ރާއްޖޭގައި ސިޔާސީ ޕާޓީ ރަޖިސްޓްރީކޮށް ހިންގުމަށް ހުއްދަ ދެވުނީ 2005 ވަނަ އަހަރެވެ. އެ ދުވަސްވަރު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާން ނިކުމެ އުޅުނު ފަރާތްތަކަށް ބިރުވެރިކަމެއް ނެތެވެ. އެދުވަހު ވެރިންގެ އިސްތިއުފާއަށް ގޮވުމާ، އަނިޔާވެރިންގެ ލިސްޓް ޖަލްސާތަކުގައި ކިޔުމަކީ އާންމު ކަމެކެވެ. އަދި ދައުލަތުގެ ފައިސާ ބޭނުން ކުރެވިފައިވާ ގޮތްތަކަށް ފާޑުކިޔުން އިންތިހާއަށް އިތުރުވިއެވެ.
ރާއްޖޭގައި ސިޔާސީ ޕާޓީ ހިންގަން ހުއްދަ ދިނުމާއެކު އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރެވުނު ޕާޓީއަށް އެމްޑީޕީ ވެގެންދިޔައެވެ. އެ ޕާޓީއަށް ވަނުމަށް ފޯމް ފުރި ގިނަ މީހުންނަކީ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވި މީހުންނެވެ.
އެމްޑީޕީއަކީ ފިކުރެކެވެ. ރައީސް ނަޝީދަކީ އެޕާޓީގެ މޫނުމަތި ކަމަށް ބެލެވެން ނެތް އެއްވެސް ދުވަހެއް ޕާޓީ އުފެދުނު ފަހުން އައިސްފައެއް ނުވެއެވެ. ޕާޓީގެ ޕްރައިމަރީތަކާ، އިސްމަގާމްތަކަށް މީހުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުތަކުގައި ޕާޓީގެ އެތެރެއަށް ކުޑަކޮށް ގުޑުން އެރިޔަސް މައްސަލަތައް ހައްލުވެގެން ދެއެވެ.
2008 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބަށް ފަހު ސަރުކާރެއް އެކުލަވައިލުމުގެ ބާރު ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތެވެ. ސަރުކާރު ހިންގުމުގައި އެމްޑީޕީގެ ދައުރު އޮތުމުން ޕާޓީ ބަދަލުވެގެން ދިޔައީ ރާއްޖޭގައި އެވަގުތު އޮތް އެންމެ މެމްބަރުން ގިނަ ޕާޓީއަށެވެ.
އެމްޑީޕީ ނޫނަސް ރާއްޖޭގައި ސިޔާސީ ޕާޓީ ހިންގަމުން އެބަދެއެވެ. ތަފާތު ފިކުރުތަކަށް ނިސްބަތްވާ މީހުން އެޕާޓީތަކުގައި ވެސް އެބަތިއްބެވެ. ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ސިޔާސީ ޕާޓީގެ ގޮތުގައި އެއިން ޕާޓީއެއް ހެދުމަށް އެޕާޓީތަކުގެ އިސްވެރިން މަސައްކަތް ވެސް ކުރައްވައެވެ. ނަމަވެސް ސަރުކާރުތަކާ ދެކޮޅަށް އެމްޑީޕީ އިން ދެއްކިފަދަ ނަތީޖާއެއް އެހެން ޕާޓީއަކުން އެކަނި ދެއްކިފައެއް ނެތެވެ.
މިހެން ދެންނެވުމުން ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ މެމްބަރުން ރުޅި އިސްކުރައްވައިގެން ނުވާނެއެވެ. ރައީސް ޔާމީނުގެ ސަރުކާރާ ދެކޮޅަށް ނަތީޖާއެއް ހޯދުމަށް ދެން ކުރަން އޮތް މަސައްކަތެއްގައިވެސް އެމްޑީޕީގެ މެމްބަރުންގެ ދައުރު ކުޑަކޮށްގެން ފުރިހަމަ ނަތީޖާއެއް ހޯދުން އުނދަގޫވާނެއެވެ. އެހެން ނަމަވެސް ޖޭޕީފަދަ ޕާޓީތައް ވަރުގަދަ ކުރުމަށް މިހާރު ކުރެވޭ މަސައްކަތްތަކަށް ސާބަސް ހައްގެވެ. މެމްބަރުން އިތުރު ކުރައްވާށެވެ. އެހެން ނަމަވެސް ތާރީހުގައި ކަންކަން ހިނގައިފައިވާ ގޮތް ރަގަޅަށް ދިރާސާ ކުރައްވައިގެން މިސްރާބު ހިފުން ވަރަށް މުހިންމެވެ.
"އިދިކޮޅުޕާޓީތައް ގުޅިގެން" މިނަމުގައި ހަރަކާތްތައް ކުރިއަށް ގެންދަވާށެވެ. އެހެން ނަމަވެސް ބަލަންތިބޭ މީހުންނަށް ކަމެއް ރަގަޅަށް ކުރާ ކަމުގެ މަންޒަރު ފެންނަން ވާނެއެވެ.