ސްޕެއިންގެ ސެވިއްޔާގެ ކޯޗުގެ މަގާމުން އާޖެންޓީނާގެ އެޑުއާޑޯ ބެރީޒޯ ވަކިކޮށްފިއެވެ.
ސެލްޓަވީގޯގެ ކޯޗުކަން ވެސް ކޮށްފައިވާ ބެރީޒޯ ސެވިއްޔާގެ ކޯޗުކަމާއި ހަވާލުވެފައިވަނީ މިދިޔަ ސީޒަނުގައި އެ ޓީމަށް އިރުޝާދުދިން ހޯސޭ ސަމްޕައޯލީ އެ މަގާމު ދޫކޮށް އާޖެންޓީނާގެ ގައުމީ ޓީމުގެ ކޯޗުކަމާއި ހަވާލުވުމުންނެވެ.
މި ސީޒަނުގެ ކުރީކޮޅު ސެވިއްޔާއިން ރަނގަޅު ނަތީޖާތަކެއް ހޯދާނެ ކަމަށް ގިނަ ބަޔަކު އުއްމީދުކުރިއެވެ. އެހެން ނަމަވެސް 65 މިލިއަން ޔޫރޯގެ ބަޖެޓަކާއެކު މި ސީޒަނާއި ކުރިމަތިލި ސެވިއްޔާއަށް ބެރީޒޯގެ އިރުޝާދުގެ ދަށުން މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އޭނާ މަގާމުން ވަކިކުރީ ހުކުރު ދުވަހު ބޭއްވި ސެވިއްޔާގެ ބޯޑުގެ ބައްދަލުވުމަށްފަހުއެވެ.
މި ބައްދަލުވުމަށް ފަހު އެ ކްލަބުގެ ބޯޑުން ނެރުނު ބަޔާނެއްގައި ވަނީ އޭނާ ކޯޗުކަމުން ވަކިކުރަން ނިންމީ އެ ކްލަބުން މިހާރު ހޯދަމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން ކަމަށެވެ. އަދި އައު ކޯޗެއް ހޯދުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރަމުންދާ ކަމަށް ވެސް އެ ކްލަބުން ހާމަކޮށްފައިވެއެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ މަގާމަށް އައުން އެންމެ އެކަށީގެންވަނީ ބާސާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭއެވެ. އޭނާގެ އިތުރުން ފްރާންސްގެ ކުރީގެ ކޯޗު ލޯރެންޓް ބްލޮންކް އަދި މަލާގާގެ ކުރީގެ ކޯޗު ޖަވީ ގާސިއާ ވެސް އެ މަގާމަށް އައުން އެކަށީގެންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އޭނާ އެ މަގާމުން ވަކިކުރުމުގެ ކުރިން ކެންސަރަށް ފަރުވާހޯދުމަށް އެ ކްލަބުގެ ކޯޗުގެ މަގާމުން ވަގުތީގޮތުން ދުރުވެސްވިއެވެ. އެގޮތުން އޭނާއަށް ޕްރޯސްޓޭޓް ކެންސަރު ޖެހިފައިވާކަން އެ ކްލަބުން އާންމުކޮށް އިއުލާނު ކުރީ ޗެމްޕިއަންސް ލީގުގައި ލިވަޕޫލްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުއެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލްއިން ތިން ލަނޑުގެ ލީޑެއް ނެގި ނަމަވެސް ސެވިއްޔާއިން ފަހަތުން އަރައި ތިން ލަނޑު ޖަހައި އެ މެޗުން ޕޮއިންޓެއް ހޯދިއެވެ.
ބެރީޒޯ ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ ދުވަސްތަކުގައި އޭނާގެ ބަދަލުގައި އެ ޓީމަށް އިރުޝާދުދީފައި ވަނީ އޭނާގެ އެސިސްޓަންޓެއްގެ ގޮތުގައި ހަރަކާތްތެރިވި އާނެސްޓޯ މަރޫޗީއެވެ. ސެލްޓަ ވީގޯގެ ކޯޗުގެ މަގާމުގައި ބެރީޒޯ ހުރިއިރު ވެސް މަރޫޗީ އޭނާގެ އެސިސްޓަންޓް ކޯޗުގެ މަގާމު ފުރިއެވެ.
ސެލްޓަވިގޯގައި ތިން އަހަރު ހޭދަ ކުރުމަށް ފަހު، މި ސީޒަނުގައި ސެވިއްޔާގެ ކޯޗުކަމާ ބެރިޒޯ ހަވާލުވީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ބެރިޒޯގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި ސެވިއްޔާ ވަނީ 21 މެޗު ކުޅެފައެވެ. އޭގެ ތެރެއިން 12 މެޗުން ސެވިއްޔާ މޮޅުވެފައިވާ އިރު، ފަސް މެޗުން ވަނީ ބަލިވެފައެވެ. ބާކީ ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.
އުމުރުން މިހާރު 48 އަހަރުގެ ބެރިޒޯ ވަނީ ކުޅުންތެރިޔެއްގެ ގޮތުގައި ސެލްޓަވިގޯއާއި ރިވާޕްލޭޓް އަދި ނިއުވެލްސް އޯލްޑް ބޯއިސް ފަދަ ކްލަބްތަކަށް ކުޅެފައެވެ. އޭނާ ވަނީ އާޖެންޓީނާގެ ގައުމީ ޓީމަށް ވެސް ކުޅެފައެވެ. ޗިލީގެ އެސިސްޓެންޓް ކޯޗުގެ މަގާމު ވެސް ފުރާފައިވާ ބެރީޒޯ ވަނީ މީގެކުރިން ސެލްޓަވީގޯ އަދި އެސްޓޫޑިއަންޓޭސްއަށް ވެސް ކޯޗުކަން ކޮށްދީފައެވެ.
އުމުރުން 48 އަހަރުގެ ބެރީޒޯގެ ސެވިއްޔާގެ ކޯޗުގެ މަގާމުން ވަކިކޮށްފައިވާއިރު އެ ޓީމު މިވަގުތު އޮތީ ސްޕެނިޝް ލަލީގާގެ ފަސް ވަނައިގައެވެ. އަދި އެ ޓީމުން ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ވެސް ޖާގަ ހޯދާފައެވެ.