ޗައިނާގެ އަތުން ނަގާފައިވާ ލޯނުތައް އަނބުރާ ނުދެއްކިގެން، އެ މަޖުބޫރީ ހާލަތުގައި ތިބެ އަވަށްޓެރި ސްރީ ލަންކާގެ ހަމްބަންތޯޓާ ބަނދަރު ރަސްމީކޮށް މިމަހުގެ ތެރޭގައި އެވަނީ ޗައިނާއާ ހަވާލުކޮށްފަ އެވެ. އެތައް ގޮތަކުން މުހިންމުކަން ލިބިފައިވާ ހަމްބަންތޯޓާ ބަނދަރަކީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް(ބީއާރްއައި) އަށް ލިބުނު ވަރަށް ބޮޑު "މުދާގަނޑެކެވެ." "ގަރުނުގެ މަޝްރޫއު" ގެ ގޮތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ސިފަކުރައްވާ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްއަށް ހަމްބަންތޯޓާ ޕޯޓު ލިބުމަކީ ޗައިނާއިން ޖައްސަމުންދާ ދަރަނިވެރިކުރުވުމުގެ މަޅީގެ ކާމިޔާބުކަން ދައްކުވައިދޭ ކަމެކެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑާއި ވޯލްޑް ބޭންކުން ދޫކުރާ ލޯނުތަކާއި ޚިލާފަށް، އެކި ގައުމުތަކުން ހިންގާ މަޝްރޫއުތަކަށް ޗައިނާއިން ލޯނު ދެނީ، ދިގު މުއްދަތަކަށް އަގު ދެމިހުންނާނެ ފަދަ ގުދުރަތީ ވަސީލަތްތައް ރަހުނުކުރުމުންނެވެ. މިފަދަ ވަސީލަތްތަކުން ކުރު މުއްދަތެއްގައި ފައިދާ ނުވިޔަސް ޗައިނާއިން ފަރުވާލެއް ނުބަހައްޓައެވެ. ހަމްބަންތޯޓާއަކީ މިފަދަ މިސާލެކެވެ. ހަމްބަންތޯޓާ ޕޯޓް އޮންނަނީ ޔޫރަޕާއި، އެފްރިކާއާއި، މެދުއިރުމައްޗާއި އޭޝިއާ ގުޅުވައިދޭ އިންޑިއާ ކަނޑުގެ ވިޔަފާރީގެ މައި މަގުގަ އެވެ. ފަގީރު ގައުމުތަކުން ބޭނުންވާ ފައިސާ ހަމަޖައްސައިދީ، އެގައުމުތަކުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގައި ދިނުމުގެ ބަދަލެއްގެ ގޮތުން ޗައިނާއިން ޑިމާންޑު ކުރަނީ، އެ ގައުމެއްގެ ގުދުރަތީ ވަސީލަތްތަކާއި، މައުދަންތައް ބޭނުންކުރުމުގެ އިތުރުން، ޕޯޓް ފަދަ ތަންތަނަށް ފަސޭހަކަމާއެކު ވަދެ އުޅުމުގެ ހާއްސަ ގޮތްތަކެކެވެ.
ސްރީ ލަންކާގެ ތަޖުރިބާއިން ދައްކުވައިދޭ މަންޒަރަށް ބަލާއިރު، ޗައިނާއިން ފައިސާ ހޯދުމަކީ ދުރުވާން އުނދަގޫވާވަރަށް ނުވަތަ ދުރުނުވެވޭވަރަށް ގައުމުތައް "އަޅުވެތިކަމުގައި" ބަނދެލެވޭ ކަމެކެވެ. ހިލޭ އެހީތަކާއި ކުޑަ އިންޓްރެސްޓް ރޭޓުތަކުގައި ލޯނު ދިނުމުގެ ބަދަލުގައި، ޗައިނާއިން ލޯނު ދެނީ މަޝްރޫއުތަކާއި ގުޅުވައިގެން މާކެޓުގައި އެވަގުތު ހުންނަ ރޭޓެއްގަ އެވެ. އެފަދަ ލޯނުތައް ދިނުމުގައި ދެފުށްފެންނަ އެއްވެސް ނިޒާމެއް ނޯވެއެވެ. ތިމާވެއްޓަށާއި މުޖުތަމައުއަށް ކުރާނެ އަސަރެއް ބެލުމަށް އެސެސްމެންޓެއް ހެދުމެއް ނޯވެއެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ސިފަކުރައްވާފައިވާ ގޮތުގައި، ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްއާއެކު ޗައިނާއިން މަސައްކަތް ކުރަމުންދަނީ އެގައުމުގެ އަމިއްލަ ގާނޫނުތަކާއި މިންގަނޑުތަކެއް ދުނިޔޭގައި ކަނޑައެޅުމަށެވެ.
ޗައިނާގެ ބާރު އިތުރަށް ގަދަ ކުރުމަށް، ޕޯޓް ފަދަ ތަންތަން ގަތުމަށް ބިޑް ކުރުމަށް އެގައުމުގެ ކުންފުނިތަކަށް ދަނީ ބާރުއަޅަމުންނެވެ. މިސާލަކަށް ބަލާނަމަ އިގްތިސާދީ އަޑިގަނޑަކަށް ވެއްޓިފައިވާ ގްރީސްގެ ޕިރާއޫސް ޕޯޓަކީ މިފަދަ މިސާލެކެވެ. މިދިޔަ އަހަރުގެ ތެރޭގައި ޗައިނާގެ ކުންފުންޏަކުން 436 މިލިއަން ޑޮލަރަށް ޕިރާއޫސް ޕޯޓް ގަނެފައިވާއިރު، އެ ޕޯޓް ވެގެންދާނީ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގައި ޔޫރަޕުގެ މައި މަރުކަޒަށެވެ.
މިފަދައިން އިގްތިސާދީ ގޮތުން ގައުމުތަކުގައި ޗައިނާގެ ނުފޫޒު ވަރުގަދަ ކުރަމުންދަނީ "އެއްގާގަނޑުން ޖަހައި ދެ ދޫނި މަރާލާ" އުސޫލަށެވެ. ފުރަތަމަ ކަމަކީ، އެކި އުފެއްދުންތަކުން ތޮއްޖެހިފައިވާ އެގައުމުގެ އެކްސްޕޯޓް އިތުރަށް ވަރުގަދަ ކުރުމެވެ. އަދި ދެވަނަ ކަމެއްގެ ގޮތުން މަސައްކަތް ކުރަމުންދަނީ ސަރަހައްދީ ފެންވަރުގައި އެގައުމުގެ މަސްލަހަތު ހިމާޔަތްކޮށް، ޑިޕްލޮމެޓިކް ގޮތުން އެގައުމުގެ ނުފޫޒު ފަތުރާލުމަށެވެ. ގުދުރަތީ ވަސީލަތްތައް އެގައުމުގެ ބާރުގެ ދަށަށް ގެނެސް، އެގައުމުގެ ފައިސާ ބައިނަލްއަގްވާމީ ގޮތުން އެކި ގައުމުތަކުގައި ބޭނުންކުރުވައި، ދެން ތިބި ބޮޑެތި ބާރުތަކުގެ މައްޗަށް އަތްގަދަ ކުރުމަށެވެ.
ޗައިނާއިން ބޭނުން ކުރަމުންދާ "އިގްތިސާދީ ޝިކާރަކުރުމުގެ" މި ފަލްސަފާގެ ދަށުން ކުދި ގައުމުތަކުގެ މައްޗަށް ބާރު ހިންގަމުންދާ ގޮތަށް ބަލާއިރު، މިކަމުން ސިފަވެގެންދަނީ ޔޫރަޕްގެ ގައުމުތަކުން ޗައިނާ އިސްތިއުމާރު ކުރި ޒަމާނެވެ. ޗައިނާއިން މިހާރު ބޭނުންކުރަމުންދަނީ، 1839-1860 ގެ އޯޕިއަމް ހަނގުރާމަތަކުގައި ޔޫރަޕުގެ އިސްތިއުމާރީ ބާރުތަކުން ބޭނުންކުރަމުންދިޔަ އުކުޅުތަކެވެ.
އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުން ހޮންކޮންގ ސަލާމަތްވެ 1997 ވަނަ އަހަރު ހޮންކޮންގ ޗައިނާއާ ހަވާލުކުރިއިރު، ޗައިނާއިން އެކަން ސިފަކުރީ، 100 އެތައް އަހަރުގެ ބޭއިންސާފަށް، ހައްގު އިންސާފު ލިބިގެން ދިއުން ކަމަށެވެ. ނަމަވެސް، ހަމްބަންތޯޓާ ހޯދި ހޯދުމަށް ބަލާއިރު ފެންނަނީ، ޗައިނާއިން ހޮންކޮންގ ހޯދި ފަދަ އަމިއްލަ "ޒަމާނީ އިސްތިއުމާރުގެ" އުކުޅުތަކެއް ގެންގެޅެމުންދާ ތަނެވެ. ޗައިނާ އެންމެ އުހަށް ގެންދިއުމަށް ޝީ ޖިންޕިން ވެވަޑައިގެންނެވި ވައުދު ފުއްދަވަމުން ގެންދަވަނީ ކުދި ގައުމުތަކުގެ އިސްތިގުލާލާއި މިނިވަންކަމަށް ގެއްލުންދީގެންކަން ހަމްބަންތޯޓާއިން ފެނިގެންދެ އެވެ.
ޔޫރަޕްގެ އިސްތިއުމާރީ ބާރުތަކުން ބޯޓުތަކުގައި ހަތިޔާރާއެކު ގޮސް ވިޔަފާރީގެ އާ މާކެޓުތައް ހޯދައި ގައުމުތައް ހިފަމުންދިޔަ ގޮތަށް، ޗައިނާއިން ބޭނުންކުރަމުންދަނީ ސިޔާދަތުގެ ދަރަނިވެރިކުރުވުމުގެ އުކުޅެވެ. ޗައިނާގެ ކުރިމަތީގައި ގައުމުތައް ކުޑަކުކޫ ޖައްސުވަނީ، ބަޑިއާއި އުންޑައަކާ ނުލައި ދަރަނިވެރިކޮށްލައިގެންނެވެ. އިނގިރޭސީން ޗައިނާއަށް އެކްސްޕޯޓް ކުރި އޯޕިއަމް ފަދައިން، ޗައިނާއިން ދޭ ލޯނުތަކަކީ އޭގެ މަސްތުގައިޖެހި ދެވިހިފާ އެއްޗެކެވެ. ދިގު މުއްދަތުގައި މަޝްރޫއުތަކުން ލިބޭ ނަފާއަށް ބެލުމަށްފަހު ޗައިނާއިން ގައުމުތަކުގެ މަޝްރޫއުތަކަށް ފައިސާދޭއިރު، އެ މަޝްރޫއުތަކުން ގައުމުތަކަށް ކުރު މުއްދަތެއްގައި ލިބެނީ ކުޑަ ނަފާއެކެވެ. އެހެންކަމުން މަޝްރޫއު ހިންގުމަށް ޗައިނާގެ އަތުން ނެގި ލޯނު އަނބުރާ ދެއްކޭ ގޮތްނުވެ ޗައިނާއަށް ދަރަނިވެރިވެއެވެ. ދަނޑިވަޅުގެ ބޭނުން ހިފައިގެން ދަރަނި ޚަލާސް ކުރުމަށް ގައުމުގެ ކޮންމެވެސް ވަސީލަތެއް، ބަނދަރެއް ނުވަތަ ރަށެއް ދޭންޖެހެ އެވެ. މިފަދައިން، ޗައިނާއަށް ދަރަނިވެރިވެފައިވާ ގައުމުތައް ގިނަކޮށް، މުޅި ދުނިޔޭގައި ޗައިނާއިން އެ ގެންދަނީ ބާރު ފަތުރަމުންނެވެ.
ހަމްބަންތޯޓާ ޕޯޓް ޗައިނާއަށް 99 އަހަރަށް ދިނުމަށް ސްރީ ލަންކާގެ ސަރުކާރާއެކު ހެދި އެއްބަސްވުމަށް ބަލާއިރުވެސް ސިފަވެގެންދަނީ، ޗައިނާގެ ބަނދަރުތައް ހުޅަނގުގެ އިސްތިއުމާރީ ބާރުތަކަށް ދިނުމަށް އެގައުމަށް މަޖުބޫރުކުރުވައިގެން ހެދި އެއްބަސްވުންތަކެވެ. 1989 ވަނަ އަހަރު އިނގިރޭސީން ވަނީ ޗައިނާގެ އަތުން 99 އަހަރަށް ނިއު ޓެރިޓަރީސް ނެގި އެވެ. އޭގެ ސަބަބުން ހޮންކޮންގެ ބިމުގެ ޖާގަ 90 އިންސައްތަ އިތުރުވެގެންދިޔަ އެވެ. އެ އެއްބަސްވުމުގައި 99 އަހަރު ޖަހާފައި އޮތީ މަންޗޫ ކިންގް ދަރިފަސްކޮޅުގެ މޫނުމަތި ރީތިކޮށްދިނުމަށެވެ. އެހެން ނަމަވެސް، އެއީ ވަކި މުއްދަތެއް ނެތް ގޮތަށް ނުވަތަ ތާއަބަދަށް ދިން ދިނުމެއްކަން މިއަދާ ހަމައަށްވެސް ޗައިނާއާއި ހޮންކޮންގެ އެތައް ބަޔަކު ގަބޫލުކުރެއެވެ.
މިހާރު ޗައިނާއިން ދުރު ގައުމުތަކުގައި ބޭނުންކުރަމުން އެ ގެންދަނީ އިސްތިއުމާރީ ބާރުތަކުން ބޭނުންކުރި 99 އަހަރަށް ކުއްޔަށް ދިނުމުގެ ފަލްސަފާއެވެ. ހަމްބަންތޯޓާވެސް ނަގާފައިވަނީ 99 އަހަރަށެވެ. ހަމަ މިފަދައިން، 2015 ވަނަ އަހަރުގެ ތެރޭގައި ޗައިނާގެ ކުންފުންޏަކުން ވަނީ އޮސްޓްރޭލިއާގެ ޑާވިން ޕޯޓްވެސް 99 އަހަރުގެ މުއްދަތަކަށް ނަގާފަ އެވެ. 388 މިލިއަން ޑޮލަަރަށް އެތަން ނެގިއިރު، އެއީ 1000 އަށް ވުރެ ގިނަ އަދަދެއްގެ އެެމެރިކާ ކަނޑުގެ ސިފައިން ތިބޭ ބަނދަރެކެވެ.
ހަމަ މިފަދައިން، އިންތިހާއަށް ދަރަނިވެރިވެފައިވާ ޖިބޫޓީއަށް ބިލިއަނުން ޑޮލަރު ދިނުމަށްފަހު ޗައިނާއިން އެވަނީ މިއަހަރުގެ ތެރޭގައި އެގައުމުގައި އަސްކަރީ މަރުކަޒެއް ހުޅުވާފަ އެވެ. އެއީ ޗައިނާއިން އެހެން ގައުމެއްގައި ހުޅުވި ފުރަތަމަ އަސްކަރީ މަރުކަޒަށްވާއިރު، އެ މަރުކަޒު ހުޅުވާފައިވަނީ އެފްރިކާގައި ހުންނަ ހަމައެކަނި ދާއިމީ އެމެރިކާގެ އަސްކަރީ މަރުކަޒު ހުންނަ ސަރަހައްދާ ކައިރީގަ އެވެ. ދަރަނިވެރިވެފައިވާ ޖުބޫޓީއިން ޗައިނާގެ އަސްކަރީ މަރުކަޒު އަޅަން ބިން ދިނީ އަހަރަކު 20 މިލިއަން ޑޮލަރަށެވެ. ތުރުކަމިނިސްތާނުގެ އިގްތިސާދުގެ މައްޗަށްވެސް އަތް ގަދަކޮށް، އެންމެފަހުން ޗައިނާއިން ވަނީ، ޗައިނާއިން ބޭނުންވާ ގޮތަށް ނެޗުރަލް ގޭސް ހޮޅިއެއް ބާރުގެ ދަށަށް ގެންގޮސްފައެވެ.
އިތުރު ގައުމުތަކެއްވެސް ދަނީ ޗައިނާގެ އިގްތިސާދީ ދަރަނިވެރިކުރުވުމުގެ އިސްތިއުމާރުގެ ޝިކާރައަށް ވެފަ އެވެ. އާޖެންޓީނާއާއި، ނަމީބިއާއާއި، ލާއޮސްވެސް މި މަޅީގައި ޖެހި، ދަރަނި އަދާކުރުމުގެ ގޮތުން އެ ގައުމުތަކުގެ އިސްތިގުލާލަށް ގެއްލުން ލިބޭ ފަދަ ހިތްދަތި ނިންމުންތަކެއް ނިންމަވަނީ ޖެހިފައެވެ. ޗައިނާއަށް ދަރަނިވެފައިވާ މިންވަރު ބޮޑުކަމުން، އިރުމަތީ އެފްރިކާގެ ގޭޓްވޭގެ ގޮތުގައި އޮންނަ ކެންޔާގެ މޮމްބާސާ ބަނދަރު ޗައިނާއަށް ދޭންޖެހިދާނެ ކަމުގެ ބިރުވަނީ ހީވެފައެވެ. އެތަން ވެގެންދާނީ އަނެއްކާ އަނެއް ހަމްބަންތޯޓާ ބަނދަރަށެވެ.
ޗައިނާގެ އިގްތިސާދީ ދަރަނިވެރިކަމުގެ އިސްތިއުމާރުގައި ރާއްޖެވެސް ބަނދެވިފައިވާއިރު، ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ސަބަބުން އެހެން ގައުމުތަކަށް ކުރިމަތިވެފައިވާ ހާލަތުން ފިލާވަޅު ލިބިގަންނަންޖެހެ އެވެ. ޗައިނާގެ މި މަޅީގައި ޖެހޭ ގައުމުތަކުގެ ގުދުރަތީ ވަސީލަތްތައް ގެއްލި، އިސްތިގުލާލަށް ބުރޫއަރާކަން ހާމައަށް ދުނިޔޭގެ އެކި ބައްރުތަކުން ދަނީ ފެންނަމުންނެވެ. ޗައިނާގެ އިގްތިސާދީ އަޅުވެތިކަމުގެ މި ފަލްސަފާގައި ޖެހި ކުދި ގައުމުތައް ފުނޑެމުންދާ މަންޒަރު އެކިކަންކޮޅުތަކުން ފެންނަމުންދާއިރު، ރާއްޖޭއިން މިދަނީ ޗައިނާއިން އިތުރު ލޯނުތައް ނަގައިގެން، އަނދަވަޅާ ދިމާލަށް ދަތުރުކުރަމުންނެވެ. ދިވެހި ދައުލަތުގެ ދަރަނި އަތްނުފޯރާ ވަރަށް މައްޗަށް އަރައިގެންދަނީ އެވެ. ޗައިނާއަށް ދަރަނިވެރިވެ، ސިޔާދަތުގެ ދަރަނި އިއުލާނުކުރުމާ ދިމާލަށް ރާއްޖެ މިދަނީ ހިތްދަތި ދަތުރެއް ކުރަމުންނެވެ. މިއީ މިނިވަންކަމުގައި 50 އަހަރުވީއިރު، ރާއްޖެ ދެކޭ އެންމެ ކަޅު ދުވަސްތަކެވެ.