ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި އެމެރިކާގެ ޓެކްސް ނިޒާމަށް ގެނެވެނު ބަދަލާ އެކު ޓެކްސްގެ ބިލް ސެނޭޓުން ފާސްކޮށްފިއެވެ.
ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން މި ބިލް މީގެ ކުރިން ވަނީ ފަސޭހަކަމާ އެކު ފާސްވެފައެވެ. ދެ ގޭގައި ވެސް އޮތީ ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތެވެ.
އެންމެ ފަހުގެ ނިންމުން ނިންމުމަށް ބުދަ ދުވަހުގެ ވަގުތެއްގައި ބިލް އަނބުރާ ސެނޭޓަށް ފޮނުވާނެއެވެ.
ލަފާކުރެވިފައިވާ ގޮތަށް ބިލް ފާސްވެއްޖެ ނަމަ މި ބިލް ވެގެންދާނީ ރައީސް ޓްރަމްޕްގެ ސަރުކާރުން ހުށަހެޅި މައި ގާނޫނެއް ފާސްވި ފުރަތަމަ ފަހަރަށެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުން މިއީ ދަރަނި އިތުރަށް ބޮޑުވެ އިންތިހާއަށް މުއްސަނދިކޮށް ތިބި ފަރާތްތަކަށް ދެވޭ ހަދިޔާއެވެ. ނަމަވެސް ރިޕަބްލިކަން ޕާޓީން ބުނާ ގޮތުން ކޯޕަރޭޝަންތަކާއި، ކުދި ވިޔަފާރިތަކާއި ވަކިފަރުދުންގެ ޓެކްސްތައް ކުޑަކުރުމުން އިގްތިސާދަށް ކުރިއެރުން ލިބިގެންދާނެއެވެ.
މި ވޯޓްގެ ނަތީޖާ އިއުލާނުކުރައްވާފައި ވަނީ މި ވޯޓަށްޓަކައި މެދުއިރުމަތީ ދަތުރުފުޅު ފަސްކޮށްލެއްވި ނާއިބު ރައީސް މައިކް ޕެންސްއެވެ. މި ވޯޓުގައި ފެންނަ ކަމަށް 51 މެމްބަރުން ވޯޓް ދެއްވާފައިވާއިރު ނުފެންނަ ކަމަށް 48 މެމްބަރުން ވޯޓް ދެއްވާފައިވެއެވެ.
ރިޕަބްލިކަން ޕާޓީގެ ހުރިހާ މެމްބަރުން ފެންނަ ކަމަށް ވޯޓް ދެއްވާފައިވާއިރު ޑެމޮކްރެޓިކް ޕާޓީގެ ހުރިހާ މެމްބަރުން ވޯޓްދެއްވާފައި ވަނީ ދެކޮޅަށެވެ.
އެންމެ ފަހު ވޯޓަށް އެހިއިރު ސެނޭޓްގެ ގެލަރީގައި އަޑުއަހަން ވަދެ ތިބި ފަރާތްތަކުން ބިލް ބޭރުކުރުމަށް ގޮވާލައި މުޒާހަރާކުރުމުން އެ ފަރާތްތައް ވަނީ ބޭރަށް ނެރެފައެވެ.