ޓީސީ ސްޕޯޓްސް ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބުގެ ފަސް ކުޅުންތެރިޔަކު އައުކޮށްފިއެވެ.
ކޮންޓްރެކްޓް އައު ކުރި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އަހުމަދު ފައްރާހު، އިބްރާހިމް ވަހީދް ހަސަން، އަހުމަދު ރިލްވާން އާއި މުހައްމަދު އައްޒާމްގެ އިތުރުން މި ސީޒަނުގައި އެ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ހުނަރުވެރި ފޯވާޑް އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ. ފޭދޫ އިއްބެ ވަނީ މި ސީޒަނުގައި ޓީސީއަށް 17 ލަނޑު ޖަހައިދީފައެވެ. ހަމައެހެންމެ މިދިޔަ ހަފްތާގައި ބޭއްވި މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި އެންމެ މޮޅު ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ 'ޖޫލޭ އެވޯޑު' ވެސް ލިބުނީ އޭނާއަށެވެ.
މި ސީޒަން ޓީސީއިން ނިންމާލީ ހުސްއަތާ ކަމުގައި ވިޔަސް އެ ޓީމުން ވަނީ މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އެ ޓީމުން އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ހޯދިއިރު ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްއާއި އެފްއޭ ކަޕްގެ ފައިނަލުގައި ވެސް ވާދަކުރިއެވެ. މި ހުރިހާ ފައިނަލްއަކުން ވެސް އެ ޓީމު ބަލިވީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަތުންނެވެ.
އަންނަ އަހަރުގެ އޭއެފްސީ ކަޕްގައި ވެސް ޓީސީއިން ވާދަކުރާއިރު އެ ޓީމުން އަންނަނީ އެ މުބާރާތައް ޓީމު ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެ މުބާރާތުގައި ޓީސީ އެންމެ ފުރަތަމަ ވާދަކުރަން ޖެހޭނީ ޕްރިލިމިނަރީ ބުރުގައެވެ. މި ބުރުގައި ބަންގްލަދޭޝަގް ފެޑެރޭޝަން ކަޕްގެ ޗެމްޕިއަންނުންނާ ދެކޮޅަށް އެ ޓީމު ކުޅޭ ފުރަތަމަ ލެގު ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު އޮންނައިރު ދެވަނަ ލެގު އޮންނާނީ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ.
ޓީސީއަށް ޕްރިލިމިނަރީ ބުރު ފަހަނައަޅައި ދެވިއްޖެނަމަ އެ ޓީމު ދެން ކުޅެން ޖެހޭނީ ޕްލޭއޮފްގެ ދެ ލެގެވެ. ޕްލޭއޮފްގައި އެ ޓީމު ނުކުންނާނީ އިންޑިއާގެ ބެންގަލޫރު އެފްސީ އަދި ބޫޓާންގެ ޓްރާންސްޕޯޓް ޔުނައިޓެޑާއި ދެ ޓީމު ކުޅޭ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.
މި ސީޒަނާއި ޓީސީއިން ކުރިމަތިލީ ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ޗެމްޕިއަނުންގެ ގޮތުގައެވެ.