އިސްރާއީލުގެ ވެރިރަށަކީ ޤުދުސްކަމަށް އެމެރިކާއިން ނިންމި ނިންމުމާ ދެކޮޅަށް ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ބުދަ ދުވަހު އިހްތިޖާޖުކުރި މީހުންނާއި ޔަހޫދީ ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ފަލަސްތީނުގެ 80 މީހަކު ޒަޚަމްވެއްޖެއެވެ.
ރެޑް ކްރެސެންޓުން ބުނާ ގޮތުގައި ޒަޚަމްވި މީހުންގެ ތެރެއިން 3 މީހެއްގެ ގަޔަށް އިސްރާއީލް ސިފައިން ބަޑި ޖަހާފައިވެއެވެ. އަދި 20 މީހެއްގެ ގަޔަށް ރަބަރު އުންޑަ ޖަހާފައިވާއިރު، 40 މީހަކަށް ކަރުނަ ގޭހުގެ އަސަރުކޮށްގެން ފަރުވާ ދީފައިވެއެވެ.
ގިނަ އަދަދެއްގެ ބަޔަކު އެމެރިކާއާ ދެކޮޅަށް އަޑުއުފުލުމަށް ނިކުމެފައިވަނީ، އެމެރިކާގެ ނިންމުމާ ދެކޮޅަށް އަޑުއުފުލަން ނިކުތުމަށް ފަލަސްތީނުގެ ސަރުކާރާއި ސިޔާސީ ޕާޓީތަކުން ގޮވާލުމާ ގުޅިގެންނެވެ.
އިސްރާއީލުގެ ސިފައިންނާއި ފަލަސްތީނުގެ އާއްމުންނާ ދެމެދު ހުޅަނގު އައްސޭރީގައި ކުރިމަތިލުންތައް ހިނގާފައިމިވަނީ ނާބްލުސް، ބައިތުއްލަޙަމް އަދި އަރީޚާގައިވެސް އިސްރާއީލާ ދެކޮޅު މުޒާހާރާތަކެއް ބާއްވާފައިވަނިކޮށެވެ.
ފަލަސްތީނުގެ އާއްމުންނާއި ޔަހޫދީ ސިފައިންނާއި ދެމެދު އެންމެ ވަރުގަދަޔަށް ކުރިމަތިލީ މުޒާހަރާތައް އެންމެ ވަރުގަދަވި ޤަލަންދިއާ އަސްކަރީ ޗެކްޕޮއިންޓް ކައިރީގައެވެ. މިޗެކްޕޮއިންޓަކީ ހުޅަނގު އައްސޭރިއާއި ހިފާފައިވާ އިރުމަތީ ޤުދުސް ވަކިކުރާ ސަރަހައްދުގައި ހުންނަ އިސްރާއީލް ސިފައިންގެ ޗެކްޕޮއިންޓެވެ. އެތަނަށް ފަސް ހާހެއްހާ އާއްމުން އެއްވިކަމަށް ފަލަސްތީނުގައި ޙަރަކާތްތެރިވާ ނޫސްވެރިން ބުނެއެވެ.
މި މުޒާހަރާތަކުގައި ފަތަޙަ ޖަމާޢަތާއި ޙަމާސް ޖަމާޢަތުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަތެވެ. އެގޮތުން ފަލަސްތީނުގެ ސިއްޙަތާބެހޭ ވަޒީރު ޖަވާދު އައްވާދާއި، ޙަމާސްގެ އިސްވެރިއެއްކަމަށްވާ ޖަމާލް އަލްތަވީލް އަދި ފަތަޙަ ޖަމާޢަތުގެ ތަރުޖަމާނު އުސާމާ ޤަވަސްމަހު ވަނީ މުޒާހަރާގައި ބައިވެރިވެވަޑައިގެންފައެވެ. މިމުޒާހަރާ ހޫނުވެފައިވަނީ މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ޔަހޫދީ ސިފައިން ކަރުނަ ގޭސް ޖަހަން ފެށުމުންނެވެ. އަދި ކަރުނަ ގޭސް ޖެހުމުން ގިނަ ބަޔަކު އެސަރަހައްދު ދޫކޮށް ދިޔުމުން، މުޒާހަރާކުރަން ތިބި ފަލަސްތީނުގެ ޒުވާނުންނާއި ކުޑަކުދިންވަނީ ހުޅަނގު އައްސޭރިއަށް އަރައިގެންފައިވާ ޔަހޫދީ ސިފައިންނާ ދިމާއަށް އޮށްގާ އުކާފައެވެ. އޮށްގަލަށް އިސްރާއީލް ސިފައިން ރައްދު ދިނީ ރަބަރު ވަޒާނާއި އަސްލު ވަޒަނުންނެވެ.
އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ޤުދުސް ބަލައިގަތުމަށް ނިންމަވައި، އިސްރާއީލުގެ ވެރިރަށް ތެލްއަވީވްގައި މިހާރު ހުރި އެމެރިކާގެ އެމްބަސީ ޤުދުސްއަށް ބަދަލުކުރުމަށް ނިންމެވިކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާންކުރެއްވީ މީގެ 2 ހަފްތާކުރިންނެވެ. އެއަށް ފަހު ކޮންމެ ދުވަހަކުވެސް ފަލަސްތީނުގައި އިސްރާއީލާއި އެމެރިކާއާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާކުރަމުންދެއެވެ.