ކ. މާލެ
|
23 ޑިސެންބަރ 2017 | ހޮނިހިރު 17:08
ޣައްޒާގައި މުޒާހަރާ ކުރި މީހުންގެ ތެރެއަށް އިސްރާއީލް ސިފައިން ކަރުނަ ގޭސް ޖަހަނީ
ޣައްޒާގައި މުޒާހަރާ ކުރި މީހުންގެ ތެރެއަށް އިސްރާއީލް ސިފައިން ކަރުނަ ގޭސް ޖަހަނީ
ރޮއިޓަރސް
ޤުދުސްގެ މައްސަލަ
ހުކުރު ދުވަހު ވެސް ފަލަސްތީނުގެ 2 މީހަކު ޝަހީދު ކޮށްލައިފި
މިހާތަނަށް ޝަހީދުކޮށްލެވުނު މީހުންގެ އަދަދު: 8
ސުލްހައިގެ ވާހަކަތަކުގައި އެމެރިކާއަށް މެދުވެރިއެއްގެ ރޯލު ދެން އަދާ ނުކުރެވޭނެ
އެމެރިކާގެ ނިންމުމާއި ދެކޮޅަށް ހުކުރު ދުވަހު ދުނިޔޭގެ އެކިކަންކޮޅުތަކުގައި މުޒާހަރާކޮށްފައިވޭ

އިސްރާއީލުގެ ވެރިރަށަކީ ޤުދުސްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުމާއި ދެކޮޅަށް އިހުތިޖާޖަށް ނިކުތް 2 މީހަކު ހުކުރު ދުވަހު އިސްރާއީލް ސިފައިން ބަޑި ޖަހާ ޝަހީދު ކޮށްލައިފިއެވެ.

ފަލަސްތީނުގެ އޮފިޝަލުން ހާމަކުރައްވާ ގޮތުގައި ބުރާސްފަތި ދުވަހު އުތުރު ޣައްޒާގައި އިސްރާއީލާއި ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި މުޒާހަރާ ކުރި މީހުންނާއި ޔަހޫދީ ސިފައިންނާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައި 70 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ. ހުޅަނގު އައްސޭރިއާއި ޣައްޒާގެ އެކި ސަރަހައްދުތަކުގައި އިސްރާއީލް ސިފައިން ދިން ޙަމަލާތަކުގައި އަނިޔާވެގެން ހުކުރު ދުވަހު 103 މީހަކު ފަލަސްތީނުގެ ހޮސްޕިޓަލްތަކަށް ގެންދިޔަ ކަމަށް އޮފިޝަލުން ބުނެއެވެ.

އެމެރިކާގެ ނިންމުމާއި ދެކޮޅު ހެދުމުގެ ގޮތުން ފަލަސްތީނުގެ އެކި ސަރަހައްދުތަކުގައި ބޮޑެތި މުޒާހަރާތަކެއް ކުރަމުންދާއިރު، ޔަހޫދީ ސިފައިން ގެންދަނީ މުޒާހަރާ ކުރާ މީހުންގެ ގަޔަށް ބަޑި ޖަހަމުންނެވެ. އަދި ބައެއް ސަރަހައްދުތަކުގައި ރަބަރު ވަޒަން ބޭނުން ކުރަމުންދާއިރު، ގިނަ އަދަދަކަށް ކަރުނަ ގޭސް ވެސް ޖަހަމުންދެއެވެ.

މިމުޒާހަރާތަކުގެ ބައިވެރިންގެ ގަޔަށް އިސްރާއީލް ސިފައިން ބަޑި ޖަހައިގެން މިހާތަނަށް 8 މީހަކު މަރުވެފައިވާއިރު، ޑިސެމްބަރު މަސް ތެރޭ އިސްރާއީލުން ވައިގެ މަގުން ދިން ޙަމަލާތަކުގައި 4 މީހަކު މަރުވެފައިވެއެވެ.

ޤުދުސްގެ މައްސަލައިގައި އެމެރިކާއިން ނިންމި ނިންމުމާއި ދެކޮޅަށް އދގެ އާއްމު މަޖިލީހުން ޤަރާރެއް ފާސްކޮށްފައިވާއިރު، މި ޤަރާރާއި އެއްގޮތަށް އެމެރިކާގެ ނިންމުން ބަދަލު ކުރުމަށް ތުރުކީވިލާތުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވަނީ ހުކުރު ދުވަހު ގޮވާލައްވާފައެވެ. ތުރުކީވިލާތުގެ ވެރިކަން ކުރާ އޭކޭ ޕާޓީގެ ބައްދަލުވުމެއްގައި ވެރިރަށް އަންކާރާގައި ވާހަކަ ދައްކަވަމުން އުރުދުޣާންވަނީ އާއްމު މަޖިލީހުގެ ވޯޓުގެ ކުރިން ޤައުމުތަކަށް ބިރު ދެއްކުމަށް އެމެރިކާއިން ހިންގި ޢަމަލުތައް ކުށްވެރި ކުރައްވާފައެވެ. އަދި ޤަރާރާއި އެއްކޮޅަށް ވޯޓު ދިން 128 ޤައުމުގެ ހިތްވަރަށް އުރުދުޣާން ތަޢުރީފު ކުރެއްވިއެވެ. އުރުދުޣާން ވިދާޅުވީ ވޯޓުގެ ކުރިން އެމެރިކާއިން ޤައުމުތަކަށް ބިރު ދެއްކުން ތާރީޚުގައި ލިޔެވިގެންދާނީ ހަޑި އަދި މަޢާފް ނުކުރެވޭނެ އަމަލެއްގެ ގޮތުގައި ކަމަށެވެ.

މީގެ އިތުރުން މެދުއިރުމަތީގެ ސުލްހައިގެ ވާހަކަތަކުގައި މެދުވެރިއެއްގެ ރޯލު އެމެރިކާއިން އަދާކުރުން ދެން ބަލައިނުގަންނާނެ ކަމަށް ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސް ވަނީ ވިދާޅުވެފައެވެ. ފަރަންސޭސީވިލާތުގެ ވެރިރަށް ޕެރިހުގައި ފަރަންސޭސީ ރައީސް އެމަނުއެލް މެކްރޯންއާއި ބައްދަލު ކުރެއްވުމަށް ފަހު ޢައްބާސްވަނީ ސުލްހައިގެ ވާހަކަތަކުގެ މެދުވެރިއެއްގެ ރޯލު އަދާކުރުމަށް އިސް ނެގުމަށް ވިލާތުގެ ޤައުމުތަކަށާއި ވިލާތުގެ އިއްތިޙާދަށް ގޮވާލައްވާފައެވެ.

އެމެރިކާގެ ނިންމުމާއި ދެކޮޅަށް ދުނިޔޭގެ މުސްލިމު ގިނަ ޤައުމުތަކެއްގައި ހުކުރު ދުވަހުވެސް މުޒާހަރާ ކޮށްފައިވެއެވެ. އެގޮތުން މެލޭޝިއާގެ ވެރިކަން ކުރާ ޕުތްރަޖާޔާގައިވެސް ބޮޑުވަޒީރު ނަޖީބު ރައްޒާޤް އިސްވެ ހުންނަވާ އެމެރިކާގެ ނިންމުމާއި ދެކޮޅަށް މުޒަހަރާ ކޮށްފައިވެއެވެ. އެތައް ހާސް ބަޔަކު އެއްވި މިމުޒާހަރާގައި ވާހަކަ ދައްކަމުން ނަޖީބު ރައްޒާޤް ވިދާޅުވީ ޤުދުސް ޙިމާޔަތް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މެލޭޝިއާއިން ކުރާނެ ކަމަށާއި، އެމަނިކުފާނާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ދެމެދު އޮންނަ ގާތްގުޅުމުގެ ސަބަބުން ޤުދުސްގެ މައްސަލައިގައި މެލޭޝިއާއިން ގެންގުޅޭ ސިޔާސަތަށް ބަދަލެއް ނާންނާނެ ކަމަށެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް