ނިމިގެންދިޔަ ހަފްތާގައި ބޭއްވި ސްޓޭޓް އިންތިޚާބުގައި އިންޑިއާގެ ހިމާޗަލްޕްރަދޭޝްގެ ޤާނޫން ހަދާ މަޖިލީހުގެ މެޖޯރިޓީ ވެރިކަން ކުރާ ބީޖޭޕީއިން ކާމިޔާބު ކޮށްފައިވަނިކޮށް، އެސްޓޭޓްގެ ޗީފް މިނިސްޓަރަކަށް ހަމަޖައްސާނެ ބޭފުޅެއްގެ މައްސަލަ ޕާޓީގެ ތެރޭގައި ބޮޑުވެއްޖެއެވެ.
ޝިމްލާގެ ހޮޓެލް ޕީޓަރހޮފްގައި ބީޖޭޕީގެ އިސް ބޭފުޅުން މިމައްސަލައިގައި މަޝްވަރާ ކުރަމުންދަނިކޮށް ހިމާޗަލްޕްރަދޭޝްގެ ކުރީގެ ޗީފް މިނިސްޓަރ ޕްރެމް ކުމާރު ދުމާލްއާއި ބީޖޭޕީގެ ނުފޫޒުގަދަ ބޭފުޅެއް ކަމަށްވާ ޖާއީ ރާމް ތަކޫރުގެ ސަޕޯޓަރުންގެ މެދުގައި ވަނީ ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ވެސް ހިނގާފައެވެ. ޖާއީ ރާމް ތަކޫރު އަކީ ޗީފް މިނިސްޓަރު ކަމަށް ވަޑައިގަންނަވާނެ ކަމަށް ބޮޑަށް ޤަބޫލުކުރެވޭ ކެންޑިޑޭޓެވެ.
ޗީފް މިނިސްޓަރުގެ މައްސަލައިގައި ވާހަކަތައް ދެއްކުމަށް ދިއްލީއިން ވަޑައިގެންނެވި ބީޖޭޕީގެ އިސް އޮފިޝަލުންނާއި ހިމާޗަލްޕްރަދޭޝްގެ ބީޖޭޕީގެ ބައެއް ސަޕޯޓަރުންނާއި ދެމެދު ވެސް ބަހުގެ ޙަމަލާތައް ބަދަލު ކުރެވުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކުރީގެ ޗީފް މިނިސްޓަރ ދުމާލްގެ ގޮނޑި މިފަހަރުގެ އިންތިޚާބުގައި ކާމިޔާބު ނުކުރެވުނު ނަމަވެސް، އޭނާ ވިދާޅުވީ އިންތިޚާބުގައި ބީޖޭޕީއަށް ލިބުނު ކާމިޔާބީގައި އޭނާގެ ރޯލު ބޮޑުކަމަށެވެ. ދުމާލްއަށް ގޮނޑި ގެއްލިފައި ވަނީ ކުރިން ހުންނެވި ދާއިރާ ނޫން އެހެން ދާއިރާއަކުން އިންތިޚާބުގައި ވާދަކުރެއްވުމާއި ގުޅިގެންނެވެ. ދުމާލް މިފަހަރުގެ އިންތިޚާބުގައި ކުރިމަތިލެއްވީ ކޮންގްރެސް ޕާޓީގެ ހިމާޗަލްޕްރަދޭޝްގެ ލީޑަރު ރަޖިންދްރަ ރަނާ އާއެވެ.
ހިމާޗަލްޕްރަދޭޝްގެ ބީޖޭޕީ ލީޑަރު މަންގަލް ޕާންޑޭ ވިދާޅުވީ އެސްޓޭޓަށް ވަޑައިގެންނެވި ބީޖޭޕީގެ ބޭފުޅުންގެ ރިޕޯޓް ދިއްލީގައި ތިއްބަވާ ބީޖޭޕީގެ އިސް އޮފިޝަލުންނަށް ހުށަހެޅުއްވުމަށް ފަހު ގޮތެއް ނިންމާނީ ސެންޓްރަލް ޕާލަމެންޓްރީ ބޯޑުން ކަމަށެވެ.