އެކާވީސް އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ "އެފްއޭއެމް ޔޫތް ޗެމްޕިއަންޝިޕް 2017" އަންނަ ހުކުރު ދުވަހު ފެށުމަށް ތާވަލުކޮށްފިއެވެ.
ރައުންޑް ރޮބިން ފޯމެޓްއަށް ކުޅޭ މި މުބާރާތުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލްއަށް ދަތުރުކުރާނެއެވެ.
މި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ހަމަވިއިރު މުބާރާތުގައި ބައިވެރިވީ އެންމެ ހަތަރު ޓީމުންނެވެ. މުބާރާތުގައި ވާދަކުރެވެނީ ހަމައެކަނި އެސްޓީއޯ މާލޭ ލީގު އަދި އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ އަށް ޓީމަށެވެ. މިފަހަރުގެ ޔޫތް ޗެމްޕިއަންޝިޕުގައި ފެނިގެންދާ ޓީމުތަކުގެ ތެރޭގައި ކްލަބް އީގަލްސްއާއި ޔުނައިޓެޑް ވިކްޓްރީއާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އިތުރުން ގދ. ތިނަދޫ ހިމެނެއެވެ.
މިއަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކްލަބް އީގަލްސްއާއި ގދ. ތިނަދޫއެވެ.
ޔޫތް ޗެމްޕިއަންޝިޕަކީ ގިނަ ކުޅުންތެރިންތަކެއް ތައާރަފު ވެގެން ގޮސްފައިވާ މުބާރާތެކެވެ. މި މުބާރާތުން ވިދާލި ގިނަ ކުޅުންތެރިން އަންނަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ޓީމުތަކުގައި މުހިންމު ރޯލުތައް އަދާކުރަމުންނެވެ. ހަމައެހެންމެ މި ކުޅުންތެރިންގެ ތެރޭގައި ގައުމީ ޓީމުގެ ފުރަތަމަ އެގާރާގައި ހިމެނޭ ކުޅުންތެރިން ވެސް ހިމެނެއެވެ.
އެފްއޭއެމް އިން 2011 ވަނަ އަހަރު ބާއްވަން ފެށި މި މުބާރާތް މެދުނުކެނޑި 2014 ވަނަ އަހަރުގެ ނިޔަލަށް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެއަށްފަހު މުބާރާތް ދެން ބާއްވާފައިވަނީ މިދިޔަ އަހަރެވެ. މިދިޔަ އަހަރު މުބާރާތުގެ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ކްލަބް އީގަލްސްއެވެ.
ކްލަބް އީގަލްސްއިން މި މުބާރާތް ދެފަހަރު ކާމިޔާބުކޮށްފައި ވާއިރު އެ ޓީމުގެ އިތުރުން ޔޫތް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުތަކުގެ ތެރޭގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ކްލަބް ވެލެންސިއާ ހިމެނެއެވެ.
މިއަހަރުގެ މުބާރާތުގެ ހުރިހާ މެޗެއް ވެސް ގަލޮޅު ދަނޑުގައި ކުޅުމަށް ހަމެޖެހިފައިވާއިރު ޓީމުތަކުން ވަނީ މުބާރާތުގައި ބައިވެރިވާން ހުޅުވާލުމާއެކު ތައްޔާރީތައް ފަށާފައެވެ.