ކ. މާލެ
|
23 ޑިސެންބަރ 2017 | ހޮނިހިރު 14:43
އެޓްލެޓިކޯ އަދި އެސްޕަނިޔޯލް ބައްދަލުކުރި މެޗުގެ ތެރެއިން
އެޓްލެޓިކޯ އަދި އެސްޕަނިޔޯލް ބައްދަލުކުރި މެޗުގެ ތެރެއިން
ޓްވިޓަރ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ: ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު އެޓްލެޓިކޯ އިން ނަގާލައިފި
އެޓްލެޓިކޯގެ މައްޗަށް އެސްޕަނިޔޯލް ކުރި ހޯދީ 0-1 ގެ ނަތީޖާއަކުން

ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާ އާއި އެޓްލެޓިކޯ މެޑްރިޑާ ދެމެދު އޮތް ޕޮއިންޓްގެ ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު އެޓްލެޓިކޯ މެޑްރިޑު ނަގާލައިފިއެވެ.

ހުކުރު ދުވަހުގެ ރޭ އެސްޕަނިޔޯލްއާ ދެކޮޅަށް ކުޅުނު މެޗުން އެޓްލެޓިކޯ ވަނީ 0-1 އިން ބަލިވެފައެވެ.

އެސްޕަނިއޯލް ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން ފުރަތަމަ ހާފްގައި އެޓްލެޓިކޯގެ އެންޓޯނިއޯ އަށް ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވިއިރު، އެސްޕަނިއޯލް އަށް ވެސް ވަނީ ލީޑު ނެގުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ވެސް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފްގައި ދެ ޓީމުން ވެސް ކުޅުން ރަނގަޅުކޮށް، އެޓޭކްތައް ވަރުގަދަކުރިއެވެ. އެގޮތުން ލަނޑު ޖެހުމަށް ވެސް ފުރުސަތުތަކެއް ދެ ޓީމުގެ ފަރާތުން ވެސް ދިޔައީ ފެންނަމުންނެވެ.

މެޗު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށް އެސްޕަނިޔޯލް އިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގްރެނޭރޯގެ އެހީތެރިކަމާ އެކު ސާޖިއޯ ގާސިއާއެވެ.

މި ނަތީޖާއާއެކު އެސްޕަނިޔޯލް ވަނީ ކުޅުނު 17 މެޗުން 20 ޕޮއިންޓް ހަމަކޮށް ޕޮއިންޓް ތާވަލުގެ 14 ވަނައަށް ޖެހިލާފައެވެ. މެޗުން ބަލިވި އެޓްލެޓިކޯ އޮތީ 17 މެޗުން ލިބުނު 36 ޕޮއިންޓާ އެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ. މެޗުން އެޓްލެޓިކޯ މޮޅުވި ނަމަ، އެއްވަނައިގައި 42 ޕޮއިންޓާއެކު އޮތް ބާސާއާ ދެމެދު ޕޮއިންޓްގެ ފަރަގު ތިނަކަށް ކުޑަވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް