މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ދޫކޮށްލުމަށް ފަހު ގައުމީ ޓީމުގެ މިޑްފިލްޑަރު މުހައްމަދު އުމެރު އަނބުރާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ބަދަލުވެއްޖެއެވެ.
އަންނަ އަހަރަށް ޓީމު ވަރުގަދަކުރުމަށް ނިއު އިން އަންނަނީ ގިނަ ކުޅުންތެރިންނާ ވާހަކަދައްކަމުންނެވެ. އެގޮތުން އެޓީމަށް ކުރިޔަށް އޮތް ސީޒަނަށް ގެނައި ފުރަތަމަ ކުޅުންތެރިޔަކީ އުމެއިރެވެ.
މިދިޔަ ސީޒަނުގައި އުމެއިރު އަށް އަނިޔާގެ މައްސަލަތަކެއް ކުރިމަތިވި ނަމަވެސް އޭނާ ވަނީ މާޒިޔާގެ އަސަދުﷲ އަބްދުﷲ (އަސައްކޮ) އަށް އަނިޔާވުމުން މާޒިޔާގެ ކެޕްޓަން ބޭންޑް އަޅައިގެން ނިކުމެ އެޓީމަށް މޮޅު ކުޅުމެއް ދައްކައި ޓީމު ލީޑުކޮށްދީފައެވެ.
ނިއު އިން އަންނަނީ ކުރިޔަށް އޮތް ސީޒަނަށް އެޓީމުގައި ތިބި ގިނަ ކުޅުންތެރިންގެ އެއްބަސްވުން އާކުރަމުންނެވެ. އެގޮތުން ކްލަބުގައި އަލީ އަޝްފާގު (ދަގަނޑޭ) އަދި އިބްރާހިމް ފަޒީލް (އޮއްޕޮ) ފިޔަވައި އެހެން ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ވަނީ އެއްބަސްވުން އާކޮށްފައެވެ. ބެލެވޭ ގޮތުގައި ދަގަނޑޭ އަދި އޮއްޕޮ ވެސް ކުރިޔަށް އެތް ދުވަސްތަކުގައި ނިއުގެ އެއްބަސްވުން އާކުރާނެއެވެ.
އަންނަ އަހަރު ނިއުގައި މަޑުކުރަން ނިންމައި އެއްބަސްވުން އާކޮށްފައި ވަނީ ދެ ކީޕަރުން ކަމަށްވާ އިމްރާން މުހައްމަދު އަދި މުހައްމަދު ފައިސަލްގެ އިތުރުން އަކްރަމް އަބްދުލްގަނީ، ހަސަން އަދުހަމް، އަހުމަދު އަބްދުﷲ، ރިލްވާން ވަހީދު އަދި މިދުހަތް ފަހުމީއެވެ. މި ކުޅުންތެރިންގެ އިތުރުން ނިއުގެ ކޯޗު އަންނަ އަހަރުގެ ނިޔަލަށް އެއްބަސްވުން އާކޮށްފައިވާއިރު، ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ އެލްޑޯ އަދި ކަންޑޭލާ ވެސް ވަނީ އެއްބަސްވުން އާކޮށްފައެވެ.
ނިއުގައި ދިގު މުއްދަތެއް ވަންދެން މަޑުކުރަން އެއްބަސްވެފައި ވަނީ ހަމްޒާ މުހައްމަދު، އަލީ ފާސިރު އަދި އިބްރާހިމް ރަޝީދެވެ.
ނިއު ވަނީ މި ސީޒަނުގައި އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އައްޑަނަ އުފުލާލުމުގެ އިތުރުން އެފްއޭކަޕްގެ ޗެމްޕިއަންކަން އަދި ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދާފައެވެ. ނިއު އަށް މި ސީޒަނުގައި ނުލިބުނީ ހަމައެކަނި މާލޭ ލީގެ ޗެމްޕިއަންކަމެވެ.