ކ. މާލެ
|
21 ޑިސެންބަރ 2017 | ބުރާސްފަތި 18:46
ބަޙްރައިންގެ ޚާރިޖީ ވަޒީރުގެ ޓްވީޓް
ބަޙްރައިންގެ ޚާރިޖީ ވަޒީރުގެ ޓްވީޓް
އަލްޖަޒީރާ
ޤުދުސްގެ މައްސަލަ
އެމެރިކާއާއި ދެކޮޅު ވުމަކީ ބޭނުންކަމެއް ނޫން: ބަހްރައިން
ބަޙްރައިން އިން ޔަހޫދީންނާއި ގުޅުން ބަދަހިކުރުމުގެ މައްސަލަ ވަނީ ފަހަކަށް އައިސް ބޮޑުވެފައި

އަރަންވީ ކޮޅެއްގެ މައްސަލައިގައި އެމެރިކާއާއި ދެކޮޅުވުމަކީ ބޭނުންކަމެއް ނޫން ކަމަށް ބަޙްރައިންގެ ޚާރިޖީ ވަޒީރު ޚާލިދު އަލް ޚަލީފާ ވިދާޅުވެއްޖެއެވެ.

ބަޙްރައިންގެ ޚާރިޖީ ވަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިރާނުގެ ނުރައްކަލާއި ކުރިމަތިލާން ގުޅިގެން މަސައްކަތް ކުރާ ދަނޑިވަޅެއްގައި އެމެރިކާއާއި ދެކޮޅުވުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަރަންވީ ކޮޅެއްގެ މައްސަލަ ކަމަށް ޚާލިދު ސިފަކުރައްވާފައި ވަނީ ޤުދުސްގެ މައްސަލައިގައި އދގެ ޢާއްމު މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރާއި އެއްކޮޅަށް ވޯޓު ދޭ ޤައުމުތަކާއިމެދު ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާއިން ދީފައިވާ އިންޒާރަށް ކަމަށް ބެލެވެއެވެ.

އެމެރިކާއަށް ފަހިވާގޮތަށް ބަޙްރައިންގެ ޚާރިޖީ ވަޒީރު ވާހަކަ ދައްކަވާފައި މިވަނީ އިސްރާއީލުގެ ޔަހޫދީ ދައުލަތުގެ ވެރިރަށަކީ ޤުދުސް ކަމަށް ބަލައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައިވަނިކޮށް، ބަހްރައިންގެ ވަފުދެއް އިސްރާއީލަށް ޒިޔާރަތް ކުރި މައްސަލަ ހޫނުވެފައިވަނިކޮށެވެ. އަދި ހަމައެއާއި އެކު، އިސްރާއީލާއި ގުޅުން ޤާއިމް ކުރުމަށް އިސްލާމީ ޤައުމުތަކަށް ބަޙްރައިންގެ ރަސްގެފާނު ގޮވާލައްވާފައިވާ ކަމަށް އަޑު ފެތުރިފައިވަނިކޮށެވެ. އަދި އިސްރާއީލުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ޢަރަބި ޤައުމުތަކުން  ނިންމި ނިންމުން ކުށްވެރި ކުރައްވާ ކަމަށާއި، ބަހްރައިންގެ ރައްޔިތުންނަށް އިސްރާއީލަށް ޒިޔާރަތް ކުރެވޭނެ ކަމަށް ބުނެ ބަޙްރައިންގެ ޚާރިޖިއްޔާއިން ޓްވީޓް ކުރި މައްސަލައެއް ވެސް ފެންމަތިވިއެވެ.

ސަޢޫދީ ވަލީޢަޙުދު މުޙައްމަދު ބިން ސަލްމާންގެ ނުފޫޒުގައި ޢަރަބި ޤައުމުތަކުން ގެންދަނީ އީރާނުގެ ބިރުވެރިކަމުން ސަލާމަތްވުމުގެ ނަމުގައި އިސްރާއީލާއިއެކު ގުޅުން ބަދަހި ކުރަމުންނެވެ. އަދި ޤުދުސްއަށް އެމެރިކާގެ އެމްބަސީ ބަދަލުކުރަން ނިންމި ނަމަވެސް، ޢަރަބި އިސްލާމީ ޤައުމުތަކުން އެކަށީގެންވާ ވަރުގެ ދެކޮޅު ހެދުމެއް އެކަމުގައި ނުފެންނާތީ މުހައްލިލުން ގެންދަނީ ފާޑުކިޔަމުންނެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް