އިންޑިއާގައި މައްސަލަ ބޮޑުވެފައިވާ ފިލްމު، ޕަދްމަވަތީއާއި މެދު ސެންސަރު ބޯޑުން މިއަދު ގޮތެއް ނިންމާނެއެވެ.
ޕަދްމަވަތީ މީގެ ކުރިން ސިނަމާތަކަށް އަންނަން އޮތް ދުވަސް ކަމަށްވާ މިމަހުގެ އެއްވަނަ ދުވަހު ފިލްމު އެޅުވުން ލަސްކުރީ ފިލްމް އެޅުވުމުގެ ހުއްދަ ހޯދުމަށްޓަކައި އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަން (ސީބީއެފްސީ) އަށް ފޮނުވުމުން އެ ބޯޑުން އެޕްލިކޭޝަން ފުރިހަމަ ނޫން ކަމަށް ބުނެ ފިލްމް އަނބުރާ ފޮނުވާލުމާއި ގުޅިގެންނެވެ.
މި ފިލްމާއި މެދު އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުގައި ޕަދްމަވަތީ އަޅުވާނީ އަންނަ މަހުގެ 5 ގައެވެ. އެއީ ދީޕިކާ ޕަދުކޯންގެ ވެސް އުފަންދުވަހަށް ދިމާވާތީ ބަންސާލީ ނިންނި ނިންމުމެއް ކަމަށް އިންޑިއާގެ ޚަބަރުތަކުގައި ވަނީ ބުނެފައެވެ.
މިއީ 1303 ވަނަ އަހަރު އިންޑިއާގައި ވެރިކަން ކުރެއްވި އަލާއުއްދީން ޚިލްޖީގެ އަނިޔާވެރި ރަސްކަމުގައި އޭނާ އަށް ރާޖްޕޫތުގައި ކުރިން ވެރިކަން ކުރި ރާނީ ޕަދްމަވަތީ ދެކެ ލޯބިވެގެން އޭނާ ހޯދުމަށް ކުރާ ހަނގުރާމައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މި ފިލްމްގައި ހަޤީގަތާއި ޚިލާފު ބައެއް ވާހަކަތައް ހިމެނޭ ކަމަށް ބުނެ ރާޖްޕޫތު ގްރޫޕްތަކުން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ދީޕިކާ ޕަދުކޯން އަދި ރަންވީރު ސިންހްގެ ސެންސަރު ކުރަންޖެހޭ މަންޒަރުތައް މިފިލްމުގައި ހިމަނާފައިވާ ކަމަށެވެ. އެހެން ނަމަވެސް މި ފިލްމުގެ ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީ ބުނެފައި ވަނީ މި ފިލްމުގައި އޭގެ މަންޒަރުތަކެއް ނުހިމެނޭނެ ކަމަށާއި ފިލްމު ބެލުމުން އެކަން އެނގިގެން ދާނެ ކަމަށެވެ.
"ޕާދްމަވަތީ" ޝޫޓް ކުރަމުން ދިޔައިރު ވެސް އެތަކެއް ދަތި ހުރަސްތަކާއި ކުރިމަތިލާން ޖެހުނެވެ. މި ފިލްމުގެ ޝޫޓިންގައި ފިލްމްގެ ކުރޫއާއެކު ޖެއިޕޫރުގައި ހަރަކާތްތެރިވަމުން ދަނިކޮށް ޖެއިޕޫރަށް ނިސްބަތްވާ ޕާޓީ "ކާނި ސެނާގެ" ބައެއް ސަޕޯޓަރުންނާއި މެމްބަރުން ފިލްމުގެ ސެޓް ހަދާފައި ހުރި ޖައިގާ ފޯޓަށް ގޮސް ހަޑި ހުތުރު ބަހުން މުއާމަލާތްކޮށް ހަމަނުޖެހުން ހިންގާފައިވެއެވެ.
އަފި ފިލްމް ޝޫޓިންގައި ބޭނުން ކުރަމުން ދިޔަ ކެމެރާތަކާއި އެހެނިހެން އަގުބޮޑެތި ސާމާނުތައް ހަލާކުކޮށްލާފައިވެއެވެ. ކުރިން "ޕަދްމަވަތީ" އެޅުވުމަށް ނިންމާފައިވަނީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުގައެވެ. ފިލްމު އަޅުވަން ގާތްގަނޑަކަށް ދެ ހަފްތާއަށް ވެފައިވަނިކޮށް ފިލްމު އެޅުވުން ފަސްކޮށްފައިވާއިރު ފިލްމުގެ ތަރިންނަށާއި ޑައިރެކްޓަރ ބަންސާލީއަށް ދަނީ މަރުގެ އިންޒާރު ކުރިމަތި ވަމުންނެވެ.