ބާސެލޯނާއާ ދެކޮޅަށް އެޓްލެޓިކޯ މެޑްރިޑްއިން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ކަމަށްވާ ފީފާއަށް މައްސަލަ ހުށަހަޅައިފިއެވެ.
އެޓްލެޓިކޯއިން ބާސާއާ ދެކޮޅަށް މައްސަލަ ހުށަހެޅީ އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ހޯދުމަށް އެ ކްލަބުގެ ހުއްދަ ނުހޯދައި ބާސާއިން މަސައްކަތް ފެށުމާއި ގުޅިގެންނެވެ. ފީފާގެ ފަރާތުން ވާހަކަ ދެއްކި އިސް އޮފިޝަލަކު ބުނީ އެ އިދާރާއަށް އެޓްލެޓިކޯގެ ފަރާތުން މައްސަލަ ހުށަހަޅާފައިވާކަން ކަށަވަރު ކޮށްދެވޭނެ ކަމަށާއި އެހެން ނަމަވެސް އެކަމާއި ގުޅިގެން އިތުރު އެއްވެސް ބަހެއް ހާމަކުރެވެން ނެތް ކަމަށަވެ.
އެޓްލެޓިކޯއިން ހާމަކޮށްފައިވާ ގޮތުގައި އެ ކްލަބުގެ ހުއްދައާ ނުލައި ބާސާއިން ގްރީޒްމަންއާ ވާހަކަ ދެއްކުމަކީ ލަލީގާގެ ގަވާއިދާއި ހިލާފު ކަމެކެވެ. އެގޮތަށް ބާސާއަށް އަމަލުކުރެވޭނީ ކުޅުންތެރިޔެއްގެ ކޮންޓްރެކްޓުގައި ބާކީ ހަ މަސް ދުވަސް އޮންނައިރު ކަމަށްވެސް އެޓްލެޓިކޯއިން ބުނެފައިވެއެވެ. އަދި އެ ކްލާބާއި ބާސާއާ ދެމެދު އުފެދިފައިވާ ވާދަވެރިކަމަކީ މި މައްސަލަ އިތުރަށް ހޫނު ވާނެ ކަމެއް ކަމަށް ވެސް އެޓްލެޓިކޯއިން ބުނެފައިވެއެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ބާސާގެ ސްޕޯޓިން ޑައިރެކްޓަރު ގުއިލާމޯ އަމޯ ވަނީ ގްރީޒްމަންއާ އެ ކްލަބުން މަޝްވަރާކުރިކަމުގެ އިޝާރާތެއް ދީފައެވެ. އެގޮތުން ބާސާގެ ރައީސް ބާޓޮމޯ ގްރީޒްމަންގެ އާއިލާއާ ބައްދަލުކޮށްފައިވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އޭނާއާ ވާހަކަ ދެއްކުމަކީ ބާސާއަށް ލިބިގެންވާ ހައްގެއް ކަމަށް އަމޯ ބުނެފައިވެއެވެ. ފުޓްބޯޅައިގެ ދުނިޔެއަކީ އެންމެން ވެސް ވަރަށް އެކުވެރިކޮށް މަސައްކަތްކުރާ ދުނިޔެއެއް ކަމަށާއި އެހެންކަމުން މިފަދަ ކަމެއް ހިނގުމުން އެއީ މާ ބޮޑު މައްސަލައަކަށް ވެގެން ނުވާނެ ކަމަށް އަމޯ ބުނެފައިވެއެވެ.
މި މައްސަލަ ހުށަހެޅުމުގެ ކުރިން ބާސާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ވެސް ވަނީ ގްރީޒްމަން ގެންނަން ބޭނުންވާ ކަމުގެ އިޝާރާތެއް ކޮށްފަ އެެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަލްވާޑޭ ބުނީ ގްރީޒްމަން ބާސާއަށް ބަދަލުވާން އުޅޭކަމުގެ ވާހަކައިގައި މިވަގުތު އެއްވެސް ހަގީގަތެއް އެކުލެވިގެން ނުވާ ކަމަށާއި އެހެނަސް އޭނާއަކީ ބާސާއަށް ކުޅުމުގު ހުނަރު ހުރި މޮޅު ކުޅުންތެރިޔެއް ކަމަށެވެ. އަދި ގްރީޒްމަން ފަދަ ކުޅުންތެރިޔަކު ޓީމާއި ގުޅުމަކީ މުސްތަގުބަލުގައި އެކަށީގެންވާ ކަމެއް ކަމަށް އޭނާ ހާމަކުރިއެވެ.
ބާސާއިން އޭނާ ހޯދުމަށް މަސައްކަތް ފަށާފައިވާއިރު އެޓްލެޓިކޯ މެޑްރިޑުގައި ހުރެ މުބާރާތްތައް ކާމިޔާބު ނުކުރެވޭތީ ގްރީޒްމަން ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ. އެ ޓީމުގެ މިޑްފީލްޑަރު ކޯކޭ ބުނެފައިވަނީ ގްރީޒްމަން ޓީމުގައި މަޑުކުރަން ބޭނުން ނުވާނަމަ އެންމެ ރަނގަޅު ގޮތަކީ ވީހާވެސް އަވަހަށް އެހެން ޓީމަކަށް ބަދަލުވުން ކަމަށެވެ. ހަމައެހެންމެ އެ ޓީމުގެ ކޯޗު ޑިއޭގޯ ސިމިއޯނޭ ބުނީ ގްރީޒްމަން ގަންނަން އެކަށީގެންވާ އަދަދެއް ހުށަހަޅައިފިނަމަ އޭނާ ވިއްކާލަން ދެކޮޅު ނަހަދާނެ ކަމަށެވެ.
އެޓްލެޓިކޯއިން ހުށަހެޅި މައްސަލަ ސާބިތުވެއްޖެނަމަ ދެ ޓްރާންސްފާ މާކެޓުގައި ބައިވެރިނުވެވޭ ގޮތަށް ފީފާއިން ބާސާ ސަސްޕެންޑް ކުރާނެއެވެ.
ގްރީޒްމަން ބާސާއަށް ބަދަލުވާން އުޅޭކަމުގެ އަޑުތައް ގަދަވެފައިވާއިރު އޭނާ ހޯދުމަށް ޔޫރަޕުގެ މަޝްހޫރު ޓީމުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެތެރޭގައި ފްރާންސްގެ ޕީއެސްޖީއާއި އިނގިރޭސިވިލާތުގެ ޗެލްސީއާއި މެންޗެސްޓާ ޔުނައިޓެޑް ހިމެނެއެވެ.