އެމެރިކާގެ ކާމިޔާބު ދުވުންތެރިޔާ ޖަސްޓިން ގެޓްލިންގެ މައްޗަށް މަނާ ބޭސް ބޭނުންކުރިކަމުގެ ތަހުގީގު ހިންގަން ފަށައިފިއެވެ.
ގެޓްލިންގެ މައްޗަށް ތަހުގީގު ހިންގަން ފަށާފައިވާއިރު އެނާއަކީ މިވަގުތު ދުނިޔޭގެ 100 މީޓަރު ދުވުމުގެ ޗެމްޕިއަންއެވެ.
ގެޓްލިންގެ މައްޗަށް ތަހުގީގު ހިންގަން ފަށާފައި ވަނީ އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ ޑެއިލީ ޓެލެގްރާފްގެ ނޫސްވެރިން ކުރި ތުހުމުތުތަކެއްގެ މައްޗަށް ބިނާކޮށެވެ. އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ގެޓްލިންއާ ގުޅުން އޮންނަ އޭޖެންޓެއް ކަމަށްވާ ރޮބާޓް ވެގްނާ ވަނީ އެތުލީޓުންނަށް 'ޕާފޯމެންސް އެންހޭންސިން' ޑްރަގްއެއް ސަޕްލައި ކޮށްދީފައެވެ. ޓެލެގްރާފްގެ ނޫސްވެރިންނަށް މިކަން ފަޅާއަރާފައި ވަނީ އެ ނޫސްވެރިން ކުރި ތަހުގީގަކުންނެވެ.
ގެޓްލިންގެ އިތުރުން އޭނާގެ ކޯޗު އަދި އޮލިމްޕިކްސް އިން ރަން މެޑަލް ހޯދި ޑެނިސް މިޝެލްގެ މައްޗަށް ވެސް ވަނީ ތަހުގީގު ހިންގަން ފަށާފައެވެ. މިޝެލްގެ މައްޗަށް ތަހުގީގު ހިންގަން ފަށާފައި ވަނީ އެތުލީޓުން ބޭނުންކުރާ މަނާ ބޭސް ދެނެގެތުމަށް ހަދާ ޓެސްޓްތަކުން އެ ބޭސް ބޭނުންކުރިކަން ނުފެންނާނެ ކަމަށް އޭނާ ބުނެފައި ވާތީއެވެ. ގެޓްލިންގެ އަދި އޭނާގެ ކޯޗު ވެސް ވަނީ ތަހުގީގުގައި މިކަމަށް އިންކާރުކޮށްފައެވެ.
ދުނިޔޭގެ އެތުލެޓިކްސް އިންޓެގްރިޓީ ޔުނިޓް އަދި އެމެރިކާގެ އެންޓި ޑޯޕިން އެޖެންސީ އިން އަންނަނީ މި މައްސަލައިގެ ތަހުގީގު ފަށާފައެވެ.
މި ދެ އިދާރާއިން ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ މިފަދަ ތަހުގީގުތަކަށް އެއްބާރުލުން ދިނުމަކީ އެންމެންވެސް ކުރަންޖެހޭ ކަމެއް ކަމަށާއި އެގޮތުން މި މައްސަލައިގެ ވެސް މައުލޫމާތު ލިބިފައިވާ މީހެއް ހުރިނަމަ އެ އިދާރާތަކާއި އެކަން ހިއްސާ ކުރުމަށެވެ. މިފަދަ ތުހުމަތުތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރާ މައްސަލަތަކެއް ކަމަށާއި މި މައްސަލައިގައި ވެސް އިންސާފުވެރި ނިންމުމެއް ނިންމާނެ ކަމަށް އެ ބަޔާނުގައިވެއެވެ.
ގެޓްލިންގެ ގާނޫނީ ޓީމުން ބުނެފައި ވަނީ އެއްވެސް މަނާ ބޭހެއް ބޭނުންކުރި ކަމަށް އޭނާ ޕޮސިޓިވް ވެފައި ނުވާނެ ކަމަށާއި އެކަމުގެ ހެއްކެއް ގޮތުން ފަސް އަހަރު ދުވަހުގެ ޑްރަގް ޓެސްޓުގެ ނަތީޖާ ހާމަކުރެވޭނެ ކަމަށެވެ.
މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ ގެޓްލިންގެ އެޖެންޓުގެ ސަބަބުން ކަމަށްވާއިރު އޭނާގެ އޭޖެންޓު ބުނީ އެއްވެސް މަނާ ބޭހެއް އެއްވެސް ފަރާތަކަށް ފޯރުކޮށްދީފައި ނުވާ ކަމަށެވެ.
އުމުރުން 35 އަހަރުގެ ގެޓްލިން ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން މަނާ ބޭސް ބޭނުންކުރުމާ ގުޅިގެން ސަސްޕެންޝަންތައް ފުރިހަމަކޮށްފައެވެ. ގެޓްލިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައި ވަނީ މިއަހަރުގެ އޮގަސްޓް މަހު ލަންޑަނުގައި ބޭއްވި ދުނިޔޭގެ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައެވެ. އެފަހަރުގެ ރޭހުގައި އޭނާ ވަނީ ދުނިޔޭގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ދުވުންތެރިޔާ ކަމަށްވާ އުސައިން ބޯލްޓް ބަލިކޮށްފައެވެ.