ކ. މާލެ
|
23 ޑިސެންބަރ 2017 | ހޮނިހިރު 00:26
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު
މުހައްމަދު ޝަރުހާން
ދިވެހި ފުޓުބޯޅަ ދަށަށް
ބައްސާމް ހިތްޕުޅާ ހަމަނުވިޔަސް ރާއްޖެ ފުޓުބޯޅަ ދަނީ ދަށަށް!
ގައުމީ ކޯޗު އެނބުރި ފުރައިގެންދިޔައީ ޝަކުވާތަކާ އެކު
މި އަހަރު ގައުމީ ޓީމު ކޮޅަށް 26 ލަނޑު ވަނީ ވަދެފައި
އެފްއޭއެމް އަށް ސިޔާސީ ނުފޫޒް ވަނީ ވަދެފައި

ފުޓުބޯޅަ އަކީ ހުރިހާ ދިވެހިންވެސް ގަޔާވާ ކުޅިވަރެވެ. މި ކުޅިވަރު ފަހަތަށް ދިއުމަކީ އެކަކުވެސް ދެކެން ބޭނުންވާނެ ކަމެއް ނޫނެވެ. އެހެންނަމަވެސް މިއަދު ރާއްޖެ ފުޓުބޯޅަ ހިންގަން ތިބި ބޭފުޅުންނަކީ އެއްގޮތަކަށް ވެސް މިކަން ކުރަން ދަންނަ ބައެއް ނޫންކަން މިއީ މިއަދު ގަބޫލުކުރަން ޖެހިފައި އޮތް ހަގީގަތެވެ.

ފަހަރެއްގައި އެފަރާތްތަކަށް އެކަން ކުރަން ބަޔަކު މީހުން ފުރުސަތު ނުދެނީހެއްޔެވެ؟ މިއީވެސް ހަމަ އުފެދޭ ސުވާލެކެވެ. އެހެން ނޫންނަމަ އެ ފަރާތްތަކުން ފުޓުބޯޅަ ކުރިއަރުވަން އެދެވޭ މަސައްކަތް ނުކުރަނީ ކީއްވެބާއެވެ. ދިވެހި އެއްވެސް ކުޅިވަރަކަށް އެދެވޭ މިންވަރެއްގެ ބަޖެޓެއް ނުލިބެއެވެ. އެހެންނަމަވެސް ފުޓުބޯޅަ އަށް ދޭ ބަޖެޓު މާ ބޮޑެވެ. އެހެން ކުޅިވަރުތައް ކުރިއަރަމުންގޮސް ތަފާތު ދައްކާ މެޑަލްތައް ހޯދަމުންދާއިރު، ފުޓުބޯޅަ ކުރިއަރާތަނެއް ނުފެނެއެވެ. ފެންނަ މަންޒަރަކީ ގައުމީ ޓީމުވެސް ބޮޑު ތަފާތުތަކުން ބަލިވަމުންދާތަނެވެ.

އެފްއޭއެމް އެކްސްކޯ ބައްދަލުވުމެއްގެ ތެރެއިން

އެފްއޭއެމްގެ އާ ލީޑާޝިޕުން ކުރި ރަނގަޅުކަންތައްވެސް އެބަހުއްޓެވެ. އެގޮތުން އަތޮޅު ތެރެއިން ހަތަރު ޓީމެއް ދިވެހި ޕްރިމިއާ ލީގަށް ޕްރޮމޯޓްވާފަދަ ފޯމެޓެއް ހަދާ އެގޮތަށް އަމަލުކުރަން ފެށުމުން އަތޮޅު ތެރޭގެ ފުޓުބޯޅަ އަށް ފައިދާތަކެއް ކުރިއެވެ. އާ ހުނަރުތައް ގަލޮޅު ދަނޑުން ފެނިގެންދިޔައެވެ. އެހެންނަމަވެސް އާ ކަމެއް ކުރުމުން ރަނގަޅު ކުރަންޖެހޭ ކަންތައްވެސް ހުންނާނެކަން އެއީ ގަބޫލުކުރަންޖެހޭ ކަމެކެވެ. އެގޮތުން އެފްއޭއެމް އިން އެކަންތައް އަންނަ އަހަރަށް ރަނގަޅުކުރާނަމޭ ބުނުން އެއީ އުފާވާ ކަމެކެވެ.

ކޮންމެއަކަސް އަންނަ އަހަރަކީ ފުޓުބޯޅަ އަށް މުހިންމު އަހަރެކެވެ. ދިވެހިން އެންމެ އުންމީދު ކުރާ ސާފް ޗެމްޕިއަންޝިޕް އޮތީ އަންނަ އަހަރެވެ. ގައުމީ ޓީމުގެ ކޯޗެއް އަދި ފެންނަން ނެތެވެ. އެންމެ ފަހުން ޓީމާ ހަވާލުވެގެން ހުރި ކޯޗު އެއްބަސްވުން އާނުކޮށް ފުރައިގެންދިޔައީ އެތަކެއް ޝަކުވާތަކެއް ކުރުމަށް ފަހު އެވެ.

ގައުމީ ޓީމުގެ ފަރިތަކުރުމުގެ ތެރެއިން


ގައުމީ ސީނިއާ ޓީމުކޮޅަށް މި އަހަރު އެކަނި 26 ލަނޑު ވަނުމުން، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވީ، އެ ލަނޑުތައް ރާއްޖެ ކޮޅަށް ވަނީ ކޮންމެވެސް ބަޔަކު އެކަމަށް މަސައްކަތްނުކޮށް އޮތުމުން ކަމަށެވެ. މިއީ ފަހަރެއްގައި ތެދަކަށް ވެދާނެއެވެ. އެހެން ނަމަވެސް އުފެދޭ ސުވާލަކީ ބައްސާމްގެ ލީޑާޝިޕް އެފްއޭއެމްއާ ހަވާލުވެ، އަހަރެއް ވެގެންދިޔައިރު އެކަން ނުދަނެ އޮތީ ކީއްވެތޯއެވެ. ފަލަސްތީން އަތުން ރާއްޖެ 1-8 ގެ ނަތީޖާއިން ބަލިވި މެޗުގެ ކުރިން އެ މެޗަށް ކަންތައްތައް ރޭވިފައި އޮތް ގޮތާ މެދު ކޯޗު ސުވާލުކުރުމުން އެއީ މުހިންމު މެޗެއް ނޫންކަމަށްބުނެ ވާންއޮތް ގޮތެއް ވާން ދޫކޮށްލީ ކީއްވެތޯއެވެ. މިވަރުން ކިހިނެއްތޯ ފުޓުބޯޅަ ކުރިއަރާނީ؟ މިއީ ހަމަ އުފެދޭ ސުވާލެވެ.

އެފްއޭއެމަށް ފީފާގެ ސަސްޕެންޝަނެއް އައުމަކީ ވަރަށް ގާތްކަމެއް ކަމަށް ތަކުރާރުކޮށް މި ކިޔަނީ ކަމެއް ނުވެއެއްނޫނެވެ. އެފްއޭއެމް އަކީ ސިޔާސަތުތައް ކަނޑައަޅާތަނެކޭ ބައްސާމް ވިދާޅުވިޔަސް އެތާ ތެރޭގައި ސިޔާސީ ކަމެއް ހިނގައިގެން ނުވާނެއެވެ. އެތަނުގެ ތެރޭގައި ހިނގަންވާނީ ފުޓުބޯޅައިގެ ކަންކަމެވެ. ވަކި ސިޔާސީ ޕާޓީއެއްގެ އޮފީހެއް އެތަނުގައި ހިންގިގެން ނުވާނެއެވެ. ވަކި ބަޔަކަށް މަންފާކޮއްދޭން އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އެއްވެސް ކުޅިވަރެއް ތެރެއަށް ސިޔާސީ އެއްވެސް ކަމެއް ވަނުމަކީ އެއްވެސް މީހަކު ބޭނުންވާނެކަމެއް ނޫނެވެ. ކުޅިވަރާއި ސިޔާސީ ކަންކަން މިއީ ދެކަމެކެވެ. މި ދެކަން އެއްނުކުރެވޭނެއެވެ. އެހެން ނަމަވެސް މިއަދު ގަބޫލުކުރަންޖެހޭ ހަގީގަތަކީ އެފްއޭއެމް ތެރެއަށް ސިޔާސީ ނުފޫޒު އިންތިހާއަށް ވަދެފައިވާކަމެވެ.

 

އެފްއޭއެމް އެވޯޑްސްގެ ތެރެއިން 

ފުޓުބޯޅަ އާއިލާއޭ ކިޔާ އާއިލާއެއް މިހާރު ފެންނާކަށް ނެތެވެ. އެކަން އެންމެ ފަހުން ބޭއްވުނު އެފްއޭއެމް އެވޯޑުންވެސް ހާމަވެގެންދިޔައެވެ. ބާސެލޯނާ އަދި ސްޕެއިންގެ ތަރި ކާލޯސް ޕިޔޯލްއާއެކު ބޭއްވުނު އެވޯޑު ހަފްލާގެ ހާޒިރީ މާބޮޑަށްވެސް ދަށެވެ. އެވޯޑު ހަފްލާގައި ބައްސާމް ދެއްކެވި ބައެއް ވާހަކަތަކަށް ފުޓުބޯޅަ އާއިލާގައި ހިމެނޭ ފުންނާބު އުސް ގިނަ ބަޔަކު ރައްދު ދިނެވެ. ބައެއް މީހުން ފާޅުގައި ރައްދު ދިން އިރު، ދެން ތިބި މީހުން ރައްދު ދެއްވީ ނުސީދާކޮށެވެ. އެ މީހުން ބުނާގޮތުން ރާއްޖޭގެ ފުޓުބޯޅަ ދަނީ ފަހަތަށެވެ. ކުރިއަށްދާ މަންޒަރެއް ނުފެނެއެވެ.

އެފްއޭއެމް އިން ކުރަން ޖެހޭ މަސައްކަތް ވަރަށް ގިނައެވެ. ދައުރު ހަމަވާއިރުވެސް ވަގުތު ނުލިބޭކަމަށް ބުނެ ޝަކުވާ ކުރުމަށްވުރެ ކަންކަން ހަމައަކަށް އެޅުވުން މާ މުހިންމެވެ. އަންނަ އަހަރަށް ޕްލޭންތަކެއް ހަދަން ޖެހެއެވެ. މިހާރުއްސުރެ އެކަންތައް ރާވާ އާންމުކުރަންޖެހެއެވެ. ރާއްޖޭގެ ފުޓުބޯޅަ ވެއްޓިފައިވާ މިވާ އަނދަވަޅުން ސަލާމަތްކުރަންޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް