ކ. މާލެ
|
20 ޑިސެންބަރ 2017 | ބުދަ 09:48
ސައުދީގެ ދައުލަތުގެ މީޑިއާ އެސްޕީއޭއިން ބުނީ މިސައިލް އަމާޒުވީ މީހުން ދިރިއުޅޭ ސަރަހައްދަކަށް ކަމަށް
ސައުދީގެ ދައުލަތުގެ މީޑިއާ އެސްޕީއޭއިން ބުނީ މިސައިލް އަމާޒުވީ މީހުން ދިރިއުޅޭ ސަރަހައްދަކަށް ކަމަށް
ރޮއިޓަރސް
ޔަމަން ހަނގުރާމަ
ސައުދީއަށް އަމާޒުކޮށް ފޮނުވާލި ހޫސީންގެ މިސައިލެއް ވައްޓާލައިފި
ހޫސީންވަނީ ހަމަލާގައި އެތައް ބަޔަކު ޒަޚަމްވެފައިވާކަމަށް ބުނެފަ
ސައުދީ އަރަބިއްޔާއާއި ގުޅިފައިވާ ފައުޖުންވަނީ ހަަމަލާ އަމާޒުވީ މީހުން ދިރިއުޅޭ ސަރަހައްދަކަށް ކަމަށް ބުބުނެފައި
ހޫސީންނާ ދެކޮޅަށް ހަނގުރާމަފެށިތާ 1،000 ދުވަސްފުރުން ބުދަދުވަހުވަނީ ފާހަގަކޮށްފައި

ސައުދީ އަރަބިއްޔާގެ ރިޔާޒަށް އަމާޒުކޮށް ފޮނުވާލި މިސައިލެއް، ޔަމަނުގެ ހޫސީ ހަނގުރާމަވެރިންނާ ދެކޮޅަށް ހަނގުރާމަކުރަމުންގެންދާ ސައުދީ އަރަބިއްޔާއާއި ގުޅިފައިވާ ފައުޖުތަކުން ވައްޓާލައިފި ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

ހޫސީ ހަނގުރާމަވެރިން އަންގާރަ ދުވަހު ބުނީ ސައުދީ އަރަބިއްޔާ އާއި ގުޅިފައިވާ ކޯލިޝަނުން ޔަމަނާ ދެކޮޅަށް ހަނގުރާމަ ފެށިތާ 1،000 ދުވަސް ފާހަގަކުރުމަށް އަލް ޔަމާމާއަށް އަމާޒުކޮށް ބެލިސްޓިކް މިސައިލެއް ފޮނުވާފައިވާކަމަށެވެ.

"މިއީ އެ މީހުންނާ މުޅި ދުނިޔެއަށް އަހަރުމެން ދޭ ޖަވާބެއް"ޓީވީ މެދުވެރިކޮށް ދިން ބަޔާނެއްގައި ހޫސީ ހަނގުރާމަވެރިންގެ ލީޑަރު އަބްދުލްމާލިކް ބުނެފައިވެއެވެ.

މީގެ އިތުރުން އޭނާވަނީ ސައުދީ ކޯލިޝަނުން ހިންގާ ކޮންމެ ޖަރީމާއަކީ އަނިޔާއެއް ކަމަށާއި އޭގެ ރައްދަކަށް ވާނީ އިތުރު މިސައިލް ހަމަލާކަމަށެވެ.

ސައުދީގެ ދައުލަތުގެ މީޑިއާ އެސްޕީއޭއިން ބުނީ މިސައިލް އަމާޒުވީ މީހުން ދިރިއުޅޭ ސަރަހައްދަކަށް ކަމަށާއި ނަމަވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށެވެ.

"ކޯލިޝަންގެ ސިފައިން ކަށަވަރުކޮށްދޭ އީރާނުގެ ހޫސީން ވެރިރަށް ރިޔާޒަށް އަމާޒުކޮށް މިސައިލެއް ފޮނުވާލިކަމަށް. މިފަހަރު ނެތް އެއްވެސް މީހަކަށް އަނިޔާއެއް ވީކަމުގެ ރިޕޯޓެއް،" ސައުދީގެ ސެންޓަރ ފޮރ އިންޓަރނޭޝަނަލް ކޮމިއުނިކޭޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެއެވެ.

ހޫސީންގެ ތަރުޖަމާނު މުހައްމަދު އަލް ބުޚައިސީ އަލް ޖަޒީރާއަށް ބުނެފައިވަނީ އެ ހަމަލާގައި "އެތައް ބަޔަކު ޒަޚަމްވި" ކަމަށެވެ.

އޭނާ ބުނީ މިސައިލް ވައްޓާލައިފި ކަމަށް ސައުދީން ބުނާނެ ކަމަށާއި ނަމަވެސް ސައުދީގެ ކޮންމެ ހިސާބަކަށް ހަމަލާ ދިނުމުގެ ގާބިލްކަމާ އެ ޓެކްނޮލޮޖީ އެ ޖަމާއަތުގެ އެބަހުރި ކަމަށެވެ.

އޭނާ އިތުރަށް ބުނީ އެ މީހުން ފޮނުވާލީ ބުރުޚާން 2 އެޗް މިސައިލެއް ކަމަށާއި އެއީ ޔަމަނުގެ ސާދާއިން ފެށިގެން ރިޔާޒަށް ފޮނުވާލައިފި ނަމަ 800 ކިލޯމީޓަރަށްވުރެ ދުރަށް ދަތުރުކުރާނެ ސްކަޑް މިސައިލެއް ކަމަށެވެ.

ސައުދީ އާއި ގުޅިފައިވާ ފައުޖުންވަނީ ޔަމަނުގެ ވެރިރަށް ސަންއާގެ ދެކުނުގައި ހޫސީންގެ ކޮންޓްރޯލް އޮންނަ ސަރަހައްދަށް އަމާޒުކޮށް ވައިގެ މަގުން އިތުރު ހަމަލާތަކެއް ދީފައިވާކަމަށެވެ.

ސައުދީ އަރަބިއްޔާ އާއި ގުޅިފައިވާ ފައުޖުން ގެންދަނީ މާޗް 2015 ން ފެށިގެން ހޫސީ ހަނގުރާމަވެރިންނާ ދެކޮޅަށް ހަނގުރާމަކުރަމުންނެވެ.

ހޫސީންނާ ދެކޮޅަށް ސައުދީ އިސްވެ ހަނގުރާމަ ފެށީ ބައިނަލްއަގްވާމީ މުޖުތަމައުއިން ގަބޫލުކުރާ ޔަމަނުގެ ރައީސް އަބްދު ރައްބޫ މަންސޫރު ހާދީގެ ސަރުކާރު ދިފާއުކުރުމަށެވެ.

ގުޅިފައިވާ ފައުޖުން ޔަމަނުގެ ހޫސީންނާ ދެކޮޅަށް ހަނގުރާމަފެށިތާ 1،000 ދުވަސްފުރުން ބުދަ ދުވަހު ވަނީ ފާހަގަކޮށްފައެވެ.

 

- ކޮމެންޓް