ކ. މާލެ
|
23 ޑިސެންބަރ 2017 | ހޮނިހިރު 07:42
ސްޕެއިންގެ ބޮޑުވަޒީރު މަރިއާނޯ ރަޚޯއީ (ވ) އަދި ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުއިޖްޑެމޮންޓް
ސްޕެއިންގެ ބޮޑުވަޒީރު މަރިއާނޯ ރަޚޯއީ (ވ) އަދި ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުއިޖްޑެމޮންޓް
އޭއެފްޕީ
ކެޓަލޯނިއާގެ މިނިވަންކަން
ކެޓަލޯނިއާގެ ކުރީގެ ލީޑަރާ ބައްދަލު ކުރުމަށް ސްޕެއިންގެ ބޮޑުވަޒީރު ދެކޮޅު ހައްދަވައިފި
ކެޓަލޯނިއާގެ ކުރީގެ ލީޑަރު ޕުއިޖްޑެމޮންޓް ވަނީ ގައުމުން ބޭރުގައި ސްޕެއިންގެ ބޮޑުވަޒީރު ރަޚޯއީއާާ ބައްދަލު ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައި
ރަޚޯއީ ވިދާޅުވަނީ ބައްދަލުކުރައްވާނީ ކެޓަލޯނިއާގެ އާ ސަރުކާރުު ހިންގުމާ ހަވާލުވެވަޑައިގަންނަވާ ފަރާތަކާ ކަމަށް

ގައުމުން ބޭރުގައި މަޝްވަރާ ކުރެއްވުމަށް ސްޕެއިންގެ ބޮޑުވަޒީރު މަރިއާނޯ ރަޚޯއީ އަށް، ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުއިޖްޑެމޮންޓް ހުށަހެޅި ހުށަހެޅުމަށް، ރަޚޯއީ ދެކޮޅު ހައްދަވައިފިއެވެ.

އަމިއްލަ އަށް އަރުވާލެވިގެން ގައުމުން ބޭރުގައި ދިރިއުޅުއްވާ ކެޓަލޯނިއާގެ ކުރީގެ ލީޑަރު ޕުއިޖްޑެމޮންޓް ވަނީ، ގައުމުން ބޭރުގައި މަޝްވަރާތައް ބޭއްވުމަށް ސްޕެއިންގެ ބޮޑުވަޒީރު މަރިއާނޯ ރަޚޯއީއާ ބައްދަލު ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ޕުއިޖްޑެމޮންޓް މިހާރު ދިރިއުޅުއްވާ ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި މަޝްވަރާތައް ބޭއްވުމަށް ސްޕެއިންގެ ބޮޑުވަޒީރަށް ވަނީ ދައުވަތު އަރުއްވާފައެވެ.

އެހެންނަމަވެސް ސްޕެއިންގެ ބޮޑުވަޒީރު ރަޚޯއީ ވިދާޅުވީ، އޭނާ މަޝްވަރާ ކުރައްވަން ޖެހިވަޑައިގަންނަވާނީ ކެޓަލޯނިއާގެ ސަރަޙައްދީ ސަރުކާރުގެ ލީޑަރާ ކަމަށެވެ.

ސްޕެއިންގެ އިހްތިސާސް ހިނގާ ކެޓަލޯނިއާގައި ވެރިކަން ކުރަނީ ވަކި ސަރުކާރަކުންނެވެ. އެހެންނަމަވެސް ކެޓަލޯނިއާގެ މިނިވަން ދައުލަތެއް އުފެއްދުމަށް ކުރި މަސައްކަތްތަކާ ގުޅިގެން ސްޕެއިންގެ މައި ސަރުކާރުން ވަނީ ކާލްސް ޕުއިޖްޑެމޮންޓްގެ ސަރުކާރު އުވާލައި، ކެޓަލޯނިއާގައި އާ އިންތިޚާބެއް ބާއްވާފައެވެ.

ކެޓަލޯނިއާގައި ބުރާސްފަތި ދުވަހު ބޭއްވި ސަރަހައްދީ އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން، ކެޓަލޯނިއާގެ ވަކި ދައުލަތެއް އުފެއްދުމަށް ތާއީދުކުރާ ޕާޓީތަކުން ބޮޑު އަޣުބަލިއްޔަތެއް ހޯދާފައިވެއެވެ.

ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕުއިޖްޑެމޮންޓްގެ ނަން ވިދާޅުނުވެ، ސްޕެއިންގެ ބޮޑުވަޒީރު ރަޚޯއީ ވަނީ، ކެޓަލޯނިއާގެ އާ ސަރުކާރާ ހަވާލުވެވަޑައިގަންނަވާ ލީޑަރާ އެކު ގާނޫނީ އިމުގެ ތެރެއިން މަޝްވަރާ ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.

ރަޚޯއީ ވިދާޅުވީ، ބުރާސްފަތި ދުވަހު ބޭއްވި ކެޓަލޯނިއާގެ ސަރަހައްދީ އިންތިޚާބު ކާމިޔާބު ކުރެއްވީ ސިޓިޒަންސް ޕާޓީގެ ލީޑަރު އިނޭސް އަރިމަޑާސް ކަމަށެވެ. އޭނާއަކީ ސްޕެއިންގެ ބާރުގެ ދަށުގައި ކެޓަލޯނިއާ އޮތުމަށް ތާއީދު ކުރައްވާ ބޭފުޅެކެވެ.

ސިޓިޒަންސް ޕާޓީއަކީ ކެޓަލޯނިއާ ސަރަހައްދުގެ އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯދީ ސިޓިޒަންސް ޕާޓީ އިން ކަމުގައި ވީނަމަވެސް، މި އިންތިޚާބުގައި ސަރުކާރެއް އެކުލަވާލާ މިންވަރަށް އެޕާޓީ އަށް ވޯޓު ހަމަކުރެވިފައެއްނުވެއެވެ.

އިންތިޚާބުގައި އެޕާޓީ އަށް 25 އިންސައްތަ ކާމިޔާބު ކުރެވިފައިވާއިރު، ކެޓަލޯނިއާގެ މިނިވަން ކަމަށް ތާއީދުކުރާ ޕާޓީތަކުން ވަނީ އިންތިޚާބުގައި 50 އިންސައްތަ އަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފައެވެ.

ކެޓަލޯނިއާގެ މިނިވަން ދައުލަތެއް އުފެއްދުމަށް ނެގި ފެންނަ ނުފެންނަ ވޯޓަށް ފަހު، އެކަމަށް ކުރި މަސައްކަތްތަކާ ގުޅިގެން ސްޕެއިންގެ މައި ސަރުކާރުން، ކެޓަލޯނިއާގެ ސަރަހައްދީ ސަރުކާރު އުވާލައި، ކެޓަލޯނިއާގެ ވެރިކަމުގެ ބާރުތައް ވަނީ ނަގާފައެވެ. އަދި އެމަސައްކަތްތަކާ ގުޅިގެން ކެޓަލޯނިއާގެ ކުރީގެ ސަރުކާރުގެ އިސްވެރިންގެ މައްޗަށް ސްޕެއިންގައި ދަނީ ޝަރީއަތް ހިންގަމުންނެވެ.

ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުއިޖްޑެމޮންޓްގެ މައްޗަށް ސްޕެއިންގައި ޝަރީއަތް ހިންގަން ފަށާފައިވާއިރު، ބެލްޖިއަމް އަށް ވަޑައިގެންނެވި ފަހުން ސްޕެއިންގެ ކޯޓަކުން އޭނާ ހައްޔަރު ކުރުމުގެ އަމުރު ނެރުނެވެ. އެހެންނަމަވެސް ފަހުން ވަނީ އެއަމުރު ބާތިލްކޮށްފައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް