދަބު ދީފައިވާކަމަށް އެ ގައުމުން ބުނެފިއެވެ.

ޒިންހުއާ ނޫސް އެޖެންސީން ބުނެފައިވަނީ 2016 ވަނަ އަހަރުގެ ބަޖެޓު ފައިސާއިން ގާނޫނާއި ޚިލާފު ކަންތައްތަކެއް ހިންގާފައިވާކަން ހާމަވެގެންދިޔައީ އޮޑިޓްކުރުމުން ކަމަށެވެ. ޗައިނާގެ ނެޝަނަލް އޮޑިޓް އޮފީހުގެ ވެރިޔާ ހޫ ޒެޖަން ހުކުރުދުވަހު ޗައިނާގެ ޕާލަމެންޓަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ 8123 މީހުންނަށް އަދަބު ދީފައިވާކަމަށެވެ.

ހޫ ވިދާޅުވީ 8123 މީހުންގެ ތެރެއިން އަދަބު ދީފައިވާ 970 މީހުންނަކީ ޗައިނާއިން 2020 ވަނަ އަހަރުގެ ނިޔަލަށް އެގައުމުން ފަގީރުން މަދުކުރުމަށް ހިންގާ ކެންޕެއިނަށް ކަނޑައެޅި ފައިސާއަށް ޚިޔާނާތްތެރިވި މީހުން ކަމަަށެވެ. އަދި 1363 މީހުންނަކީ ޗައިނާގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަނޑައެޅި ބަޖެޓުގެ ފައިސާ އަށް ޚިޔާނާތްތެރިވި މީހުންކަމަށް ހޫ ވަނީ ވިދާޅުވެފައެވެ.

ގާނޫނާއި ޚިލާފަށް ބަޖެޓް ބޭނުންކޮށްގެން 8،123 މީހަކަށް އަދަބު ދީފައިވާކަމަށް ހޫ ވިދާޅުވިނަމަވެސް ދީފައިވަނީ ކިހާވަރެއްގެ އަދަބެއްކަމެއް ވިދާޅެއް ނުވެއެވެ.

ޗައިނާގައި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ ތެރޭގައި ތިބިކަމަށް ބުނާ ޚިޔާނާތުގެ ތުހުމަތު ކުރެވޭ އޮފިޝަލުން ބޭރުކުރުމަށް ކުރާ މަސައްކަތުގައި މީގެ ކުރިން ވަނީ 1.3 މިލިއަން އޮފިޝަލުންނަށް އަދަބުދީފައެވެ. އޭގެ ތެރެއިން ބައެއް އޮފިޝަލުން ދިގު މުއްދަތަކަށް ޖަލަށް ލާފައިވާއިރު އަނެއްބައި އޮފިޝަލުން ވަނީ ތަހުގީގަށް ގޭ ބަންދުކޮށްފައެވެ.

ކޮރަޕްޝަން އިންތިހާއަށް ބޮޑުވެފައިވާ ޗައިނާގައި ކޮރަޕްޝަން ނައްތާލުމަށް މުހިއްމު މަސައްކަތްތަކެއް ކުރަމުންދާކަމަށް ރައީސް ޝީ ޖިންގްޕިންގ ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް